ކިތަންމެ ރީތި، ތަނަވަސް، މަތީމަޤާމެއްގައި ހުރިނަމަވެސް ކައިވެނިކުރަން ނިންމުމުގެ ކުރިން ބަލަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކިތަންމެ ރީތި، ތަނަވަސް، މަތީމަޤާމެއްގައި ހުރިނަމަވެސް ކައިވެނިކުރަން ނިންމުމުގެ ކުރިން ބަލަންޖެހޭނެ ބައެއް ކަންކަން-

ތިބާ އެމީހަކަށް ކިތަންމެ ބޮޑަށް ޝައުޤުވެރިވާ އަދި ކިތަންމެ ރީތި އަދި ކިތަންމެ ތަނަވަސް މީހަކާއި ބައްދަލުވިނަމަވެސް ކައިވެނިކުރަން ބޭނުންވެ އެމީހަކަށް ތިބާގެ ހިތް ދޭންވާނީ ތިބާ ބޭނުންވާ ގޮތަށް އުފަލުގައި ތިބާ ގެންގުޅޭނެ ކަމުގެ ޔަޤީންކަން އޭނާގެ ކިބައިން ލިބުނު ނަމައެވެ. އެކަން ޔަޤީން ނުކޮށް ހިތްދީފިނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަވާނެއެވެ. 

މީހަކާއިމެދު ޝައުޤުވެރިކަން އުފެދޭ އެންމެ ޢާންމު ސަބަބުތަކަކީ ޢޭނާގެ ސިފަރީތިވުމާއި ތަނަވަސްވުމާއި މަތީ މަޤާމެއްގައި ހުރުމެވެ. ޙަޤީޤަތުގައި މިއިން އެއްވެސް ސިފައަކީ ތިބާއަށް ފައިދާކުރާނެ ސިފައެއް ނޫނެވެ. އެސިފަތަކުންނާއި އެކަންކަމުން ފައިދާކުރާނީ އެމީހަކަށެވެ. 

އަހަރެމެން ބަލަންޖެހޭނީ އަހަރެމެންނަށް ނުވަތަ އަހަރެމެންގެ ދިރިއުޅުމަށް ފައިދާކުރާނެ ގޮތަކަށެވެ. އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ. 

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. އެކިމީހުންގެ ބޭނުންތައް ތަފާތުވެސްވާނެއެވެ. ވީމާ އެމީހަކު ބޭނުންވާ ކަންކަން އެނގޭނީވެސް އެމީހަކަށެވެ. 

މިޘާލަކަށް ގިނަ އަންހެނުންނަކީ ފިރިމީހާގެ ކިބައިން ވީހާ ގިނަ ވަޤުތަޢް ބޭނުންވާ ބައެކެވެ. އެހެންވީމާ ފިރިމީހާ ކިތަންމެ ތަނަވަސްވެފައި ކިތަންމެ މަތީމަޤާމެއްގައި ހުރިނަމަވެސް ވަޤުތު ނުދެވޭނަމަ ހުންނަން ޖެހޭނީ އުފަލުގައެވެ. ހަމައެފަދައިން ފިރިމީހާއަކީ ކިތަންމެ ތަނަވަސް މީހަކު ނަމަވެސް އަނބިމީހާއަށާއި ދަރިންނަށް ޚަރަދުކުރާ މީހަކަށް ނުވެއްޖެނަމަ، އެކަމުގައި މުށްބާރު މީހަކަށް ވެއްޖެނަމަ އެއޮތީ މައްސަލައެކެވެ. އެއިގެ ބަދަލުގައި ކިތަންމެ ފަޤީރުނަމަވެސް ލިބޭމިންވަރަކުން ޢާއިލާއަށް ޚަރަދުކުރާނަމަ ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. 

ވީމާ ކައިވެނިކުރާއިރު މިބުނި ކަންކަމަށް ވިސްނައި ތިމާއަށް ހިތްހަމަޖެހުން ލިބޭނެ ގޮތްތަކަށް ބަލައިގެން ކައިވެނިކުރާށެވެ! ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެވޭނީ އެއިރުންނެވެ.

 

-  އަލަފް / މިއަދުނޫސް

މިއަދު އޮންލައިން