ޒަކާތް ނެގުމާމެދު އަބޫބަކުރުގެފާނުގެ ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޒަކާތް ނެގުމާމެދު އަބޫބަކުރުގެފާނުގެ ބަސްފުޅު-

ސައްތައިން ސައްތަ މުސްލިމް ދައުލަތަކުން ޤާނޫނުން ބުނާ ޓެކްސްތައް ނަގަމުން ގެންދާއިރު ﷲ ތަޢާލާ ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ މުދަލު ޒަކާތް އަތުނުލަނީ ކީއްވެގެންތޯ؟ 

ސުވާލުކުރެއްވެވި ކިޔުންތެރިޔާއަށް ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.   

"މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤް (ރޢ) ގެ ޚިލާފަތުގެ ދުވަސްވަރު ޒަކާތްދިނުމުން މަނާވެގަތް މީހުންނާއި ހަނގުރާމަކުރައްވައިފައެވެ. އަދި ވިދާޅުވި ބަސްފުޅު އިސްލާމީ ތާރީޚުގައި ވަނީ މަޝްހޫރުވެފައެވެ. 

"މާތް ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ނަމާދުގެ ޙުކުމާ ޒަކާތުގެ ޙުކުމާ ތަފާތުކުރާ ބައަކާ ތިމްނަކަލޭގެފާނު ހަނގުރާމަކުރާހުށީމެވެ. ފަހެ އެހެނީ ޒަކާތަކީ މުދަލުގެ ޙައްޤެކެވެ. މާތް ﷲ ގަންދީ ބުނަމެވެ. ޒަކާތުގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް އެބައިމީހުން ދީއުޅުނު ތަކެތީގެ ތެރެއިން، ޖަމަލު ބަންނަ ވައުގަނޑެއްގެ މިންވަރު ތިމަންކަލޭގެފާނަށް ދިނުމުން، މަނައަވެގަތް ކަމުގައިވިޔަސް، އެކަމުގެ މައްޗަށް އެބައިމީހުންނާ ހަނގުރާމަކުރާހުށީމެވެ." 

ރާއްޖޭގައި ޒަކާތް ނަގަން ހަނގުރާމަކުރާކަށެއްވެސް ނުޖެހޭނެއެވެ. ދައްކަން ޖެހޭކަމަށް ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭ އެތައް ބައިވަރު ޓެކްސްތަކާއި ޑިޔުޓީތައް ރައްޔިތުން އެގެންދަނީ ކިޔަމަންތެރިކަމާއިއެކު މިހާރުވެސް ދައުލަތަށް ދައްކަމުންނެވެ.   

ޒަކާތް ނަގަން ބޭނުންވަނީ ހަމައެކަނި ނިޒާމެކެވެ. ޒަކާތް ދައްކަންޖެހޭ މީހުންނާއި ކުންފުނިތަކުން ޒަކާތް ދައްކާކަން ދައުލަތުން ބެލުމެވެ. ރައްޔިތުންގެ އަތުން މިހާރުވެސް ނަގަމުންގެންދާ ޓެކްސްތަކަށްބަލާއިރު މިއީ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެކަން މީރާއަށް ކުރެވޭނެއެވެ. އިތުރު މުއައްސަސާއެއް ބޭނުމެއްވެސް ނުވެއެވެ. 

ބޭނުންވަނީ ބޭންކަށް ދަރާއޮތްނަމަ އޮޓޮމެޓިކުން ރިބާ އިތުރުކުރާ އުޞޫލުން ބޭންކުގައި ހުންނަ ނިޞޯބް ހަމަވާ ފައިސާއިން ޒަކާތް އުނިކޮށް ޒަކާތުފަންޑަށް ޖަމާކުރަންޖެހޭނެކަން ޤާނޫނަކުން ކަނޑައެޅުމެވެ. 

ޚުޠުބާތަކުގައި އިމާމުން ގެންދަވަނީ ދައުލަތަށް މިކަންކަން ކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. ޒަކާތް ނެގުމަކީ ދައުލަތުން ކުރަންޖެހޭނެ ކަމެއް ނޫންނަމަ އަބޫބަކުރުގެފާނު އެކަމެއް ނުކުރައްވަވާނެއެވެ. ހަނގުރާމަކުރައްވައިގެންވެސް އަތުލައްވަވާނެ ކަމަށް ވިދާޅެއް ނުވީހެވެ. 

ހަމައެއާއިއެކު ފާހަގަކުރަންޖެހޭ ކަމަކީ ޒަކާތާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވަން މީގެ ކުރިން ކޮށްފައިނުވާފަދަ މުހިންމު މަސައްކަތްތަކެއް މިހާރުގެ ސަރުކާރުން ފަށާފައިވާކަމެވެ. އިން ޝާ ﷲ ކަންކަން ދާނީ ރަނގަޅުވަމުންނެވެ. މިސަރުކާރުން އުފައްދާފައިވާ ޒަކާތު ހައުސްގެތެރެއިން މައްސަލައަށް ޙައްލެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

މިއަދު އޮންލައިން