ބައެއްބެއިކަލުންގެ ކިބައިން ރިވާވެޔޭ خَوَارج ންނާއި ހަނގުރާމަކޮށް قتل ވީބައެއްމީހަކު މީހަކަށް ހުވަފެނުން ފެނުނެވެ. ހުވަފެންދުއްމީހާ އަހައި ފިއެވެ. ކަލޭގެ حال އަކީ، ކޮބައިހެއްޔެވެ. އެމީހާ ޖަވާބުދިނެވެ. އަހުރެންނާއި އެވެނިމީހާޔާއި މިވެނިމީހާޔާއި، މިހެން އެތައްމީހަކު ކިޔާފައި ބުންޏެވެ. އަހުރެމެން އެންމެންގެ حال ނިކަން ރަގަޅެވެ. އެކީމީހުން އެންމެންނީ އެ خَوَارج ންގެ ހަގުރާމައިގައި قتل ވީމީހުންނެވެ. އަދި އެއެހި މީހާގެ އަވަށްޓެރީންކުރެ މަރުވެފައިވާ މީހުންގެ ވާހަކަވެސް އަހައިފިއެވެ. އެމީހާބުނެފިޔޭ ތިޔަމީހާ އެއް އަހުރެމެންނަކަށް ނުފެނެއެވެ. ތިޔަމީހާއި އަމިއްލައަށް ކަނޑަށް ފުންމަލައިގެން މަރުވެގަތް މީހެއްތާއޭ، އޭނާވާނީ، އަމިއްލައަށް މަރުވެގަންނަ މީހުންގެ ތެރޭގައި ހައްޔަރު ވެގެންނެވެ.
ހަމަކަށަވަރުން صحّ حديث ގައި ވެޔޭ، ސަލާމާއި صلوات ލެއްވި رَسُولُ اللهِ ގެފާނުން حديث ކުރައްވާފައި ވެޔޭ ތިމާގެ އަމިއްލަ نفس މަރައިލާމީހުން قيامَة ދުވަހުގައި محشرއަށް އަންނަހުށީ އެމަރުވެގަތް ހަތިޔާރަކުން އެމަރުވެގަތުމަށްހެދިގޮތެއް ތިމާޔަށް ހަދަމުންނެވެ. ހަމަ އެގޮތަންމެ ގޮސް ނަރަކަޔަށް ވެއްޓި ނަރަކައިގައި އަބަދުގެ އަބަދަށް އެގޮތުގައި ދެމިގެންވާ ހުއްޓެވެ. އުސް ފަރުބަދަމަތީން ފުންމާލައިގެން މަރުވެ ގަންނަމީހުން އަބަދުގައި އޮންނަހުށީ ނަރަކައިގައި އަޑިޔަށް ވެއްޓޭ حال އެއްގައެވެ. ހަމަ އެފަދައިން حدّ އެއްގެ ތެރޭގައި މަރުވާ އަންހެނުންވެސް ފުރަތަމަ ތާޅަފިލީގެ އަޑަށް ދާނދެން އެކަމުގެ ވޭން ލިބިލިބި އޮންނަހުއްޓެވެ.
صحّ ވެގެންވާ حديث ގައި ރިވާވެގެންވެޔޭ سلام ލެއްވި آدم ގެފާނާއި، موسى ގެފާނާއި ބައްދަލުވިއެވެ. موسى ގެފާނުން ވިދާޅުވެއްޖެޔޭ، ކަލޭގެފާނަކީ މާތްރަސްކަލާނގެ يَدقدرة ފުޅުން ހައްދަވައި، އެކަލާނގެ މަލާއިކަތުން ގަންނަވައި، ސަޖިދަ ކުރައްވައި، އެކަލާނގެ ސުވަރުގެއަށް ލެއްވިމާތް ސާހިބާއެވެ. ދެން ކަލޭގެފާނު އެކަލާނގެ ކިބައަށް އުރެދިގަތީ ކީއްވެތޯ އެވެ؟
آدم – އޭ موسى ގެފާނެވެ. ކަލޭގެފާނަކީ، މާތްރަސްކަލާނގެ ބަސް وحى ކުރައްވައި ކަލޭގެފާނުންގެ މައްޗަށް تورات ބާވައިލެއްވި رسول އާއެވެ. އެފޮތުގައި آدم ގެފާނު އުރެދިއްޖެއޭ އޮއްވައި ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟
موسى – ނޫނެކޭ ނޫނެކޭ ދުށީމެވެ.
آدم - އެތާގެ ކައިރީގައި އެފޮތުގައި އޮތީ އެއީ ކިތައް އަހަރުކުރިން آدم ގެ މައްޗަށް މިންވަރުކުރައްވައި ކަނޑައެޅުނު ކަމެއްކަމުގައިތޯއެވެ.
موسى – އޮތީ ފަންސާސް ހާސް އަހަރު ކުރިންކަމުގައެވެ.
آدم – އެހެންވީއިރު ދެން.
موسى - އާދޭހެވެ. އެގިއްޖެޔޭ އެއީ إلهى حكمة ފުޅެވެ. މީހުންނަކަށް سؤال އެއް ނުކުރެވޭނެއެވެ.
صحيح حديث ގައިވެޔޭ. ސަލާމާއި صلوات ލެއްވި رَسلُولُ اللهِ ގެފާނުން معراج އަރާވަޑައިގަތް ރޭގައި، އެންމެހައި رَسُول ބެއިކަލުންނާއި ގެން ދެ ركعة ނަމާދުފުޅެއް ކުރެއްވިއެވެ. އަދި އެކަލޭގެފާނުން هَارون ގެފާނަށް سلام ކުރެއްވިއެވެ. އެ هَارون ގެފާނުން އިތުރުއެކަލޭގެފާނާއި، އެކަލޭގެފާނުންގެ أمّة އަށް ހެޔޮ دعاء ކުރެއްވިއެވެ. إدريس ގެފާނުން ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. މިއެންމެ ބެއިކަލުންނަކީވެސް މާކުރީގައި އަވަހާރަވެ ލޯފުޅު އޮހޮރިގޮސް ފައިވާ ބެއިކަލުންނެވެ، ބަލަގަ، އެއީ ، نفسތަކުގެ ދިރިހުރުމެވެ. މީގެ ފަހުގައި އަދި އެހެން ދިރިތިބުމެއް ވެއެވެ. އެއީ ދެވަނަ ތާޅަފިލީގެ ފަހުގައި ދިރޭނޭ ދިރުމެވެ. އެންމެފުރަތަމަ ދިރިތިބޭ ތިބުމަކީ اَلَسْتُ بِرَبِّكُم މިހެން وحى ކުރައްވައި، މީސްތަކުން ހެކިކުރެއްވި ދުވަހުގެ ދިރިތިބުމެވެ. މިދުނިޔޭގައި ހިމެނޭ ދިރިތިބުމެއް ނޫނެވެ. އަދިކިއެއްތަ މިއީ نعمَة ލިބުމުގެ مسخره އެކެވެ.
ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނުންގެ ކިބައިން ރިވާވެގެންވެޔޭ ހަމަ ކަށަވަރުން އެކަލޭގެފާނުން حديث ކުރެއްވިޔޭ اَنَّاسُ نِيَامٌ فَاِذَا مَاتُوا انْتَبَهُوْا މި حديث ގެ معن އީ މީސްތަކުންނީ ނިދާފައިތިބޭ ބައެކެވެ. އެމީހުން މަރުވެއްޖިއްޔާ ހެއިލެވުނީއެވެ.
މިދެކެވިދިޔަ ވާހަކައިގައި މިދެކެވި ދިޔައީ މަރުވެދާމީހުންގެ ލޯތައް އޮހޮރިދިޔުމަށް ފަހު ދެން އެމީހުންގެ حال ތައް ހުންނާނޭ ހަތަރު ގޮތުގެވާހަކައެވެ. ފަހެ، އެއިތެރޭގައި އެއްތަނެއްގައި قرار ވެތިބޭމީހުން ނާއި، އެތަންމިތާގައި ހިގަހިގާތިބޭ މީހުންނާއި، ނިދިފައި ތިބޭމީހުންނާއި، عذاب ލިބޭމީހުންނާއި ވެއެވެ. މިކަންކަން صحّ ކަމުގެ މައްޗަށް އެއްދަލީލަކީ، މާތްރަސްކަލާނގެ وحى ކުރެއްވި މި آية އެވެ. النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ މި آية ން بَرْزَخْ ގެމައްޗަށް دليل ކުރެއެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-