ސަޖިދަކުރުމުގަ އިހްމާލްވެވޭނަމަ ފުރަތަމަ ކަމަކަށް އެކަން އިޞްލާޙްކުރަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ސަޖިދަކުރުމުގަ އިހްމާލްވެވޭނަމަ ފުރަތަމަ ކަމަކަށް އެކަން އިޞްލާޙްކުރަންޖެހޭނެ!: މުފްތީ މެންކް

ތިބާ އާއި ރައްބުލްޢާލަމީން، ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައިކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމާދުގައި ކުރާ ކޮންމެ ރަކްޢަތެއްގައި 2 ފަހަރު ސަޖިދަކުރަމުއެވެ. ވީމާ މިބަޔާންކުރަނީ ކޮންމެހެންވެސް ވިސްނައިލަންޖެހޭނެ ބައެއް ކަންކަމެވެ.

ތިބާ ގޮސް ނަމާދުގެ ސަފުތަކާއި ގުޅެމުއެވެ. ނަމާދުކުރަމުން ގޮސް ސަޖިދަ ކުރަމުއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! ސަޖިދައިގައި އޮންނަ ވަގުތުކޮޅުވެސް ﷲ ތަޢާލާގެ މަތިން ހަނދާންވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއޮވެވެނީ ﷲ ތައާލާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ މިންވަރަށް ކުއްތަންވެގެންކަނަ ހިތަށް ގެނެވޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުންކަން ހިތަށް ވަދޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ދުލުން ކިޔާ އެއްޗެއްގެ މާނަ ހިތަށް ވަދޭ ހެއްޔެވެ؟

ދުނިޔަވީ ނަޒަރަކުން ބަލައިފިނަމަ ގިނަ ބައަކު އެއްވެ ތިބެ ސަފު ހަދައި ކިޔޫގައި ތިބެ ޤައުމުގެ އެންމެ އިސް ވެރިޔާއަށް އިންތިޒާރުކުރުން ހިތަށް ގެންނާށެވެ! ވެރިމީހާ ސަފުކޮޅުން ފެންނަ ފެށީންސުރެ އެކަމަށް ތައްޔާރުވަމުއެވެ. ކައިރިވާވަރަކަށް ހިނިތުންވެ ދަތްތައް ދައްކަމުއެވެ. ލައިގެން ހުންނަ ހެދުންވެސް ރީކޮށްލަމުއެވެ.

މީސްތަކުންނޭވެ! ގިނަ ދަރުސްތަކެއްގައި މިފަދަ ކަންކަމުގެ ވާހަކަ ތަކުރާރުކުރާތީ ސުވާލު އުފައްދާނެ ބައަކުވެސް ތިބެދާނެއެވެ! ނަމަވެސް ނިކަން ބުނެބަލާށެވެ! ފުރިހަމަ ގޮތުގައި ސަޖިދަ ނުކުރެވި ނަމާދު ފުރިހަމަ ކުރެވޭނެ ހެއްޔެވެ؟ ނުކުރެވޭނެކަން ކަށަވަރެވެ.

ނަމާދުކުރި ނަމަވެސް ނަމާދު ފުރިހަމަ ނުކުރެވޭތީ ލިބެންވާ ސަވާބު ނުލިބޭނަމަ ކުރި ނަމާދުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމާދު ފުރިހަމަ ނުކޮށް އާޚިރަތް ދުވަހު ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނިކަން ބުނެބަލާށެވެ! އެފަދަ ގޮތެއް އޮތްކަން އެނގިފައެއް ނެތެވެ.

މީސްތަކުންނޭވެ! ނަމާދު ކުރާއިރު ސަޖިދައިގައި ހޭދަކުރާ ވަގުތު އިތުރުކުރާށެވެ. ތަޅުމުގައި ނިތްކުރި ޖެހުމާއިއެކު ފުންމައިގެން ތެދުވާ މީހަކަށް ނުވާށެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިމާމް މީހާ ޢާއިއެކު ތެދުވަންވާނެއެވެ. ނަމަވެސް އެކަނިކުރާ ނަމާދުތަކުގައި އެމީހަކު ބޭނުންހައި އިރެއްވަންދެން ސަޖިދައިގައި އޮވެވިދާނެއެވެ. ކުރިންވެސް ބުނިފަދައިން ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުށްތަން ވެވޭ ވަގުތެވެ.

އަނެއްކާވެސް ދުނިޔަވީ މިސާލެއް ކިޔައިދޭނަމެވެ. ތިބާ އެންމެ ލޯބިވާ މީހާގެ ގާތަށް ދެވުމުން ބޭނުންވަނީ އަވަހަށް ނުކުމެގެން ދާން ހެއްޔެވެ؟ ނޫނީ ވީހައި ގިނަ ވަގުތެއް އެކުގައި ހޭދަކުރަން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތު ފުންމައިގެން ތެދުވުމަކީ ކޮން ގޮތަކުން ކުރަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ ވީހައި ގިނަ ވަގުތު ﷲ ތަޢާލާ އާއި ކުތަންވެގެން އޮތުން ވާން ޖެހޭނީ ލިބޭ އެންމެ ބޮޑު އުފާ ކަމަށް ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! މިދެއްކި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އަދި އަމަލުކުރާށެވެ. ﷲ ތަޢާލާއަށް ތިބާގެ ހިތުގައި އޮތް ލޯބި އަމަލުން ދައްކާށެވެ! އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ނަމާދުންނެވެ. ޚާއްޞަކޮށް ސަޖިދައިގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން