ދަމުނަމާދުކުރަން ރޭގަނޑުގެ ފަހުބައި ދެނެގަންނަން އެންމެ ޞައްޙަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަމުނަމާދުކުރަން ރޭގަނޑުގެ ފަހުބައި ދެނެގަންނަން އެންމެ ޞައްޙަ ގޮތް-

"ދަމުނަމާދުކުރަން އެންމެ ރަނގަޅު ވަޤުތަކީ ރޭގަނޑުގެ ފަހުދަންފަޅިކަމަސްވާއިރު އެވަޤުތު ދެނެގަންނާނެ ގޮތާއިމެދު އެކިބޭފުޅުންގެ ބަސްފުޅުގައި ކުދި ތަފާތުހުންނާތީ ރޭގަނޑުގެ ފަހު ދަންފަޅި ނުވަތަ ރޭގަނޑުގެ 3 ބައިން ފަހުބައި ދެނެގަންނަން އެންމެ ޞައްޙަ ގޮތް ވިދާޅުވެދެއްވަފާނަންތޯ؟"

ކިޔުންތެރިންގެ ފަރާތުން މިކަމުގައި ވަރަށް ގިނައިން ސުވާލުތައް ލިބެއެވެ. ސުވާލުތަކުގެ ޖަވާބު ތިރީގައިއެވާ ލިޔުމުން ލިބިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ.

ދަމުނަމާދުގެ މާނައަށް ބަލައިފިނަމަ އެއީ ރޭ އަޅުކަމެވެ. ޢިޝާ ނަމާދާއި ރަވާތިބު ސުންނަތް ކުރުމަށްފަހު ފަތިސްނަމާދު ވަގުތު ޖެހެންދެން ކުރާ ކޮންމެ އަޅުކަމަކީ ވެސް ރޭ އަޅުކަމެވެ. ދިވެހިން ދަމުނަމާދުކިޔަނީ ތަހައްޖުދު ނަމާޑު ކުރުމަށެވެ. އެ ނަމާދަކީވެސް ހަމަ ޢިޝާ ނަމާދަށްފަހުގައިވެސް ކުރެވިދާނެ ނަމާދކެވެ. ނަމަވެސް މޮޅު އިތުރުވެގެންވަނީ ރޭގަނޑުގެ ތިންބައިން ފަހުބައިގައި ކުރުމެވެ.

އެހެންކަމުން ރޭގަނޑުގެ ތިންބައިން ފަހުބައި ބަލާނީ ކިހިނެއް ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. މިއީ މިވެނި ގަޑިއަކުން މިވެނި ގަޑިއަކަށް ކަމަށް ސީދާ ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އިރުއޮއްސި ރޭގަނޑަށް ފެށޭވަގުތު ތަފާތު ވަމުން އަންނާތީއެވެ.

ރާއްޖެ ފަދަ ރޭގަނޑަކީ ޢާންގޮތެއގައި 12 ގަޑިއިރު ކަމަށްވެފައިވާ ޤައުމުތަކުގައި މިކަން ބަލާނަމަ އިރުއޮއްސުނު ވަގުތުން ފެށިގެން ރޭގަނޑު 3 ބައަށް ބަހައިލާށެވެ. އެތަނުން ފަހުބައަށް ފެށުމުން އެއޮތީ ރޭގަނޑުގެ 3 ވަނަ ބައަށް ފެށިފައެވެ. މިސާލަކަށް 6 ޖެހިއިރު އިރު އޮއްސިއްޖެނަމަ 3 ވަނަ ބައި ފެށޭނީ 2 ޖަހާއިރުއެވެ. 6.30 ގައި އިރުއޮއްސިއްޖެނަމަ 3 ވަނަ ބައި ފެށޭނީ 2.30 ގައެވެ.

އެހެންކަމުން އެވްރެޖް ގޮތަކަށް ބަލައިފިނަމަ ދަންވަރު 2 ޖެހުމުން އެއޮތީ 3 ވަނަ ބައަށް ފެށިފައެވެ. ނަމަވެސް ސީދާ ބަލާނަމަ ޖެހޭނީ އިރު އޮއްސުނު ވަގުތުން ފެށިގެން ފަޖުރުލުމާއި ދެމެދުގެ ވަގުތުތައް 3 ބައަށް ބަހައި ފަހުބައި ފޭށޭ ވަގުތު ބަލާށެވެ.

ބައެއް ޤައުމުތަކުގައި އަދި ރާއްޖޭގެ ވެސް ބައެއް މިސްކިތްތަކުގައި ރަމަޟާން މަހު މެންދަމު 1 ޖަހާއިރު ދަމު ނަމާދު ފަށައެވެ. ނިމޭނީ 3.00 ހައި އިރުއެވެ. އެއިރުން ދަމުނަމާދު އެ ނިމެނީ ރޭގަނޑުގެ 3 ވަނަ ބައިގައެވެ. އެ ގޮތަށް ކަންތައް ކުރަނީ ހާރުކައިގެން ފަތިސް ނަމާދަށް ދިއުމަށް ފުރުޞަތު އިތުރުކުރުމަށެވެ.

މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން