ލިޢާންކުރުން: އިސްލާމީ ޝަރީޢަތުގައި ދަރި ނަފީކުރުމަށް ކަނޑައެޅިފައި އޮތް މަގު- 1

ކިޔުމަށް ހޭދަވާނީ 5މ 31ސ
ލިޢާންކުރުން: އިސްލާމީ ޝަރީޢަތުގައި ދަރި ނަފީކުރުމަށް ކަނޑައެޅިފައި އޮތް މަގު- 1

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމްދީނުގައި އިންސާނީ ދަރިފަސްކޮޅުވަނީ މަތިވެރިކުރައްވާފައެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަސަބަށް ޚާއްޞަ މަޤާމެއް ދެއްވާފައިވެއެވެ. އިސްލާމީ އުންމަތުގައި ޚާއްޞަ ވެގެންވާ އެންމެ މުހިންމު އެއްކަމަކީ ނަސަބެވެ. ކޮންމެ މީހަކަށް ވެސް އޭނާއަކީ ކާކުގެ ކާކުކަން ބުނެދެވެއެވެ. ނަސަބު ނުވަތަ ޢިރްޟު(އަބުރު) ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ނަސަބުގެ މަތިވެރިކަން: 

ޝަރުޢީ ގޮތުން ބަލާއިރު، ނަސަބުގެ މަފްހޫމަކީ ޙާލަތުގެ ނިޔާކުރާގޮތުން ދެމީހެއްގެ ދެމެދަށް އިތުރުވެގެންދާ ޙުކުމެކެވެ. އެއިގެ މާނައަކީ، ޝަރުޢީ ކައިވެނީގެ ގޮތުން ގުޅިފައިވާ ގުޅުމަކުން، އުފަންވާ ދަރީގެ ނިސްބަތް އެކުއްޖާގެ ބައްޕަ އަށް ނިސްބަތްވުމެވެ. މިއީ އިސްލާމްދީނުގައި މަތިވެރިކުރައްވާފައިވާ ކަމެކެވެ. އަލްއަޙްޒާބު ސޫރަތުގެ (6) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  

(ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا ) 

މާނައީ: "އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." 

އަދި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. " އެއީ ބައްޕަ ނޫންކަންކަން އެނގި ހުރެ، އެމީހާއަކީ ބައްޕަކަމުގައި ޤަބޫލުކޮށްފި މީހާއަށް ސުވަރުގެ ޙަރާމްވެގެންވެއެވެ." (އަލްބުޚާރީ، 6766)، އަދި ވެސް އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. " ތިޔަބައި މީހުންގެ ބަފައިންނަށް ނިސްބަތްވުމުން ތިޔަބައިމީހުން އެއްކިބާވެ ނުގަންނާށެވެ." އެބަހީ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތް ނުކުރާށެވެ ) ފަހެ، ބައްޕައިންގެ ކިބައިން އެއްކިބާވެގެންފި މީހާ އިސްލާމްދީނުން ބޭރުވެއްޖެއެވެ." (އަލްއަޞްފަހާނީ، 216).

މިކަންކަން މި ގޮތައް ކަނޑައެޅިގެން ދިޔައީ އިހުޒަމާނުގައި މުޖުތަމަޢުތަކުގައި އިސްލާމްދީން ބާވާލެއްވުމުގެ ކުރީން ހުރި ޢާދަތައް ނައްތައިލުމުގެ ގޮތުންނެވެ. އަޅުން މިނިވަންކުރުމަށް ފަހު، އޭނާގެ ބައްޕައަކީ ސާހިބު މީހާ ކަމުގައި ކަނޑައެޅުމާއި(ތަބައްނީ ކުރުން) އެއީ އެއިރުގައި އޮތް ކަމެކެވެ. އަދި އެއް އަންހެނަކު ގިނަ ފިރިހެނުންނާއެކު ކައިވެނިކޮށް ލިބޭ ދަރި އެއްގެ ބައްޕައަކީ އެއްމެން އެއްތާކަށް އެއްކޮށް، އެއިގެ ތެރެއިން އަންހެންމީހާ ކަނޑައަޅާ މީހަކު ކަމުގައި ހެދުމާއި މިފަދަ އެތައް ޖާހިލީ ނުބައި އާދަތައް އޮތެވެ. 

މި އާދަތައް ފިލުވައި ފިޠުރަތުގެ ޠާހިރު އުޞޫލުތަކުގެ ތެރެއަށް އިންސާނުން ގެނައުމަށްޓަކައި މާތް ﷲ ޝަރީޢަތްބާވާލެއްވިއެވެ. އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުން އެއްވެސް އިންސާނަކު އޭނާގެ ބައްޕަ ނޫން މީހަކަށް ނިސްބަތްކުރެވިގެން ނުވާނެއެވެ. އޭނާގެ ދަރިއެއް ނޫންކަން ކަށަވަރު ވާ ޙާލަތުގައި، ނުވަތަ ޝައްކުވެއްޖެ ޙާލެއްގައި އެކަމުގައި ޢަމަލު ކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވެއެވެ. މިވެނި މީހަކީ ކުއްޖާގެ ބައްޕަ ނޫންކަން ކަށަވަރުވާއިރު އެކުއްޖަކު އޭނާއަށް ނިސްބަތްކުރުމަކީ މަނާކުރައްވާފައިވާ ކަމެކެވެ. 

ނަމަވެސް މިތަނުގައި ބަޔާންކުރުން ޙައްޤު އެހެން ނުކުތާއެއް އެބައޮތެވެ. އެއީ މިޒަމާނުގައި ދަރިން އެޑޮޕްޓު ކުރުމުގެ މައްސަލައެވެ. ކުއްޖާގެ ނަސަބު ބައްޕަ ނޫން މީހަކަށް ނިސްބަތް ކުރުމެއްނެތި އެޑޮޕްޓްކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ހުއްދަ ކަމެކެވެ. މިސާލަކަށް ދަރީން ނުލިބޭ މީހެއް އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑު ކުރުމާއި، ޔަތީމް ކުދިން ބަލައި ބޮޑުކުރުމާއި ރެފިއުޖީ ކުދިން ބަލައި ބޮޑުކުރުމާއި ފަޤީރުންގެ ދަރިންނަށް އަޅައިލައި، ނުވަތަ ދަރީން ގިނަ މީހެއްގެ އަތުން ކުދިން ގެނެސްގެން ބަލައި ބޮޑުކުރުމާއި ޖަލުގައި ދިގުމުއްދަތަކަށް ހޭދަކުރަންޖެހިފައިވާ ބައެއްގެ ދަރިން ބެލުމާއި މިކަންކަމަކީ މަނާ ކަމެއްނޫނެވެ. އަދި ކިއެއް އެއީ ނުހަނު ސަވާބު ލިބޭނޭ އިޖުތިމާޢީ ކަންކަމެވެ. 

ކިތަންމެ ލޯބި ވިޔަސް އަމިއްލަ ދަރީން ގޮތައް އެކުދިންނާ މެދު ދުއްޓަސް ތިމާއަށް އެކުދިންގެ ނަސަބު ނިސްބަތް ނުކުރެވޭނެއެވެ. އެކުދިންގެ ނަސަބު ނިސްބަތްކުރަންވާނީ އެކުދިންގެ އަޞްލު ބައްޕައިންނަށެވެ. ބައްޕަ ނެނގޭ ކުއްޖެއް ނަމަ އެއީ އަޚުންނެވެ. އެކުދިންނަށް ނިކަމެތި ހިތް ދަތިވާ އެއްވެސް ކަމެއް އަދި ތަފާތުކުރުމެއް އޮވެގެން ނުވާނެއެވެ. ފުރިހަމަ ލޯތްބާއި އިޙުތިރާމާއި ޤަދަރު އެކުދިންނަށް ދެވެންވާނެއެވެ.

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

 

 

 

 

 

 

 

 

މިއަދު އޮންލައިން