ބައެއް ފިރިހެނުންނަށް ވިސްނިފައި އޮންނަނީ ވީހާ ނުވަތަ އެންމެގިނަ އަންހެނުންނާއިއެކު ގުޅުން ބޭއްވޭނަމަ ތިމާއަކީ އެންމެ މަތީ ނުވަތަ އެންމެ ކާމިޔާބު މީހާކަމަށެވެ. ހަމައެޢާއެކު ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ މިފަދަ ގޮތަކަށެވެ.
މިގޮތަށް ވިސްނޭ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އެވިސްނެނީ ރަނގަޅަކަށް ނޫނެވެ. ވަރަށް ގޯސްކޮށެވެ. ތިމާއަކީ ކާމިޔާބު މީހެއްކަން އަންގައިދޭނީ ގުޅުން އޮންނަ އަންހެނުންގެ ނުވަތަ ފިރިހެނުންގެ ޢަދަދަކުން ނޫނެވެ.
އެކަން އަންގައިދޭނީ އެމީހަކާއި ގުޅުން އޮންނަ މީހާގެ ދަރަޖައިންނެވެ. އޭނާގެ އަޚަލާޤުންނެވެ. ވީމާ ފިރިހެނަކާއި ގުޅުން އޮތީ އެންމެ އަންހެނަކު ނަމަވެސް އަދި އަންހެނަކާއި ގުޅުން އޮތީ އެންމެ ފިރިހެނަކު ނަމަވެސް އެއީ އަޚްލާޤް ރަނގަޅު، މީސްތަކުން ބަލައިގަންނަ މީހަކު ކަމުގައިވާނަމަ އެމީހަކު ވާނީ ކާމިޔާބު މީހަކަށެވެ.
މިކަން ސިފަކޮށްދެމުން ޢިލްމުވެރިއަކު ވިދާޅުވެފައެވެ. "ކުނިހޮވައި އެއްކުރުމަކީ އެއްވެސް މީހަކަށް ކުރަން އުނދަގޫކަމެއް ނޫނެވެ. ބޭނުންނަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮޑު ކުނިފުންނެއް އެއްކުރެވިދާނެއެވެ. އެކަމަކު އެކުނިފުނި ބޮޑުވުމުން އޭނާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއކުރުމަށްފަހު އުޅެންޖެހެނީ އެކުނިތަކުން ސަލާމަތް ނުވެވިގެން ނޫންހެއްޔެވެ؟"
މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކައިވެނީގެ ކުރިންވެސް ވީހާ ގިނަ ބައަކާ ގުޅުން ބާއްވަން މަސައްކަތް ނުކުރާށެވެ! ކައިވެނިކުރުމަށްފަހު ހަމައެކަނި ބައިވެރިޔާގެ މީހަކަށްވާށެވެ! ކާމިޔާބު މީހުންނަކީ އެއީއެވެ. ކުނިއެއްކުރާމީހުންނެއް ނޫނެވެ!
- އަލަފް / މިއަދުނޫސް