ލޯބިން ބަލައިބޮޑުކުރާ ދަރިންގެ ކޮންޓްރޯލް މައިންބަފައިންނަށް ގެއްލި ލޯބިވެރިޔާއަށް ބަދަލުވާ ސަބަބާ އެކަމުގެ ޙައްލު- މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ލޯބިން ބަލައިބޮޑުކުރާ ދަރިންގެ ކޮންޓްރޯލް މައިންބަފައިންނަށް ގެއްލި ލޯބިވެރިޔާއަށް ބަދަލުވާ ސަބަބާ އެކަމުގެ ޙައްލު- މައިންބަފައިން ސަމާލުކަންދޭންޖެހޭ ކަމެއް!

މިހާރަކަށް އައިސް ގިނަ ޢާއިލާތަކުގައި އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ މައިންބަފައިންގެ ބަހަށްވުރެ ދަރިން އެމީހުންގެ ލޯބިވެރިޔާގެ ބަސް ޤަބޫލުކުރާކަމެވެ. ލޯބިވެރިޔާ ބުނާހައި ކަމެއް ދަރިންކުރާކަމެވެ.

ބައެއް އަންހެންކުދިން 15 އަހަރުގައިވެސް ލޯބިވެރިން ހޯދައެވެ. އެހިށާބުން ބައެއް ކުދިން މައިންބަފައިންގެ ބަސް އަޑުނުއަހައި ނުވަތަ ޤަބޫލުނުކޮށް ލޯބިވެރިޔާގެ ބަސް ޤަބޫލުކުރަން ފަށައެވެ. ސުވާލަކަށްވަނީ އެންމެ ކުޑައިރުންސުރެ ތިމާމެން ބަލަހައްތައި ގެންގުޅެ ބޮޑުކުރި ދަރިފުޅު ކުއްލިއަކަށް ބައްދަލުވިމީހާގެ ކޮޅަށް އެހައިބޮޑަށް އެނބުރެނީ ކީއްވެގެންހެއްޔެވެ؟ 

މިކަމާއިބެހޭ ގޮތުން ވަރަށް ގިނަ ދިރާސާތައް ވަނީ ކުރެވިފައެވެ. މިހާރުވެސް ގެންދަނީ ދިރާސާތައް ކުރެވެމުންނެވެ. މިހައިތަނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާނަމަ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިންގެ މައްސަލައެކެވެ. 

މިޘާލަކަށް ބުނާނަމަ ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ ކިބައިން ތަޢްރީފްގެ ބަސް ބޭނުންވާނެ މީހެކެވެ. ބައެއް މައިންބަފައިން ދަރިންނަށްޓަކައި ބޮޑެތި ޤުރްބާނީތައްވެ އަދި ބޮޑެތި ޤުރްބާނީތައްވިނަމަވެސް ދަރިންނަށް ތައްރީފްކުރުމުގައި އޮންނަނީ ފޭލްވެފައެވެ. ރީތި ފޭރާންލައި ޒީނަތްތެރިވި ނަމަވެސް ރީތިކަމަކަށް ނުބުނެއެވެ. 

ކިޔަވަން މަސައްކަތްކޮށްގެން ކިތަންމެ މަތީ ފެންވަރުން މާކްސް ހޯދި ނަމަވެސް ތައްރީފެއް ނުކުރެއެވެ. ބުނަނީ އަދިވެސް އިތުރަށް މަސައްކަތްކޮށް މިއަށްވުރެވެސް މަތިން މާކްސް ހޯދުމަށެވެ. 

ވީމާ ކުދިން ތިބެނީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. އެމީހުން ކުރާ މަސައްކަތް ބަލައިނުގަންނާތީއެވެ. ހިތްވަރުދޭންޖެހޭ ގޮތަށް ހިތްވަރުނުދޭތީއެވެ. އެޙާލަތުގައި ކުދިން ޤަބޫލުކޮށްގެން ތިބެނީ އެކުދިންނާއި އެކުދިން ކުރާ މަސައްކަތް ބަލައިގަންނާނެ އެކަކުވެސް ނުހުންނާނެ ކަމަށެވެ. އެެހންވެ ތިބެނީ ވަރަށް ބޮޑަށް ހިތްވަރު އެލިފައެވެ. 

އެހެން ތިއްބައި ހޯދޭ ލޯބިވެރިޔާ އޭނާގެ ރީތިކަމަށް ތައްރީފްކުރަން ފަށައެވެ. އެހެން ކަންކަން ފާހަގަކޮށް ތަޢްރީފްކުރަން ފަށައެވެ. ނަތީޖާއަކަށްވަނީ މައިންބަފައިންނަށްވުރެ މާބޮޑަށް އޭނާދެކެ ލޯބިވެރިޔާ ލޯބިވާކަން ޤަބޫލުކުރެވެން ފެށުމެވެ. އެޙާލަތަށް ދަރިފުޅުގެ ކަންކަން ދިއުމުން ދަރިފުޅުގެ ކޮންޓްރޯލް ލޯބިވެރިޔާގެ އަތްމައްޗަށް ބަދަލުވެގެންދަނީއެވެ. 

މިއީ ޙައްލުކުރެވެން އޮތް މައްސަލައެކެވެ. މިބަޔާންކުރި ކަންކަމަށް މައިންބަފައިން ނުވަތަ ބެލެނިވެރިން ސަމާލުކަންދީފިނަމަ މައްސަލަ ވަރަށް ބޮޑަށް ޙައްލުކުރެވޭނެއެވެ. ވީމާ ދަރިންނަށް ތަޢްރީފްކޮށް ހުރިހާ ގޮތަކުންވެސް އެންމެ ލޯބިވާ އަދި އެންމެ ގާތް ބައަކީ މައިންބަފައިންކަން ދަރިންނަށް ވިސްނޭނެ ގޮތަކަށް އެންމެ ކުޑައިރުންސުރެ ޢަމަލުކުރާށެވެ. 

މިހެން މިބުނަނީ އެގޮތަށް ޢަމަލުކުރާ މައިންބަފައިންގެ ދަރިންގެ ކިބައިން ތަފާތު ފެންނާތީއެވެ. ލޯބިވެރިޔާ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެހާފަސޭހައިން އޭނާގެ ކޮޅަށް އެކުގައި ލަންބުވައި ނުލެވޭތީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން