ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމާ ޢިލްމު ހުރިނަމަ ކައިވެނިކުރަން ރަނގަޅު ކަމަށް ބެލެވުނަސް އަޅުގަނޑުގެ ތަޖުރިބާއަކީ ތެދުވެރިކަމާ ތަޤްވާވެރިކަން ނެތްނަމަ އެއީ ބޮޑު މުޞީބާތެއްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަމާ ޢިލްމު ހުރިނަމަ ކައިވެނިކުރަން ރަނގަޅު ކަމަށް ބެލެވުނަސް އަޅުގަނޑުގެ ތަޖުރިބާއަކީ ތެދުވެރިކަމާ ތަޤްވާވެރިކަން ނެތްނަމަ އެއީ ބޮޑު މުޞީބާތެއްކަން!

މިއީ ވަރަށް ބޮޑު ޢިބްރަތެއް ލިބިގެންދާ ވާހަކައެކެވެ. އެއީ ވަޒީފާއަށް ބިރުނުގެން އަނިޔާލިބެމުން އަންނަ މީހަކު އެކަމުން ސަލާމަތްކުރަން އެހީތެރިވެދީފިނަ އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިވާނެ ކަމެވެ. ކުރި ހެޔޮ ކަންތަކަށް ބަދަލު ހޯދަން އެމިހެއްގެ ފަހަތުން ނުދުވިނަމަވެސް އެހެޔޮކަންތައް އެމީހާ ހޯދައި ތަނަވަސްކަމާއި އުފާވެރިކަން ހޯދައިދޭނެ ކަމެވެ. ހަމަ އެއާއިއެކު ހެޔޮލަފާ އަންތބަކު ލިބުމުން ޝުކުރުވެރިވާން ނުއެނގިއްޖެނަމަ ކޮންމެވެސް ދުވަހަކުން ފަޟީޙަތްވާނެ ކަމާއި ލިބޭނެ ދެރަ މާބޮޑުވާނެ ކަމެވެ. 

ވާހަކަވިދާޅުވެލައްވާށެވެ! 

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް މަކަރުހަދައި ވައްކަންކުރަމުން ދިއައީ ވަކިވަރަކަށް ނޫނެވެ. ދެމަފިރިންނަށް ބައްޕަ ހުޅުވައިދިން ވިޔަފާރީގައި ބަރަކާތް ލައްވަވައި ނަފާ ލިބެން ފެށުމުން އެފައިސާ ބޭނުންކުރަމުން އައީ އަނބިދަރިންނަކަށް ނޫނެވެ. ހިލޭ އަންހެނުންނަށެވެ. 

އެކަމުގެ ޝަކުވާ ބައްޕައަށް އެތައްފަހަރަކު ކުރީމެވެ. ވަރިވާންވެސް މަޝްވަރާކުރީމެވެ. ނަމަވެސް ބައްޕަ ޤަބޫލެއް ނުވެއެވެ. ބުނުއްވަނީ ޝައްކުގެ މައްޗަށް ކަންކަންކުރަން ނުވާނެކަމަށެވެ. ޚާއްޞަކޮށް ދެމަފިރިއަކު ވަރިވުން ފަދަ ކަންކަން ކުރަންވާނީ ވަރަށް ބޮޑަށް ބަލައި ޔަޤީންކުރުމަށްފަހުގައިކަމަށެވެ. އަމިއްލަ ލޮލުން ނުދެކެ މީހުން ދައްކާ ވާހަކައިގެ މައްޗަށް ކަންކަންކުރަން ހެޔޮ ނުވާނެ ކަމަށެވެ.

ކޮންމެއަކަސް ހިތުގައި އަޅަމުންދިއަ ވޭންތަކަށް ކެތްނުކުރެވިގެން ފިރިމީހާ ކުރާ ކުށްތައް ހޯދަން އެކި ގޮތްގޮތުން މަސައްކަތްފެށީމެވެ. އަދި ކިތަންމެ ކުރަން ނުބައިކަމެއް ނަމަވެސް ފިރިމީހާއަށް ފާރަލާން މީހުންވެސް ހަމަޖެއްސީމެވެ. 

އެގޮތަށް މަސައްކަތްފެށިތާ މަހެއްހައިދުވަސްވެސް ނުވަނީ ވަގުކަލޭގެ ވައްކަންކުރަނިކޮށް އަތުލައިގަނެވިއްޖެއެވެ. ފާރަލާން ޙަވާލުކުރިމީހަކު ބުނުމުން އޭނާ ކޮޓަރިއެއް ކުއްޔަށް ހިފައިގެންހުރި މާލޭގެ މަޝްހޫރުހޮޓަލަކަށް ދިއައީމެވެ. ގޮސް އެތަނުގެ ރޫމްބޯއިއެއްގެ އެހީތެރިކަމުގައި އޭނާ ގެންގެންގުޅޭ ޑަބަލް ތަޅުދަނޑިން ކޮޓަރި ހުޅުވައިގެން ދެމީހުން އެކުގަ ފޭރާމެއްވެސް ނެތި ތިއްބައި ކޮޓަރިއަށް ވަނީމެވެ. 

އެހިސާބުން ބައްޕައަށް ދައްކާނެ ހެކިލިބި އަޅުގަނޑު ޙާޞިލްކުރަން ބޭނުންވި ކަންކަން ޙާޞިލުކުރެވުނެވެ. ފިރިމީހާގެ ކިބައިން ސަލާމަތްވެވުނެވެ. އަދި ދެމީހުންގެ ނަމުގައި ކުރަމުން އައި ވިޔަފާރިންވެސް އޭނާ ބާކީކޮށްލައި ވިޔަފާރި އަމިއްލައަށް ހިންގަން ފެށީމެވެ! 

އެކަމުގައި އެހީތެރިވި ރޫމްބޯއިގެމަތިން ހަނދާންވީ މަހެއްހައިދުވަސްފަހުންނެވެ. އޭނާ ހޯދައިގެން އޮފީހަށް ގެނެސް ބައްދަލުކޮށް ޙާލު އޮޅުންފިލުވިއިރު ކަމަކުދާކަށް ނެތެވެ. ތަޅުހުޅުވައިދިނީ އޭނާކަން އެނގިގެން ހުރީ ވަޒީފާއިން ވަކިކޮށްފައެވެ. ވަރަށް ދަތިޙާލުގައެވެ. އޭނާ ބުނީ ވަޒީފާއިން ވަކިކުރުމުން ދެރަނުވާކަމަށެވެ. 

"އަޅުގަނޑު އެހީތެރިވީ އަނިޔާ ލިބެމުންދާ އަންހެނެއްގެ ދިރިއުޅުން ސަލާމަތްކުރަން. އެހެންވީމާ ﷲ އަޅުގަނޑަށް ފަހުން ނަމަވެސް އެހީތެރިވެދެއްވާނެކަން އެއީ އަޅުގަނޑަށް ޔަޤީންކަމެއް. އަޅުގަނޑު އެދުވަހު އެކަންކުރީ ވަޒީފާގެ ބިރު އަތްމައްޗަށް ލައިގެންހުރެ. އެނގިއްޖެނަމަ ވަޒީފާއިން ވަކިކުރާނެކަންވެސް އެނގިހުރެ. 

އަޅުގަނޑު ބުނިން ވަޒީފާއިން ވަކިކުރާތީ ދެރައެއް ނުވެއޭ. އަޅުގަނޑުކުރީ ހެޔޮކަމެކޭ. ކޮންމެވެސް ދުވަހަކުން ހޮޓަލުގެ ވެރިން ހިތާމަކުރަންޖެހޭނެއޭ. ޒިނޭކުރަންކަން އެނގިތިބެ ކޮޓަރި ކުއްޔަށްދީގެން ފައިސާ ހޯދާކަން މީހުންނަށް ނުއެނގުނަސް ﷲ ދެނެވޮޑިގެންވެޔޭ. 

ވަޒީފާ ގެއްލިގެން އަޅުގަނޑު ދެރައެއް ނުވަން. ދަތިޙާލުގަ އުޅެން ޖެހޭ ދުވަސްވެސް އަންނާނެ. ދެރަވަނީ މުސްކުޅި މައިންބަފައިންނަށް މިދުވަސްކޮޅު އެހީތެރިނުވެވޭތީ." ކަމަށް ބުނުމުން އޭނާއަށް ލިބެމުން އައި މުސާރަ އޮޅުންފިލުވައި ހަދިޔާއަކަށް 3 މަސް ދުވަހުގެ މުސާރަ ދިނީމެވެ. އަދި ކޮންމެ މަހަކު ހަމަ އެމުސާރަ ލިބޭނެ ވަޒީފާއެއްވެސް ދިނީމެވެ. 

އެއީ ކިޔަވައިގެންހުރި ޒުވާނެކެވެ. ވިޔަފާރީގެ ދާއިރާއިން ފައުންޑޭޝަން ކޯސްވެސް ހަދައިގެންހުރި ޒުވާނެކެވެ. ދާއިރާ ބަދަލުކޮށް ވަޒީފާއަދާކުރަންފެށީ މައިންބަފައިންނަށް އެހީތެރިވާނެ ފައިސާއަށް ބޭނުންވެގެންނެވެ. ގިނަ ފައިށާ ހޯދަން ބޭނުންވާތީއެވެ. 

އެ ޒުވާނާވީ ވަރަށް ހީވާގި އަދި މަސައްކަތުގައި ތެދުވެރި ޒުވާނަކަށެވެ. ބަރާބަރަށް ނަމާދުކުރެއެވެ. ވީމާ ޖުމުލަކޮށްލައިފިނަމަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ރަނގަޅު ސިފަތައް އޭނާގެ ކިބައިގައި ހުއްޓެވެ. 

މިކަންކަމަށް ބަލައި އަޅުގަނޑު މިހުރީ މިހާރު އޭނާ އާއި ކައިވެނިވެސްކޮށްގެންނެވެ. ދަރިންވެސް ލިބިއްޖެއެވެ. ފާރަލާކަށް ނުޖެހެއެވެ. އަބަދުވެސް އުޅެނީ މަސައްކަތުގައި ނޫނީ ގޭގަ އަޅުގަނޑު ގާތުގައެވެ. 

ޤަދަރުވެރި ފައިސާވެރި، ކިޔަވައިގެން ތިބޭ ޒުވާނުންނަކީ ކައިވެނިކުރަން ރަނގަޅު ބައެއް ކަމަށް ބެލެވުނުނަމަވެސް އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަކީ ތެދުވެރިކަމާ ތަޤްވާވެރިކަން ނެތްނަމަ އެއީ މޮޑު މުޞީބާތެއް ކަމެވެ. ކިތަންމެ ނިކަމެތި ނަމަވެސް ތެދުވެރިކަމާއި ތަޤްވާވެރިކަން ހުރިނަމަ ލިބޭ އުފާވެރިކަން މާބޮޑުކަމެވެ. 

- ޝަރީފާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން