ޢިބްރަތްތެރި ވާހަކަ: އަންތބަކު އިންނަކަން ނޭނގި މީހެއްގެ ފިރިއަކުދެކެ ލޯބިވެވުނު އަންހެނަކަށް ކުރަންޖެހުނު ހިތިތަޖުރިބާގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 4މ 53ސ
ޢިބްރަތްތެރި ވާހަކަ: އަންތބަކު އިންނަކަން ނޭނގި މީހެއްގެ ފިރިއަކުދެކެ ލޯބިވެވުނު އަންހެނަކަށް ކުރަންޖެހުނު ހިތިތަޖުރިބާގެ ވާހަކަ-

ކޮންމެ މީހަކު ދެކެ ލޯބިވާން ބޭނުންވިނަމަވެސް އޭނާގެ ޢާއިލާއާއި ބައްދަލުކޮށް އޭނާގެ ޙަޤީޤަތް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް އެކަންކުރުމުގައި ގިނަ ބައަކު އިހްމާލުވެއެވެ. ދައްކާ ދަޅަތަކަށް ހެއްލެވި މަޅީގައި ޖެހެއެވެ. 

މަކަރުވެރިން އަބަދުވެސް އުޅެއެވެ. މިހާރު ގިނައީއެވެ. މިހާރު ގިނަވަނީ އާބާދީ ބޮޑުވެ މަސްހުނިވެފައި އޮތުމުން އެކަކު އަނެކަކަށް ނުއެނގޭތީއެވެ. މަދުމީސްކޮޅެއް ދިރިއުޅުނު ޒަމާނުގައި މައްސަލަތައް މަދީ އެކަކަު އަނެކަކު ދަންނާތީ ދޮގުހެދުމުގެ ފުރުޞަތުކުޑަވީމައެވެ. 

މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ މައްސަލައެކެވެ. ޢާއިލާ ދަސްކުރަންވީ ކައިވެނިކުރަންވުމަކުން ނޫނެވެ. ލޯބިވުމުގެކުރިންނެވެ. އަތުންފައިން ބޮޑެތި ގޯސްތައް ހެދުމުގެ ކުރިންނެވެ. ހިތްހަދިޔާކުރުމުގެ ކުރިންނެވެ. ނޫންނަމަ ލިބޭ ދެރަ ވަރަށް ބޮޑުވުން އޮތީ ދާދި ގާތުގައެވެ. 

ތިރީގައި އެވަނީ މިފަދަ މަޅިއެއްގައި ޖެހެވުނު އަންހެނަކު ކިޔައިދީފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

ކަންތައް ދިމާވިގޮތުން އަޅުގަނޑަށްވެސް ފުރަތަމަ ލޯބިވެވުނު މީހާވީ މީހެއްގެ ފިރިއަކަށެވެ. އެކަން އެނގުނީ ލޯބިވެގެން އުޅޭތާ އަހަރުދުވަސްވެސް ވީފަހުންނެވެ. ދެން ހިތަށް އެރީ ފުރަތަމަ ކަމަކަށް އޭނާ އާއި ވާހަކަދައްކާނީއެވެ. އޭނާ އާއި ޥާހަކަދެއްކުމުން ބުނީ އޭނާގެ އަނބިމީހާ އާއިއެކުގައި ދިރިއުޅެވޭނެ ގޮތެއް ނެތްކަމަށާއި ވަރަށް އަވަހަށް ވަރިކުރާނެ ކަމަށެވެ. އަޅުގަނޑާއި ކައިވެނިކުރާނެ ކަމަށެވެ. 

އަނބިމީހާ އާއިއެކުގައި ދިރިއުޅެވެން ނެތް ސަބަބުތަކުގެ ލިސްޓް ކިޔައިދިންއިރު އެ ލިސްޓް ފްލެޓް ލިބެން ހަމަވާންޖެހޭ ޝަރުޠުތަކުގެ ލިސްޓަށްވުރެވެސް މާދިގެވެ. އެހެންވެ އެއީ ހަމަ ތެދެއްކަމަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އެކަމުގެ ވާހަކަ ލަދުންއިނދެނަމަވެސް އެކުވެރިންގެ ކޮފީ މޭޒަށް ހުށަހެޅުމުން މޭޒުވެސް ދިއައީ ކެކިގެންނެވެ. އެކަކު ބުނިބަސް މިހާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. 

"ތިއަ މީހަކީ ތެދުވެރިއެއްނަމަ ތިއަވާހަކަދައްކާނީ މިއަދަކު ނޫނެވެ. ހުރިހާ ކަންކަން ސިއްރުކޮށްގެން މިހައި ދުވަސްވަންދެން އެހުރީ އޭނާއަކީ މަކަރުވެރިއަކަށްވާތީއެވެ. އޭނާ ތިއަ ދައްކާ އެއްވެސް ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރާނަމެވެ." 

ކޮންމެއަކަސް އެއިގެ ކުޑަދުވަސްކޮޅެއްފަހުން އަޅުގަނޑު އަދާކުރަމުން ދިއަ ވަޒީފާއިން ވަކިކޮށްފިއެވެ. ސަބަބަކަށްވީ އަޅުގަނޑުގެ ލޯބިވެރިޔާއަކީ އަދި އޭނާގެ އަނބިމީހާއަކީވެސް އަޅުގަނޑު މަސައްކަތްކުރާ ކުންފުނީގެ ވެރި ދެމަފިރިންގެ ވަރަށް ގާތްބައަކަށްވާތީއެވެ. އެދެމަފިރިންގެ ދޭތެރެއަށްވަދެ ދިރިއުޅުން ހަލާކުކުރިކަމުގެ ކުށެވެ. 

ވަޒީފާއިން ވަކިކުރުމުން ލޯބިވެރިޔާ އާއި ގުޅަން އެތައް ފަހަރަކު މަސައްކަތްކުރީމެވެ. ކޮންމެ ދުވަހަކު މަސައްކަތްކުރާތާ ހަފްތާއެއް ވީއިރުވެސް ފޯނު ނުނެގުމުން ލޯބިވެރިޔާގެ އޮފީހުގެ ލޭންޑްލައިނަށް ގުޅީމެވެ. ނެގީ އަންހެނެކެވެ. ބުނީ ބޮސް ވަރަށް ބިޒީ ކަމަށާއި ބައްދަލުކުރަން ބޭނުންނަމަ 11 ޖަހާއިރު އޮފީހަށް އަންނަން ބޮސް ބުނި ކަމަށެވެ. 

ވަރަށް އުފާވިއެވެ. ފެންވަރައި އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ދިއައީމެވެ. ވަރަށް މޭކަޕްވެސް ކޮށްގެން އަތުގައިހުރި އެންމެ އަގުބޮޑު ސެންޓްވެސް ޖަހައިގެންނެވެ. ދާއިރަށް ރިސިޕްޝަނުން ވަރަށް ހޫނު މަރުޙަބާއެއްވެސް ކިޔެވެ. އަދި ކުއްޖަކު އަޅުގަނޑު ގޮވައިގެން "ސީއީއޯ" ޖަހާފައި އިން ދޮރަކުން ވެއްދިއެވެ. އެހިސާބުން ކުޑަކޮށް ކަންބޮޑުވިއެވެ. އެއީ އެކޮޓަރީގައި ހުރި އެންމެ ބޮޑު މޭޒުގައި އެންމެ ބޮޑު ގޮނޑީގައި އިނީ އަންހެނެކެވެ. ލޯބިވެރިޔާ އިނީ މާދުރުގައި ހުރި ކުޑަކުޑަ މޭޒެއްގައެވެ. އަޅުގަނޑު ވަނުމުން ވައްކަޅިން ބަލައިލިއެވެ. އަނގައިން ބުނަން ނުކެރުނުތަނުގައި އިސްއުފުލާ ބަލައިލަންވެސް ނުކެރުނެވެ. 

އެހިސާބުން ކޮންމެވެސް ވަރަކަށް ކަންކަން ވިސްނުނެވެ. ވަގުތުން ނުކުމެގެންދާން ބޭނުންވިއެވެ. ކަންކަން ކުރަންވީ ގޮތް އޮޅިފައި ހުއްޓާ އެ އަންހެން މީހާ ތެދުވެގެން އައިސް އަޅުކަނޑަށް މަރުޙަބާ ކިޔައި ސޯފާއެއްގައި އިށީންނަން ބުންޏެވެ. އިށީނުމުން ބޭނުމީ ކޮފީތޯ ސައިތޯ ނޫނީ ފިނިއެއްޗެއްތޯ ސުވާލުވެސް ކުރިއެވެ. ފެންފޮދެއް ރަނގަޅުވާނެކަމަށް ބުނީމެވެ. 

އޭނާ އަހަރެންގެ ލޯބވެރިޔާއަށް ނަމުން ގޮވައި ގެނެސް ގާތުގައި ބައިންދާފައި ބުންޏެވެ. "ކޮބާ ފޯމުގައި ސޮއިކޮށްފިން ހެއްޔެވެ؟ ނިކަން ދައްކަބަލާށެވެ!" ލޯބިވެރިޔާ އެނބުރި މޭޒަށް ގޮސް ފޯމު ހިފައިގެންއައިއިރު އެއީ ވަރިކޮށްފައި އެކަން ހުށަހަޅާ ފޯމެވެ. ސެކްޓްރީއަކަށް ގޮވައި ގެނެސް ފޯމް އޭނާ އާއި ޙަވާލުކޮށްފައި ކޯޓަށް ހުށަހަޅަން ބުންޏެވެ. ފޯމް ހިފައިގެން ސެކެޓްރީ ދިއުމުން ބުންޏެވެ. 

"ކޯޓުގެ ހުއްދަ ނެތި ވަރިކުރީތީ ދައްކަން ޖެހޭ ޖުރުމަނާ ދައްކާނަމެވެ. އަވަހަށް ލޯބިވެރިޔާއާއިއެކުގައި ގޮސް ކައިވެނިކޮށްފައި ދަރިން ލިބުނީމާ އެހެން އަންހެނަކު މަޅީގާ ޖެއްސޭތޯ ބަލާށެވެ! ދެކަނބަލުންނަށް ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ. ނަމަނަމަ ގެއަށް ވަންނަން ނޫޅޭތި! ދޮރެއް ނުހުޅުވާނެ! ހުރި އެޑްރެސް އަންގައިލީމާ ގޭގަ ހުރި ކަލޭގެ ތަކެތި ފޮނުވައިދޭނަން!" 

އެވަގުތު ލޯބިވެރިޔާއަށް ރޮވެން އުޅުނެވެ. އެތަން ފެނުމުން ބުނީ މިތާހުރެ އުފަލުން ރޯނެ ކަމެއް ނެތް ކަމަށެވެ. ތިއައޮތީ ކުރަން ބޭނުންވި ކަންތައް ޙާޞިލުކުރެވިފައި ކަމަށެވެ. 

އަޅުގަނޑުމެން ދެމީހުންނަށް ޖެހުނީ ވަގުތުން ނުކުންނާށެވެ. ކުންފުންޏަކީ ލޯބިވެރިޔާގެ އަނބިމިހާގެ ބައްޕަގެ ކުންފުންޏެކެވެ. ދެއްކޭނީ ކޮންގަދައެއްތޯއެވެ؟ މަގުމައްޗަށް ނުކުމެވުމުން ލޯބިވެރިޔާގެ އަތުގައި ހިފައިލީމެވެ. ނަމަވެސް ފޮޅުވާލާފައި ސައިކަލަށް އަރައިގެން ދިއައީއެވެ. އަނގައިން ބަހެއް ނުބުނި ތަނުގައި އެކުގައި އަޅުގަނޑު ނުވެސް ގެންދިއައެވެ. 

ވީދެރައިން ހިނގާފައި އައިސް ގެއަށް ވަންތަނާ ފޯނުކޮށްފައި ފެށީ އެއްޗެތި ގޮވާށެވެ! ބުނީ ހުރިހާ ކަމެއް ގޯސްވީ އަޅުގަނޑުގެ އަނގަ ބޮޑުކަމުންކަމަށެވެ. އެހިސާބުން އެއޮތީ އަޅުގަނޑު ކުށްވެރިވެފައެވެ. އަޅުގަނޑަށް އޮޅުވާލައިގެން އެތައް ދުވަހަކު ގެންގުޅެ، އަޅުގަނޑުގެ ބޭނުންވެސް ކޮށް، އަޅުގަނޑަށް ދެދުނިޔެ ނަގާލާފައި ކުށްވެރިކުރީ އަޅުގަނޑެވެ. 

އަޅުގަނޑަށް ލިބުނު ފިލާވަޅުގެ ބޭނުން ހިފީމެވެ. ތައުބާވީމެވެ. ފާފަފުއްސަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަން ފެށީމެވެ. އޭނާގެ އަނބިމީހާގެ ކިބައިން މާފަށްވެސް އެދުނީމެވެ. 2 އަހަރުވަރު ފަހުން ބައްދަލުވި ފިރިހެނަކާއި ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭތާ މިހާރު 3 އަހަރުވެއްޖެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނާނީ ކޮންވާހަކައެއްކަމެއް ނުވިސްނެއެވެ. މިކިޔައިދިނީ އަޅުގަނޑުގެ ހިތި މާޒީއެވެ. ކުރަންޖެހުނު ހިތްދަތި ތަޖުރިބާއެވެ. ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައެވެ.

 

- ޒަހީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން