ބައިވެރިޔާ އެހެން މީހަކުދެކެ ލޯބިވެއްޖެނަމަ ޙައްލަކީ އެމީހަކަށް އަނިޔާދިނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ބައިވެރިޔާ އެހެން މީހަކުދެކެ ލޯބިވެއްޖެނަމަ ޙައްލަކީ އެމީހަކަށް އަނިޔާދިނުންތަ؟

އެއްވެސް ކަމެއްގައި އެންމެން ވިސްނާނީ އެއްގޮަތަކަށް ނޫންކަމުން ކޮންމެ ކަމަކާއި ގުޅިގެންވެސް އެކިމީހުން ޢަމަލުކުރާނީ އެކިގޮތަށެވެ. އެގޮތުން ތިމާގެ ބައިވެރިޔާ އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެމީހަކަށް ދެވުނުހައި ދެރައެއްދޭ ބައަކުވެސް އުޅެއެވެ.

ކަމަކީ ކިތަންމެ ގޯސްކަމެއް ނަމަވެސް އެއީވެސް ކުރާ ކަމެކެވެ. ހިނގަމުންދާ ކަމެކެވެ. ބައިވެރިޔާ އެފަދަ ކަމެއް ކޮށްފިކަން އެނގިއްޖެނަމަ އިޞްލާޙްވާން ބުނާށެވެ. އިޞްލާޙްވާން ބޭނުން ނުވިނަމަ ރިވެތިގޮތުގައި ދެމީހުން ވަކިވާށެވެ. ބަދަލުހިފެން އޮތަސް ބަދަލުނުހިފާށެވެ.

ބަދަލު ނުހިފީމާ އެމީހަކަށް ﷲ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އެއިގެ ބަދަލުގައި ކޮންމެ ފަދަ ސަބަބެއް މެދުވެރިވެގެން ނަމަވެސް މީހަކަށް އަނިޔާވުމަކީ ދީނުގައި އޮތްކަމެއް ނޫނެވެ. އެކަމުގައި ކުށެއްކޮށްފިނަމަ ފާފަވެރިވެސްވާނެއެވެ. ހަމައެފަދައިން މާފްކޮށް އެކަމަށް ބަދަލުނުހިފުމުން ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

ތިރީގައި އެވަނީ މިނަޞޭޙަތުގެ ބަސްކޮޅަށް ބާރުލިބޭ ބައެއް ވާހަކަތަކެވެ.

އޭނާއަކީ އޮޕަރޭޝަންކުރާ ޚާއްޞަ ޑޮކްޓަރެކެވެ. މަސައްކަތްކުރަނީ އަމިއްލަ ހޮސްޕިޓަލެއްގައެވެ.

އެއްދުވަހު އޭނާގެ އެހީތެރިން ބުނީ ވަރަށް ސީރިއަސް ޙާލުގައި އޮތް ބަލިމީހަކު ހޮސްޕިޓަލުގައި އެބަ އޮތް ކަމަށާއި އޭނާގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރަންޖެހޭ ކަމަށެވެ. އަދި އެ އޮޕަރޭޝަން އެމީހުންނަށް ނުކުރެވޭނެ ކަމަށާއި ކުރެވޭނީ ހަމައެކަނި އޭނާއަށް ކަމަށެވެ.

ޑޮކްޓަރު ގޮސް ބެލިއިރު އޭނާގެ ޙާލު ވަރަށް ސީރިއަސްއެވެ. އަދި އޭނާއަކީ އޭނާގެ އަނބިމީހާގެ ލޯބިވެރިޔާވެސްމެއެވެ. އެހެންކަމާއިއެކުވެސް ޑޮކްޓަރު އެ މައްސަލަ ބާއްވާފައި އަވަސްވެގަތީ އޭނާގެ އޮޕަރޭޝަންކޮށް ފުރާނަ ސަލާމަތްކުރެވޭތޯއެވެ.

އޮޕަރޭޝަން ނިންމާލާފައި ޑޮކްޓަރަށް ތިއޭޓަރުން ނުކުމެވުނީ އަނބިމީހާގެ ކުރިމައްޗަށެވެ. އަނބިމީހާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަޅައަޅައިގަންނަވަރުންނެވެ. "އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގެއެވެ. އޭނާގެ އޮޕަރޭޝަން ކާމިޔާބެވެ. ނަރުހުން ހުއްދަދިނީމާ ބައްދަލުކުރާށެވެ!" ބުނެފައި ޑޮކްޓަރު ދިއައީއެވެ.

ދުވަސްކޮޅެއްފަހުން ޑޮކްޓަރު އަނބިމީހާ ވަރިކުރިއެވެ. އަދި ލޯބިވެރިޔާގާތަށްގޮސް އެކުގައި އުޅުމަށްބުންޏެވެ. އެއިގެ ކުޑަދުވަސްކޮޅެއްފަހުން ޑޮކްޓަރު ދެވަނަ ކައިވެނިކުރިއެވެ. ދެވަނަ އަނބިމީހާވީ ވަރަށް އިޚްލާޞްތެރި އޭނާދެކެ ވަރަށް ލޯބވާ އަންތބަކަށެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ ވަރަށް ބޮޑު ބޭނުމެއް އޮވެގެންނެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުނަދާ ޢާންމު އުޞޫލާއި މިވާހަކައިގައި މިދިމާވާ ގޮތާއި ތަފާތު ބޮޑުކަމުންނެވެ.

އަނބިމީހާ ނުވަތަ ފިރިމީހާ އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ އަޅުގަނޑުމެންނަށް ވެވެނީ ޢަދާވާތްތެރިއެވެ. ބޭނުންވެވެނީ އަވަހަށް އެމީހަކު ދުނިޔެއިން ނައްތައިލާށެވެ. ނުވަތަ ކޮންމެވެސް ބޮޑު ގެއްލުމެއްދީ އެމީހަކު ނިކަމެތިކޮށްލާށެވެ.

އަޅުގަނޑަކީ އެކަމުގެ ވޭން ވަރަށް ބޮޑަށ އުފުލަންޖެހިފައިހުރި އަންހެނަކީމެވެ. އެއީ ކިތަންމެ ގޯސްކަމެއް ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ނުފޫޒުގަދަ މީހެއްގެ އަންބަކުދެކެ ލޯބިވިއެވެ. ފުރަތަމަ ލޯބިވީ ފިރިމީހާކަމެއް ނުވަތަ އެ އަންހެންމީހާ ކަމެއް އަޅުގަނދަކަށް ނޭނގެއެވެ. ކޮންމެއަކަސް އެކަމެއްވިއެވެ.

އެކަން އޭނާގެ ފިރިމީހާއަށް އެނގުމުން އަޅުގަނޑުގެ ފިރިމީހާގެ ބޮލުގައި ބޮޑު ވައްކަމެއް އަޅުވާފައިވަނީ 18 އަހަރަށް ޖަލުގައި ބަންދުކުރުވާފައެވެ. ނަތީޖާއަކީ އަޅުގަނޑާއި ދަރިން ބިކަވެ ނިކަމެތިވުމެވެ. އެކަން ކުރުވިމީހާއަށް ލިބުނު އުފަލެއްވެސް ނެތެވެ. އޭނާގެ އަނބިމީހާ ވަނީ ވަރިވެފައެވެ. އަދި ޒުވާނަކާއި ކައިވެނިވެސް ކޮށްފައެވެ.

އަޅުގަނޑުގެ ފިރިމީހާއަށް ލަނޑުދިން މީހާއަކީ މިހާރު އެއްވެސް ނުފޫޒެއްވެސް ހުރި މީހެއް ނޫނެވެ. 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއިއެކު އޭނާގެ ވަޒީފާ ވަނީ ގެއްލިފައެވެ. އިންނާނެ މީހަކުވެސް ނުވެގެން މިހާރު އުޅެނީ ދަރިންތަކެއްގެ މުސްކުޅި މަންމައަކާއި ކައިވެނިކޮށްގެންނެވެ.

އަޅުގަނޑު ބުނެލަން ބޭނުންވަނީ އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެމީހަކަށް ނުހައްޤުން އަނިޔާނުދޭށެވެ. އަދި ހަނދާންކޮށްލަންވީ ތިމާއަށްވެސް އެފަދަ ކަންކަން ކުރެވޭކަމެވެ. ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ ރުޅިއަންނަންވީ އޭނާ ގުޅުނު މީހާދެކެ ނޫންކަމެވެ. ބައިވެރިޔާދެކެ ކަމެވެ.

އެޑޮކްޓަރު އެދެއްކީ އެކަންކުރަންވީ ގޮތުގެ މިސާލެވެ! ޑޮކްޓަރު ބޭނުންނަމަ އެއޮޕަރޭޝަންކޮށްނުދީ އެހެން ހޮސްޕިޓަލަކަށްވެސް ފޮނުވައިލެވިދާނެއެވެ. ނޫންނަމަ އޮޕަރޭޝަންކުރުން ލަސްކޮށް އޭނާ މަރާވެސް ލެވިދާނެއެވެ. ނަމަވެސް އޭނާ އިސްކަންދިނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އަދި ބޭވަފާތެރިވީ އަނބިމީހާ ދޫކޮށްލީއެވެ.

މިފަދަ ވާހަކަތަކަކީ ޢިބްރަތް ޙާޞިލުކުރަން ޖެހޭ ވާހަކަތަކެވެ!

--ޝިރުޟީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން