އެހެން މީހުން ތިބާގެ އަގުވަޒަންނުކުރުމަކީ މައްސަލައެއްކަމަށް ނުދެކޭށެވެ! އިޚްލާޞްތެރިއަކު ކަމަށްވުމުން ﷲ ތަޢާލާ ތިބާގެ ވަޒަންކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެހެން މީހުން ތިބާގެ އަގުވަޒަންނުކުރުމަކީ މައްސަލައެއްކަމަށް ނުދެކޭށެވެ! އިޚްލާޞްތެރިއަކު ކަމަށްވުމުން ﷲ ތަޢާލާ ތިބާގެ ވަޒަންކުރައްވަވާނެތެވެ! އިން ޝާ ﷲ

ތިބާއަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރި، ކިޔަމަންތެރިއަކުނަމަ ތިބާގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައިވަނީ އުފުލިގެންނެވެ. މަތިވެގެންނެވެ. އިން ޝާ ﷲ ވީމާ އެހެން މީހުން ދެކޭގޮތާއިމެދު ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑު މީހަކަށްވުމަށެވެ.

އެހެން މީހުންގެ އަގު ވަޒަން ނުކުރާ މީހުންނަކީ ޖާހިލުންނެވެ. ކިބުރުވެރިންނެވެ. ގޮތްދޫނުކުރާ މީހުންނެވެ. އެފަދަ މީހަކު ތިބާގެ އަގުވަޒަން ނުރުމުން ތިބާއަށް ލިބޭނެ އެއްވެސް އުނިކަމެއްވެސް ނެތެވެ. އިން ޝާ ﷲ

ގިނަބައެއްގެ ހިތް ނުތަނަވަސްވެ ކަންބޮޑުވުންތައް ގިނަވެ މާޔޫސްވާ އެއް ސަބަބަކީ ކުރާ ކަންކަމުގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. އެމީހާގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. އެކަމާއިހުރެ ކަންބޮޑުވެގެން ނުވަތަ ދެރަވެގެން ގިނަބައަކު އުޅެއެވެ.

އެއީ މައްސަލައެއްވެސް ނޫނެވެ. ކޮންމެ މީހަކީ ބަދަލަކަށް އެދިގެން އެހެން މީހުންނަށް ކަންކަން ކޮށްދޭ މީހަކު ކަމުގައި ނުވިނަމަވެސް ކޮންމެ މީހަކީވެސް އެމީހަކު ކޮށްދޭ ކަންކަމުގެ އަގު ވަޒަންކުރާތަން ދެކެން ނުވަތަ އަގުވަޒަންކުރާކަން އެނގެން ބޭނުންވާނެ މީހެކެވެ. އެކަމަށް ބޭނުން ނުވާނީ ވަރަށް މަދު މީހެކެވެ.

މިޘާލެއްގެ ގޮތުން ބުނެލަންއޮތީ ތިބާއަށް ކަންކަން ކޮށްދޭ މީހަކު ދެކެ ތިބާ ލޯބި ނުވިނަމަވެސް ނުރުހުނަސް އެފަދަ މީހަކަށް ހިތްނުބައި ނުކުރާށެވެ! އަދި ނުބައިބަހެއްވެސް ނުބުނާށެވެ. ޝުކުރުވެރިވެސް ވާށެވެ. އަދި އެފަދަ މީހުންނަށް ހެޔޮކޮށްހިތާށެވެ! ޝުކުރުވެރިވުމަކީ އެއީއެވެ.

ތިރީގައި މިވަނީ އެފަދަ މީހުން ހިތްވަރު ލިބިގަންނަންވީ ބަސްކޮޅެކެވެ.

"މަޚްލޫޤެއްގެ ކުރިމަތީގަ ތިބާގެ އަގެއް ނެތަސް، ފަހަރުގައި ޚާލިޤްވަންތަ ﷲ ގެ ޙަޟްރަތުގައި ތިބާގެ އަގު މަތިވެރިވެދާނެއެވެ."

 

މީހަކު ތިބާގެ އަގު ވަޒަން ނުކުރަނީ ނޭނގޭތީކަމަށް ނުވަތަ އެނގުނު ނަމަވެސް ވަޒަންކުރަން ބޭނުން ނުވާތީކަމަށްވެދާނެއެވެ. އެކަން އެއީ އެމީހާގެ މައްސަލައެއްކަމަށް ބަލައި ދޫކޮށްލާށެވެ! އަޅައިވެސް ނުލާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށާއި ޘަވާބަށް އެދޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން