ޤުރްއާނުގެ ތަފްސީރާއި، ޙަދީޘްގެ ޝަރަޙަ އުނގެނެން މިހާރަށްވުރެ ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވޭ! މަހެއްހައި ދުވަހުން އާދަހިފިދާނެ! އިން ޝާﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ޤުރްއާނުގެ ތަފްސީރާއި، ޙަދީޘްގެ ޝަރަޙަ އުނގެނެން މިހާރަށްވުރެ ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވޭ! މަހެއްހައި ދުވަހުން އާދަހިފިދާނެ! އިން ޝާﷲ

މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވެއެވެ. އެހެނީ، މިއަދު އަހަރެމެންގެ ޖީބުގައި ވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވެއެވެ. މި ފަސޭހަޔާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް، ނުހަނު ފަސޭހައިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.

ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމެވެ. އަދި ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތެވެ. އެހެންކަމުން ޤުރްއާން ކިޔެވުމާއި ޙަދީޘް ކިޔުން އެމީހެއްގެ ކިބައިގައި އާދައެއްގެ ގޮތުގައި އަށަގަންނުވަން ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓް ޤުރްއާން ކިޔަވަން އަދި ފަސް މިނިޓް ޙަދީޘް ކިޔަން ހޭދަ ކުރެވިދާނެއެވެ. އެގޮތުގައި މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައި ވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިކަމަށް އާދަވުމާއެކު ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަޑުމަޑުން އިތުރު ކުރަމުން ދެވިދާނެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށްވެއެވެ!

ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ.

ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ ގެ މާނައަކީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން މި ކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ----- މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ." އަދި ދެވަނަ ކަލިމަ ކަމުގައިވާ مُحَمَّدٌ رَسُوْلُ اللهِ ގެ މުރާދަކީ، މުޙައްމަދު އީ، އިންސީންނާއި ޖިންނީންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، ﷲ ގެ ޙަޟްރަތުން ފޮނުއްވި ރަސޫލާކަމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ----- މާނައީ: "އުފާވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خَبَرُ ދެއްވާ ބޭކަލަކު ކަމުގައި،حَقُّ ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ."

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެނީ، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ މުޙައްމަދު އަށެވެ. ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ ގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެއެވެ. ޝަރީޢަތުގެ މި ދެމަޞްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެއެވެ.

 

މިއަދު އޮންލައިން