ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ދަރިންގެ މައްޗަށް ބަދުދުޢާކުރަން ހެޔޮނުވާނެ! ޢިޖާބަ ކުރައްވަވައިފިނަމަ ފަހުން މާބޮޑަށް ހިތާމަކުރަން ޖެހިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 26ސ
ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ދަރިންގެ މައްޗަށް ބަދުދުޢާކުރަން ހެޔޮނުވާނެ! ޢިޖާބަ ކުރައްވަވައިފިނަމަ ފަހުން މާބޮޑަށް ހިތާމަކުރަން ޖެހިދާނެ!

ދަރީންނަކީ ދުނިޔޭގެ ޙަޔާތުގެ ޒީނަތުގެ ތެރެއިން ހިމެނޭ ބައެކެވެ. ﷲ ތައާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

( الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ) الكهف/46 .

"މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ." 

ދަރީންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. އެބައިމީހުން އެ ދަރީންނަށް ބަދު ދުޢާކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ 

ދަރީންނާއި މުދަލާއި ނަފްސުތަކުގެ މައްޗަށް ބަދު ދުޢާކުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވެއެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަޤުތަކާ ދިމާވެދާނެ ކަމަށް ބިރުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

( لَا تَدْعُوا عَلَى أَنْفُسِكُمْ ، وَلَا تَدْعُوا عَلَى أَوْلادِكُمْ ، وَلَا تَدْعُوا عَلَى أَمْوَالِكُمْ ، لَا تُوَافِقُوا مِنْ اللَّهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ فَيَسْتَجِيبُ لَكُمْ ) رواه مسلم (3014) . 

މާނައީ: "ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރީންގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. ﷲ ގެ ޙަޟްރަތުގައި ކަމަކަށް އެދި އެވަޤުތުގައި ދެންނެވުމުން އިޖާބަކޮށްދެއްވާ ވަޤުތަކާ ދިމާ ނުވުމަށްޓަކައެވެ. ފަހެ، އެފަދަ ވަޤުތަކާ ދިމާވެއްޖެނަމަ އެދުޢާ ތިޔަބައިމީހުންނަށް އިޖާބަކުރައްވާނެއެވެ." 

މައިންބަފައިން ދަރީންނަށްޓަކައި ކުރާ ހެޔޮ ދުޢާ އަދި ދަރީންގެ މައްޗަށް ކުރާ ބަދު ދުޢާއަކީވެސް އިޖާބަވެގެންވާ ދުޢާއެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

( ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ ) رواه ابن ماجه (3862) وحسنه الألباني فيسلسلة الأحاديث الصحيحة” (596) . ولفظ الإمام أحمد (7197):

( وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ ) 

"ތިން މީހެއްގެ ދުޢާ އިޖާބަވުމާމެދު ޝައްކެއްނެތެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއާއި،  ދަތުރުވެރިޔާގެ ދުޢާ އާއި ބައްޕަ ދަރިފުޅަށް ކުރާ ދުޢާއެވެ." އިމާމު އަޙްމަދުގެ ރިވާޔަތުގެ ލަފުޒުގައިވެއެވެ. "އަދި ބައްޕަ ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާއެވެ." 

މައިންބަފައިން ރުޅިއަންނަ ކަމެއް ދަރީންގެ ފަރާތުން ދިމާވާ ހިނދު، ދަރީންނަށް ބަދު ދުޢާކުރުމަކީ ގިނަ މައިންބަފައިންނަށް ކުރެވޭ ކުށެކެވެ. ކުރަންވީ ކަމަކީ ދަރީންނަށް ހިދާޔަތު ދެއްކެވުމަށާއި ދަރީން އިޞްލާޙްކޮށްދެއްވުމަށާއި ދަރީންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރުމެވެ. 

ރުޅީގެ ސަބަބުން މައިންބަފައިން ކުރާ އެފަދަ ދުޢާތައް އިޖާބަނުކުރައްވާ ކަމީ ﷲ ތަޢާލާ ގެ ރަޙްމަތުގެ ތެރެއިންވާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

( وَلَوْ يُعَجِّلُ اللّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُم بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ فَنَذَرُ الَّذِينَ لاَ يَرْجُونَ لِقَاءنَا فِي طُغْيَانِهِمْ يَعْمَهُونَ ) يونس/11 . 

"ހެޔޮކަމާއި، ޘަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، ﷲ އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލުޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (ޤިޔާމަތް ދުވަހުން) ތިމަންއިލާހާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ޙާލު، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ."

(ޔޫނުސް: 11) 

އިބްނު ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. 

"ތަޢާލާ މި އާޔަތުގައި އެއިލާހުގެ އަޅުތަކުންނަށް ޚަބަރު ދެއްވާފައިއެވަނީ އެއިލާހުގެ ކޯފާ މަޑުކަމާއި، އެއިލާހުގެ އަޅުތަކުންނަށްޓަކައި އެއިލާހުގެ އޯގާވަންތަކަމުގެ ވާހަކައެވެ. އެހެނީ ރުޅީގެ ޙާލަތުގައި އެބައިމީހުންގެ ނަފްސުތަކަށާއި މުދަލަށާއި ދަރީންނަށް އެބައިމީހުން ކުރާ ބަދު ދުޢާ އެއިލާހު އިޖާބަނުކުރައްވަވަނީއެވެ. އެބައިމީހުން ޤަޞްދުގައި ނުބައިކަމެއް ވުމަށް ނޭދޭކަން އެއިލާހު ދެނެވޮޑިގެންވެއެވެ. އެހެންވެ، އެބައިމީހުންނަށް އެ ބަދު ދުޢާ އިޖާބަ ނުކުރައްވަނީއެވެ. އެއީ އޯގާތެރިވެވޮޑިގެންނެވެ. ހަމަ އެފަދައިން، އެބައިމީހުންގެ ނަފްސުތަކަށާއި މުދަލަށް އަދި ދަރީންނަށް ހެވާއި ބަރަކާތް ލެއްވުމަށާއި އިތުރުވުމަށް އެދި ކުރާ ދުޢާ އިޖާބަކުރައްވައެވެ."

تفسير ابن كثير  (2/554 ):

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މަރްޖިޢު

https://islamqa.info/ar/answers/90178

 

މިއަދު އޮންލައިން