ﷲ ދެއްވެވި ރިޒުޤް ކަމުން ﷲ ދެއްވެވި އޮކްސިޖަނާ ފުއްޕާމެއިން ނޭވާލަމުން ﷲ ތަޢާލާއަށް އުރެދެން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ﷲ ދެއްވެވި ރިޒުޤް ކަމުން ﷲ ދެއްވެވި އޮކްސިޖަނާ ފުއްޕާމެއިން ނޭވާލަމުން ﷲ ތަޢާލާއަށް އުރެދެން ހެޔޮވެދާނެތަ؟

ބައެއް މީހުންނަށް ހީކުރެވެނީ އެމީހުން ދުނިޔޭގައި އުޅެނީ އެމީހުންގެ މޮޅުކަމުން ކަމަށެވެ. އެމީހުން އަމިއްލައަށް ހޯދާ ތަނަވަސްކަމުން ކަމަށެވެ. ޙަޤީޤަތް މުޅިން ތަފާތެވެ. 

ފުރަތަމަ ކަމަކަށް ދިރިހުރުމަށްޓަކައި ކައިބޮއިހަދަންޖެހެއެވެ. ބޭނުންކުރަނީ ﷲ ތަޢާލާ ދެއްވެވި ރިޒުޤެވެ. ނޭވާލާން ޖެހެއެވެ. ނޭވާލަނީ ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުންކޮށްގެން އަދި ﷲ ތަޢާލާ ދެއްވެވި ފުއްޕާމެއިންނެވެ. ވީއިރު ދިރިހުރުމުގެ އެންމެ މުހިންމު 2 އަސާސްގައިވެސް އިންސާނާގެ އެއްވެސް ބާރެއްނެތްކަން މިދަނީ އެނގިގެންނެވެ. 

ތިރީގައިވާ ދަރުސް ވިދާޅޫވެލައްވާށެވެ! މިދަރުސް އަކުރުން އަކުރަށް މިގެނެސްދެނީ މިދަރުސްގައި ވިދާޅުވެފައިވާ ވާހަކަތައް މިއީ ހަމަ ކޮންމެ ދުވަހަކުހެން ހަނދާންކުރަންޖެހިފައިވާ ވާހަކަތަކަކަށްވާތީއެވެ. 

އިސްލާމް ދީނުގައި ކުރަން ހުރި ކަންކަން ނުކުރަން ތިމާއަކީ މިނިވަނެއްކަމަށް ބުނާ މީހުން ވަޒީފާއަށް ވަކި ގަޑިއަކަށް ގޮސް ފިންގަރ ޕްރިންޓް ޖަހަނީ ކީއްވެގެންތޯ؟ 8 ޖަހާއިރު ދާން އޮންނަތަނަށް 11 ޖަހާއިއރު ގޮސް ފިންގަރޕްރިންޓް ޖަހާފަ މިއީ މިނިވަންކަމޭ ނުބުނަނީ ކީއްވެގެންތޯ؟ 

ދުނިޔޭގައި މިތިބެވެނީ ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައިގެންނެވެ. ނޭވާލަނީ ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުންކޮށްގެންނެވެ. ވީމާ މިނިވަންކަމުގެ ބޭނުންކޮށްގެން ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުން ނުކޮށް އުޅެންވީ ނޫންތޯ؟ "އެއިރުން އަޅުގަނޑުވެސް އުޅޭނީ އެމީހުންނާއިއެކު!" 

ނަމަވެސް މިފެންނަނީ ކިރިޔާވެސް އޮކްސިޖަންގެ މައްސަލައެއް ޖެހިއްޖެ ނަމަ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރާތަނެވެ. އަދި ބޭނުންކުރާ (ﷲ ތަޢާލާ ދެއްވެވި ޢިލްމާއި ވަސީލަތުން އުފައްދާފައިވާ) އޮކްސިޖަނަށް އަގުވެސް ދައްކަން ޖެހޭ ތަނެވެ. ވީމާ ތަޢާލާގެ ދީލަތިވަންތަކަމަށް ވިސްނައި ނިކަން ޝުކުރުވެރިވެބަލާށެވެ! (ނޭވާލަމުން މިދަނީ ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުންކޮށްގެންނެވެ. އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ކިޔަމަންތެރިކަން އަދާކުރުމެވެ.) 

އިންސާނާއަށް ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް ދެއްވެވުމަށްފަހު އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ލައްވަވާފައިވަނީ އެންމެ ޙައްޤުފުޅެކެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކް ނުކުރުމެވެ. ހަމަ އެއާއިއެކު ރަސޫލް ()ގެ މައްޗަށް  އަދާކުރަން ޖެހޭ ޙައްޤުތަކެއްވެސް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. 

އެއިގެ ތެރެއިން ފުރަތަމަ ޙައްޤަކީ ރަސޫލް ()ގެ ރަސޫލްކަން ޤަބޫލުކޮށް އެކަމަށް ހެކިވުމެވެ. އެކަން ނުކޮށް އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ! 

ކައުއިތުރު ރަސޫލާ މުޙައްމަދު () އަށްވުރެ ބޮޑަށް އެހެން އެއްވެސް މީހަކު ދެކެ ލޯވާނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަހަރެމެން ލޯބިވާން ޖެހޭނީ ރަސޫލް () ދެކެ ލޯބިވާ މީހުން ދެކެއެވެ. ރަސޫލް ()އަށް ލޯބިނުކުރާ މީހުން ދެކެ ލޯބިވުން ހުއްދައެއް ނޫނެވެ. އެއީ އެމިހާގެ ޕާޓީގެ މީހަކު ނަމަވެސްމެއެވެ. މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެކެވެ. "ﷲގެ ކޯފާ އަތުވެއްޖެ ނަމަ ސަލާމަތް ނުވާނެ." 

ރަސޫލް () އަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ އެމީހުންނާއި ޖެހޭނީ ދުރުހެލިވާށެވެ! ކުފުރުވެއްޖެނަމަ މައިންބަފައިންނާއިވެސް ޖެހޭނީ ދުރުހެލިވާށެވެ. 

ރަސޫލް () އަށް ޞަލަވާތް ކިޔަވަން ޖެހެއެވެ. ރަސޫލް ()ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ނުލައި ހުކުރު ޚުޠުބާ ފުރިހަމައެއް ނުވާނެއެވެ. އެހެނީ އެއީ ޚުޠުބާގެ ރުކުނެކެވެ. 

ރަސޫލް () އަދަބު އިޙްތިރާމް އަދާކުރަން ޖެހެއެވެ. ކަންކަމުގައި ރަސޫލް ()ގެ ނިންމެވުންތައް އެއީ އެންމެ ފުރިހަމަ ނިންމެވުންތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ. އެއްވެސް ނިންމެވުމަކަށް އިންކާރެއް ނުކުރެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ރަސޫލް () ވަކިގޮތަކަށް ޙަދީޘްފުޅުކުރައްވަވާފައިވާ ކަމަކާއިމެދު "މިއީ މަށަށް ފެންނަ ގޮތް" ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

 

- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން