މަރުވުމުގެ ކުރިންވެސް، އަދި މަރުމަތީގައިވެސް ކުރަންޖެހޭ އެންމެ މުހިންމު ވަޞިއްޔަތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މަރުވުމުގެ ކުރިންވެސް، އަދި މަރުމަތީގައިވެސް ކުރަންޖެހޭ އެންމެ މުހިންމު ވަޞިއްޔަތް-: މުފްތީ މެންކް

ދުނިޔަވީ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަކަންދެވި އަދި އިސްކަންދެވެމުންގޮސް ވަޞިއްޔަތެއްގެ ވާހަކަ ދެކެވޭއިރަށް ހިތަށް ވަންނަނީ ކޮންމެވެސް މުދަލެއް ނުވަތަ ފައިސާތަކެއްގެ ވާހަކައެވެ. ވަޞިއްޔަތާއިމެދު ސިކުނޑި މާބޮޑަށް ހުޅުވާލަން އެބަޖެހެއެވެ. ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން އެނގެން އެބަޖެހެއެވެ.

އަހުރެން ބައެއް އެކުވެރިންގެ ގާތުގައި އެމީހުން މަރަށް ތައްޔާރުވުމުގެ ގޮތުން ކުރާނެ ވަޞިއްޔަތާއިބެހޭގޮތުން ސުވާލުކުރަމެވެ. މަރުމަތީގައި ކަންކަން ކުރަން ފުރުޞަތު ލިބިއްޖެނަމަ ކުރާނެ ކަންކަމާއިބެހޭގޮތުން ސުވާލުކުރަމެވެ.

ގިނަމީހުން ދައްކަނީ މުދަލުގެ ކަންކަން ހަމަޖައްސައި ދަރިންނަށް އޭނާގެ ތަނަވަސްކަން ފޯރުކޮށްދޭނެވާހަކައެވެ. އޭނާގެ މިލްކިއްޔާތުގައި ހުރި ތަކެތީގެ މައުލޫމާތު ދަރިންނަށް ފޯރުކޮށްދޭނެ ވާހަކައެވެ.

މިކަންކަމަކީވެސް ހަމަ ކުރަން ރަނގަޅު ކަންކަމެވެ. ނަމަވެސް މިއީ އެންމެ މުހިންމު ކަންތަކެއް ނޫނެވެ. ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ!

"ނުވަތަ ޔަޢްޤޫބްގެފާނުގެ އަރިހަށް މަރުއައިސް ޙާޟިރުވިހިނދު ތިޔަބައިމީހުން ޙާޟިރުވެ ދެކެންތިބީމުހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމްގެފާނާއި އިސްމާޢީޅްގެފާނާއި އިސްޙާޤްގެފާނުގެ އިލާހަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުން ކަމުގައި ވެގެންނެވެ." (އަލްބަޤަރާ: 133)

މީސްތަކުންނޭވެ! ދަރިން ތަރުބިއްޔަތުކުރަންވީ އެފަދައިންނެވެ. ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާނެ ގޮތުގައެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކުރާނެ ބައެއްގެ ގޮތުގައެވެ.

އަދި މަރުމަތީގައިވެސް އެކުދިންނަށް އެކަމަށް ވަޞިއްޔަތްކުރަންޖެހެއެވެ. އެކުދިން އެގޮތުގައި ތިބޭނެކަން ޔަޤީންކުރަން މަސައްކަތްކުރަންވާނެއެވެ.

މީސްތަކުންނޭވެ! ކިތަންމެ ގިނަ ފައިސާތަކެއް ދަރިންނަށް ދޫކޮށްފައި ދިއަނަމަވެސް 4 ދަރިފަސްކޮޅަށް، މުނިމުނިކާފައާއި ހަމައަށްދާއިރު އެތަނަވަސްކަން ދެމިއޮންނަކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް ދަރިން ރިވެތި އަޚްލާޤާއި އިސްލާމީ ފުރިހަމަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެކަން ދެމިގެންދާނެއެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! ބަލަންވީ ވީހައި ގިނަ ފައިސާ ދަރިންނަށްޓަކައި ޖަމާކޮށްދެވޭތޯއެއް ނޫނެވެ. އެދަރިންނަކީ އިސްލާމް ދީނުގެ ފުރިހަމަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތު ކުރެވޭ ބައަކަށް ހެދޭތޯއެވެ. ދަރިންނަށް ކުރާ ފައިދާ ބޮޑުވާނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން