ދަރި ނަފީކުރުން (ލިޢާން)
ދަރި ނަފީކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ދަރި ނަފީ ކުރުމަށް ލިޢާން ކުރުން ފިޔަވައި އެހެން ގޮތެއް ކަނޑައަޅުއްވާފައި ނެތެވެ. އިސްލާމީ ޝަރީޢަތުގައި ލިޢާން ކުރާނެ ގޮތް ޤަޠުޢީ ގޮތުން ބަޔާންކުރައްވާފައިވެއެވެ. ދެމަފިރިންގެ މެދުގައި ދަރީގެ ނަސަބާ މެދު ޚިލާފު އުފެދި، އެއީ ފިރިމީހާގެ ދަރިއެއްކަމާ މެދު ފިރިމީހާއަށް ޝައްކުވެއްޖެ ހިނދެއްގައި ދިއުން އޮތީ ލިޢާން ކުރުމަށެވެ. ލިޢާންކުރުން ނޫން އެހެން ގޮތެއް ޚިޔާރު ކުރެވޭނެ ގޮތެއް އޮތްކަމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމަކުން ފެންނާކަން ނެތެވެ. އުފެދޭ ސުވާލަކީ މިޒަމާނުގައި ޑީއެންއޭގެ ހޯދުންތަކުން ދަރީގެ ނަސަބު ޢިލްމީ ގޮތުން ސާބިތުވާން އޮއްވާ، ލިޢާން ކުރުމުގައި އެޤަރީނާގެ ބޭނުން ކުރެވިދާނެބާވައެވެ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ލިޢާންކުރުމަކީ ކޮބައިކަން ބަޔާންކުރަން ޤަސްތު ކުރަމެވެ. ދެން އަންނަ މަޒްމޫނެއްގައި ލިޢާންކުރުމުގައި ޑީއެންއޭގެ ދައުރުގެ މައްޗަށް ލިޔާން ޤަސްތު ކުރަމެވެ.
ލިޢާންގެ މަފްހޫމް:
ލޮޣަވީ ގޮތުން ލިޢާނަކީ ލާޢިންގެ މަޞްދަރެވެ. އެއީ ނުރުހުމާއެކު ދުރުކުރުމެވެ. ( ﷲގެ ރަޙުމަތުން ދުރުކުރުމެވެ.) އިމާމު އިބުނު ޙަޖަރު ވިދާޅުވެފައިވެއެވެ. ލިޢާން މި ލަފުޒު ނެގިފައިވަނީ ( އައްލަޢުނު) މިލަފްޒުންނެވެ. އެއީ ލިޢާން ކުރާއިރު، ލިޢާންކުރަމުން ބުނެވެނީ ތިމަންނާ ދޮގު ހަދާ ނަމަ ތިމަންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. ( އިބުނު ޙަޖަރު، 2004، 9، 7092).
ލިޢާންގެ ފިޤުހީ މަފްހޫމްގައި ޙަނަފީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ލިޢާންއަކީ ލަޢުނަތާއި ކޯފާގެ ބަހާއެކު ކަށަވަރުވެގެން އަންނަ ހެކިން ފަދަ ހުވާތަކެކެވެ. (އަލްކާސާނީ، 2002،3،384 ).
މާލިކީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާންކުރުމަކީ އަނބިމީހާ ޒިނޭކޮށްފި ކަމަށް ބުނެ ނުވަތަ އޭނާ ބަލިވެ އިނދެފައިވަނީ ތިމަންގެ ދަރިއަކަށް ނޫންކަމަށް ބުނެ ހުވާކުރުމެވެ. އަދި ފިރިމީހާ އެ ހަދަނީ ދޮގެއްކަމުގައި ބުނެ، ޒިނޭގެ ޙައްދުން އެއްކިބާވުމަށް އޭނާގެ ދިފާޢުގައި ކުރާ ހުވާކުރުމެވެ. (އަލްމަޣުރިބީ، 1995، 5، 456).
ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިންގެ ރައުޔުގައި، ލިޢާންއަކީ އަނބިފިރިކަމުގެ ތައްމަތި ހަނޑިކޮށްފައިވާކަން ( އެބަހީ އަނބިމީހާ ޒިނޭކޮށްފައިވާކަން ސާބިތުކުރުމަށް، ނުވަތަ ދަރި ނަފީކުރުމަށް މަޖްބޫރީ ޙާލެއްގައި ޙުއްޖަތެއްގެ ގޮތުގައި ބަޔާންކުރާ ބަސްތަކެކެކެވެ.(އަލްއަޒްހަރީ، 1997، 4، 102.)
ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާންކުރުމަކީ ﷲގެ ލަޢުނަތާއި ކޯފާގެ ބަސް ހިމަނައިގެން ހުވަޔާގުޅުވައިގެން ދެފަރާތުން ދޭ ހެކި ތަކެކެވެ. (އަލްބަހޫތީ، 1997، 5، 454).
ހަތަރު މަޒުހަބުގެ ފިޤުހުވެރިންގެ ރައުޔުތަކަށް ނަޒަރު ހިންގާލުމުން ހާމަވެގެން ދަނީ ލިޢާންގެ ޝަރުޢީ މަފްހޫމެއް ގެނައުމުގައި ޤުރުއާނުގައި ލިޢާންކުރުމުގެ ކައިފިއްޔަތު ބަޔާންވެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރައްވާފައިވާ ކަމެވެ. އެހެންކަމުން މަޒުހަބުތަކުގެ ރައުޔުތަކުގައި ޢިބާރާތުގައި ޚިލާފެއް ހުއްޓަސް، އެންމެހާ ތަޢާރުފެއްގެ މުރާދު އެއްގޮތް ވެގެންވެއެވެ.
- އަދި ނުނިމޭ
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ލިޔުއްވުމަކުން