ނަބިއްޔާ ޞޢވ ކޮންމެ ދުވަހަކުވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 22މ 8ސ
ނަބިއްޔާ ޞޢވ ކޮންމެ ދުވަހަކުވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް

ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހަކުވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް އޮޅުންފިލުވަން ގިނަ ބައަކު އެދެމުންދާތީ މިހާމަކުރަނީ އެކަންކަން ވަރަށް ތަފްޞީލުކޮށް އެނގިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ 

الحمد لله والصلاة والسلام على حبيبنا محمد صلى الله عليه وسلم. أما بعد: 

ފުރަތަމައީ: 

ގެ ރަސޫލާ صلى الله عليه وسلم ރޭގަނޑާއި ދުވާލު ކީރިތި ޤުރުއާން ކިޔުއްވުން ގިނަކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ދިގުކުރެއްވިއެވެ. އިމާމު މުސްލިމް (722) ރިވާ ކުރައްވާފައިވާ ގޮތުން އެކަލޭގެފާނު ދަމުނަމާދުގެ އެއް ރަކުޢަތުގައި ބަޤަރާ ސޫރަތާއި އާލް-ޢިމްރާން ސޫރަތާއި އަދި ނިސާ ސޫރަތް ކިޔުއްވިއެވެ. 

އަދި ޤުރުއާން ކިޔެވުމަށާއި އަދި ޤުރުއާން އުނގެނުމަށާ އަދި ޤުރުއާން އުނގަންނައިދިނުމަށް އެކަލޭގެފާނުގެ އުންމަތަށް ބާރުއެޅުއްވިއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

»الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ « [رواه البخاري (4937)، ومسلم (798)]

މާނައީ: "ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާއެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ." 

އަދި ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

»خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ« [رواه البخاري (5027)]

މާނައީ: "ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ." 

1. ނަބިއްޔާ صلى الله عليه وسلم ކޮންމެ ރެޔަކާވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔުއްވައެވެ. 

ޖާބިރު رضي الله عنه ރިވާކުރެއްވިއެވެ.

»أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لا يَنَامُ حَتَّى يَقْرَأَ الم تَنْزِيلُ، وَتَبَارَكَ الَّذِي بِيَدِهِ الْمُلْكُ« الترمذي (2892) وصححه الألباني فيصحيح سنن الترمذي

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم, الۤمۤ تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާވިދާޅު ނުވެ އަވަހާރަފުޅު ނުލައްޕަވައެވެ." 

أَيْ: لَمْ يَكُنْ عَادَتُهُ النَّوْمَ قَبْلَ قِرَاءَتِهِمَا ” [تحفة الأحوذي (8 / 191)]

މާނައީ: “އޭގެ މާނައަކީ: އެ ދެ ސޫރަތް ކިޔެވުމުގެ ކުރިން އަވަހާރަފުޅު ލެއްޕެވުމަކީ އެކަލޭގެފާނުގެ އާދަފުޅެއް ނޫނެވެ.” 

2. އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވާވިދާޅުވުމުގެ ކުރިން އެކަލޭގެފާނު صلى الله عليه وسلم އަވަހާރަފުޅުނުލައްޕަވައެވެ.    

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

»كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ، وَبَنِي إِسْرَائِيلَ« الترمذي  (3405) وصححه الألباني فيصحيح سنن الترمذي

މާނައީ: "ނަބިއްޔާ صلى الله عليه وسلم، ޒުމަރު ސޫރަތް އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާވިދާޅުވުމުގެ ކުރިން އަވަހާރަފުޅުނުލައްޕަވައެވެ."

3. المعوذات (ފަލަޤި ސޫރަތާއި ނާސި ސޫރަތާއި އަދި އިޚްލާޞް ސޫރަތް)    

ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. 

»أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ« [رواه البخاري (5017)] 

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކޮންމެ ރެޔަކު އެކަލޭގެފާނު އެނދުދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، ދެއަތްޕުޅުކައިރި ކުރައްވައި އެއަށްފަހު އެއަށް ފުމެލެއްވައެވެ. އެއަށްފަހު އެދެއަތްޕުޅަށް (قُلْ هُوَ اللهُ أَحَدٌ)( قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި ( قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވައި ވިދާޅުވުމަށްފަހު އެދެއަތްޕުޅުން، އެކަލޭގެފާނު ކުޅަދާނަވެގެންވި ވަރަކަށް ހަށިކޮޅުގައި ފިރުމާލައްވައެވެ. އެކަލޭގެފާނު ފުރަތަމަ ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. ދެން ކުރިމައްޗަށް ވާފަދައިން ހަށިކޮޅުގައި އަތްޕުޅުން ފިރުމާލައްވައެވެ. އެފަދައިން ތިންފަހަރު ތަކުރާރު ކުރައްވައެވެ." 

4. سورة الكافرون (ކާފިރޫން ސޫރަތް)     

ފުރްވަތު ބުނު ނައުފަލް رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ނައުފަލްއަށް ޙަދީޘްކުރެއްވިއެވެ.

«اقْرَأْ قُلْ يَا أَيُّهَا الْكَافِرُونَ ثُمَّ نَمْ، عَلَى خَاتِمَتِهَا، فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ» [رواه أبو داود (5055)، وصححه الألباني فيصحيح سنن أبي داود”]

މާނައީ: "ތިބާ، قل يا أيها الكافرون (ކާފިރޫން ސޫރަތް) ކިޔަވާށެވެ. ދެން އެސޫރަތް ކިޔަވާ ނިމުމުން ނިދާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝިރުކުން ބަރީއަކުރުވާ ސޫރަތެކެވެ." 

5. آية الكرسي (ކުރުސި) 

އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘެއްގައިވެއެވެ. 

»إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ، لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ« [رواه البخاري (3275)]

މާނައީ: "ތިބާ ނިދަން އޮށޯންނަހިނދު، އާޔަތުލް ކުރުސީ ކިޔަވާށެވެ. ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ މަލާއިކަތަކު މާތް ﷲގެ ޙަޟްރަތުން، ތިބާއާއެކުގައި ވާނެއެވެ. އަދި ހެނދުނުވަންދެން ޝައިޠާނާ ތިބާއާ ކައިރި ނުވާނެއެވެ." 

6. ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް 

އަބޫ މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.

»الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ« [رواه البخاري  (4008)، ومسلم (255 – (807))]

މާނައީ: "ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފިމީހަކަށް، އެ ފުދިގެންވެއެވެ"

މި ޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.

ބުނެވެއެވެ. ޙަދީޘްގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައިވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުން ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައިވެސް ވެދާނެއެވެ.”  [شرح مسلم للنووي (6/ 92)]

7 ނިދން ތެދުވެ އާލް-ޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް

ކުރައިބު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް رضي الله عنه އެކަލޭގެފާނަށް ޚަބަރުދެއްވިއެވެ. 

»أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ : فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ، وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا، فَنَامَ حَتَّى انْتَصَفَ اللَّيْلُأَوْ قَرِيبًا مِنْهُفَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ، ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ، ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ قَامَ يُصَلِّي« [رواه البخاري (992)، ومسلم (763)]

މާނައީ: "އެކަލޭގެފާނު މައިމޫނާގެފާނުގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ (އެބަހީ: އިބްނު ޢައްބާސްގެ) ބޮޑުދައިތައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) “ތިމަންކަލޭގެފާނު ބާލީހުގެ ހުރަހަށް ވާގޮށް އޮތީމެވެ. އަދި ﷲ ގެ ރާސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ ރޭގަނޑުގެ ދެބަޔާއި ގާތްވަންދެން އެކަލޭގެފާނު އަވަހަރަފުޅުލެއްޕެވިއެވެ. އެއަށްފަހު އެކަލޭގެފާނު ނިދިން ތެދުވެވަޑައިގެން ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން އެލުވާފައިވާ ފެން ކަންވާރުގެ ކައިރިއަށް ވަޑައިގަތެވެ. ދެން ފުރިހަމަ ވުޟޫއެއް ކުރެއްވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ." 

8. ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި ކިޔުމަށް ބާރުއެޅުއްވިއެވެ.    

އުމާމާ رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

»مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ« النسائي فيالسنن الكبرى ” (9848)

މާނައީ: "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ކުރުސި ކިޔައިފި މީހާ ދަންނައެވެ. މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެއެވެ". 

9 ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ބާރުއެޅުއްވިއެވެ.

ޢުޤްބާ ބުނު ޢާމިރު رضي الله عنه  ވިދާޅުވިއެވެ.

أَمَرَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ “.  [وصححه الألباني فيصحيح سنن أبي داود”]

މާނައީ: "“ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ﷲ ގެ ރަސޫލާ ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ." أبو داود (1523) وصححه الألباني فيصحيح سنن أبي داود 

10 އަދި މި ތިން ސޫރަތް (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ހެނދުނާއި ހަވީރު ކިޔުމަށްވެސް

އެކަލޭގެފާނު ބާރުއެޅުއްވިއެވެ.

ނަބިއްޔާ صلى الله عليه وسلم، ޢަބްދުﷲ ބުނު ޚަބީބު رضي الله عنه އަށް ޙަދީޘްކުރެއްވިއެވެ.

»قُلْ: “قُلْ هُوَ اللَّهُ أَحَدٌ”، وَالمُعَوِّذَتَيْنِ، حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ« رواه الترمذي (3575) وصححه، وأبو داود (5082). وصححه النووي فيالأذكار” (ص107)، وحسنه ابن حجر فينتائج الأفكار” (2/345)، والألباني فيصحيح سنن الترمذي

މާނައަކީ: "ެނދުނުވާއިރު އަދި ހަވީރުވާއިރު ތިބާ قُلْ هُوَ اللَّهُ أَحَدٌ އަދި މުޢައްވިޛަތައިން (ނާސި އަދި ފަލަޤި ސޫރަތް) 3 ފަހަރު ކިޔަވާށެވެ. ތިބާއަށް ހުރިހާކަމަކުން އެ ފުދިގެންވާނެއެވެ."

ފަހެ މިއީ ހެނދުނާއި ހަވީރު ކިޔުމަށް ސުންނަތުގައި ޘާބިތުވެގެންވާ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ޖަމާކުރުމަށް ފަސޭހަވެގެންވީ މިންވަރެވެ.

والله أعلم.

أسأل الله أن ينفعنا بهذه!

--ދއަލްއަޚް  ނަޡީމް ނިޡާމް ިސަލަފިއްޔާ ގައި މިލިޔުން ލިޔުއްވާފައިވަނީ ތިރީގައިވާ ލިންކުގައިވާ ލިޔުން މަސްދރަކަށް ބައްލަވައިގެންނެވެ.

https://islamqa.info/ar/answers/226873/سور-القران-واياته-التي-كان-الرسول-صلى-الله-عليه-وسلم-يقروها-كل-يوم

 

 

 

 

 

 

މިއަދު އޮންލައިން