"ކަނޑު ގަދަވެފައި ވަނިކޮށް ކަނޑު ދަތުރުކުރުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 26ސ
"ކަނޑު ގަދަވެފައި ވަނިކޮށް ކަނޑު ދަތުރުކުރުން ހުއްދައެއް ނޫން!

ކިތަންމެ ބިރުކުޑަޔަސް އަދި ކުރިމަތީގައި އޮތީ ކިތަންމެ ބޮޑު ބޭނުމެއް ނަމަވެސް ވިއްސާރަވެ ކަނޑގަދަވެފައިވަނިކޮށް ކަނޑުމައްޗަށް އެރުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެތައް ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ. ވީމާ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ދީނުގައި އެކަންކަން އޮތްގޮތް ބަޔާންކޮށްލާނަމެވެ. އިން ޝާ ﷲ  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم. 

ކަނޑަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ.

أحكام القرآن ގައި (1 / 150)  

އަލްޖައްޞާޞް رحمه الله ވިދާޅުވެފައިވެއެވެ.

"ކަނޑު މައްޗަށް އެރުން ހުއްދަކަން ނަންގަނެފައިވާ ބާބު

﴿وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ﴾ [سورة البقرة 164] 

މާނައީ: "އަދި މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައެވެ. (އެބަހީ: އެކަމުގައި ވިސްނާބަޔަކަށް ކަނޑައެޅިގެން ހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.)" 

ތަޢާލާގެ މިބަސްފުޅުން ދަލީލުކުރަނީ ކަނޑު މައްޗަށް އެރުމަކީ ހުއްދަ ކަމެއް ކަމުގައެވެ. އެއީ ހަނގުރާމައަށް ނުވަތަ ވިޔަފާރިކުރުމަށް ނުވަތަ އެ ނޫންވެސް މަންފާއެއް ލިބިގަތުމަށްޓަކައެވެ. އަދި އެކަން ޚާއްޞަވަނީ މަންފާއެއް ލިބިގަތުމަށްޓަކައި އެކަންޏެއް ނޫނެވެ. 

އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ﴾ [سورة يونس 22] 

މާނައީ: "އެއިލާހީ އެއްގަމާއި ކަނޑުގައި ތިޔަބައިމީހުން ދަތުރުކުރާ ގޮތް ހިންމަވައިދެއްވާ އިލާހެވެ." 

އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿رَّبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُوا مِن فَضْلِهِ﴾ [سورة الإسراء 66] 

މާނައީ: "ތިޔަބައިމީހުންގެ ރައްބަކީ ތިޔަބައިމީހުންނަށްޓަކައި ކަނޑުގައި އުޅަނދުތައް ދުވާގޮތް މެދުވެރިކޮށްދެއްވި އިލާހެވެ. (އެއީ) އެއިލާހުގެ ފަޟްލުވަންތަކަމަށް ތިޔަބައިމީހުން އެދުމަށެވެ." 

އަދި ﷲ ތަޢާލާ ވަޙީ ބަސްފުޅުގައިވާ ﴿لِتَبْتَغُوا مِن فَضْلِهِ﴾ ގައި ވިޔަފާރިއާއި އަދި އެނޫން ކަންކަންވެސް ހިމެނެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވެސް ވާފަދައިންނެވެ. 

﴿فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ﴾ [سورة الجمعة 10]

މާނައީ: "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲ ގެ ފަޟްލުވަންތަކަމަށް އެދޭށެވެ!" 

އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ﴾ [سورة البقرة 198]

މާނައީ: "ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ." 

ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންވަނީ ކަނޑުގައި ވިޔަފާރިކުރުން ހުއްދަކުރައްވާފައިވެއެވެ. އަދި ޢުމަރު ބުން އަލްޚައްޠާބުވަނީ މުސްލިމުންނަށް އޯގާތެރިވެވަޑައިގެން ކަނޑުގައި ހަނގުރާމަކުރުން މަނާކުރައްވާފައެވެ." އަލްޖައްޞާޞް رحمه الله ބަސްފުޅު ނިމުނީ. 

ނަބިއްޔާ صلى الله عليه وسلم ވަނީ ކަނޑުގެ ރާޅުތައް ބޮޑުވެ، ކަނޑުގަދަވުމުން ކަނޑު މައްޗަށް އެރުން މަނާކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«وَمَنْ رَكِبَ الْبَحْرَ بَعْدَ مَا يَرْتَجُّ، فَقَدْ بَرِئَتْ مِنْهُ الذِّمَّةُ» [رواه أحمد فيمسنده” (20749)، وحسنه الألباني فيصحيح الترغيب والترهيب ” (3078)] 

މާނައީ: "ކަނޑު ގަދަވެފައި ވަނިކޮށް ކަނޑު މައްޗަށް އަރާ މީހާ ދަންނާށެވެ. އޭނާ އެވަނީ ﷲ ތަޢާލާގެ ރައްކާތެރިކަމުން ނިގުޅިގެން ގޮސްފައެވެ." 

«بَرِئَتْ مِنْهُ الذِّمَّةُ» ގެ މުރާދާމެދު ދަންނައެވެ. 

ޞަޙީޙުލް ބުޚާރީގެ ޝަރަޙައިގައި (5 / 88) އިބްނު ބައްޠާލު رحمه الله ވިދާޅުވެފައިވެއެވެ.

"އެކަލޭގެފާނުގެ ބަސްފުޅު «بَرِئَتْ مِنْهُ الذِّمَّةُ» ގެ މާނައަކީ ފަހެ، އޭނާ ރައްކާތެރިކޮށްދިނުމުގެ ޒިންމާ އޭނާގެ ކިބައިން ބަރީއަވެގެންވާކަމެކެވެ. އެއީ އޭނާ އަމިއްލަ އަތުން އޭނާގެ ނަފްސު ހަލާކުގެ ތެރެއަށް ހުށަހެޅުމުންނެވެ. މިތަނުގައި އިސްލާމްކަމުގެ ޒިންމާއިން ބަރީއަވެގެންވާކަމަށް ވާރިދުވެފައެއް ނުވެއެވެ. އެހެނީ އެއްވެސް މީހަކު އިސްލާމްކަމުން ބަރީއަވާހުށީ ކާފިރުވުމުން އެކަންޏެވެ." 

التمهيد ގައި (1 / 234) އިބްނު ޢަބްދުލްބައްރު رحمه الله ވިދާޅުވެފައިވެއެވެ.

"ކަނޑު ގަދަވެފައިވަނިކޮށް އެއްވެސް ޙާލެއްގައި ކަނޑު މައްޗަށް އެރުން ހުއްދަވެގެން ނުވާކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ." 

އަދި فتح الباري ގައި (6 / 88) އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. 

"އަދި އެ މަނާކުރެއްވުން އެވަނީ ކަނޑު ގަދަވެފައިވާ ޙާލަތަށެވެ. އޭގެ މަފްހޫމަކީ އެ ނޫން ޙާލަތްތަކުގައި ހުއްދަވުމެވެ. އަދި މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ މަޝްހޫރު ބަސްފުޅެވެ. ފަހެ، ސަލާމަތްތެރިކަން ގަދަވެއްޖެ ހިނދުގައި ހިކިފަސްތަނާއި ކަނޑުވެސް ހަމަހަމަވެގެންވެއެވެ." 

އަދި نيل الأوطار ގައި (4 / 343) އައްޝައުކާނީ رحمه الله ވިދާޅުވެފައިވެއެވެ.

"މި ޙަދީޘް ދަލީލުކުރަނީ ކަނޑު ގަދަ ވަގުތުތަކުގައި ކަނޑު މައްޗަށް އެރުން ހުއްދަ ނޫން ކަމަށެވެ." 

އެހެންކަމުން ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީނުގައި ނުހަނު އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅަށް ބަލާލުމުން ފެނިގެންދަނީ އެކަލޭގެފާނު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާފައިވާ ކަމެވެ.  

އެގޮތުން އުޙުދު ހަނގުރާމައިގައި ނަބިއްޔާ صلى الله عليه وسلم ވަނީ ރައްކާތެރިކަމުގެ ގޮތުން ދެ ދަހަނާ އަޅުއްވާފައެވެ. އަދި މަދީނާއަށް ހިޖުރަކުރެއްވިއިރު މުޝްރިކުންގެ ދުއްތުރާތަކަށް ރައްކާތެރިވެވަޑައިގެންނެވުމުގެ ގޮތުން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި އެކަލޭގެފާނު މަޑުކުރެއްވެވިއެވެ. އަދި މަގު ދައްކަވާނެ ބޭކަލެއްވެސް ޢައްޔަނުކުރެއްވެވިއެވެ. އެހެންކަމުން އިސްލާމްދީނުގައި އައިސްފައިވަނީ ސަބަބުތަކުގައި ހިފުމާ އެކު ﷲ އަށް ވަކީލުކުރުމެވެ. ސަބަބުތަކުގައި ހިފުމަކީ ﷲ އަށް ވަކީލުކުރުން ނަފީކުރާ ކަމެއް ނޫނެވެ. 

އެހެންކަމުން ކަނޑު މައްޗަށް އަރާއިރުގައި މިޒަމާނާ އެކަށީގެންވާފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ދިވެހިން ބުނެ އުޅޭ ގޮތަށެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ." އެގޮތުން ދިވެހިރާއްޖޭގައި ކަނޑުމަތީގައި ދިމާވެފައި ހުރި ނުރައްކާތެރި ޙާދިޘާތައް ދިރާސާކުރުމުން ވިސްނާލަން ޖެހޭ މުހިންމު ބައެއް ނުކުތާތައް ފާހަގަވެއެވެ. އޭގެ ތެރެއިން ވަރަށް ގިނަ ނުކުތާތަކަކީ ކަނޑުދަތުރުފަތުރު ކުރުމުގެ ޤަވާޢިދުތަކުގައިވެސް ހިމަނާފައި ހުންނަ ކަންކަމެވެ. އެހެނަސް ވަރަށް ގިނަ ފަހަރަށް ފަރުވާ ކުޑަކުރެވޭ ކަންކަމެވެ. އޭގެ ތެރޭގައި: 

ދަތުރަށް ނުކުންނަ އިރު ދަތުރު ދުޢާ ކިޔުން.

ފާފައަކަށް އަރައިގަތުމަށް ކުރާ ދަތުރަކަށް ނުވުން.

ދަތުރަކަށް ނުކުންނަ އިރު އެ އުޅަނދަކީ އެ ކުރާ ދަތުރަށް އެކަށީގެންވާ އުޅަނދަކަށްވުން.

މަޙުރަމަކާ ނުލާ އަންހެނުން ދަތުރު ނުކުރުން.

އުޅަނދުގައި ސަލާމަތްތެރިކަމުގެ ހުރިހާ ސާމާނެއް ހަމައަށް ހުރުން.

މޯބައިލު ފޯނު ހަލާކުވެދާނެކަމަށް ނުވަތަ ބެޓަރީ ޗާޖު ގޮސްދާނެކަމަށް ނުވަތަ ރޭންޖު ނުލިބިދާނެކަމަށް ބަލައި އުޅަނދުގައި ސެޓެއް ހުރުން.

ދަތުރުތަކަށް އެކަނި ނުނިކުތުން. އެއީ އަކުނިވަޔަށް ދަމައި ނުވަތަ އެނޫންވެސް ނުރައްކަލެއް ދިމާވާއިރު އެމީހަކަށް އެހީވެރިވެވޭނެ ވަރުގެ މީހަކު ކައިރީގައި ހުރުމުން އިތުރު ރައްކާތެރިކަން ލިބުން.

ކަނޑުގަދަވާ ވަގުތުގައި ލައިފްޖެކެޓް އެޅުމަށް ފަރުވާ ކުޑަނުކުރުމާއި އެކަމަށް ލަދު ނުގަތުން. ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުގައި ކޯރުތަކާއި އެއްވެސް ރާޅެއް ނުޖަހާ ފެންގަނޑުތަކުގައި ދަތުރުކުރާއިރުވެސް މީސްތަކުން ލައިފް ޖެކެޓު އަޅާ މަންޒަރު ފެނޭ. އަދި ވަކިން ޚާއްޞަކޮށް ކަނޑުގަދަ ނޫނަސް ކުޑަކުދިންނާއި ފަތަން ނޭނގޭ މީހުން ލައިފް ޖެކެޓް އެޅުވުން މުހިންމު. އެއީ ނުވިސްނާ ތިއްބާވެސް އެފަދަ މީހަކު ކަނޑަށް ވެއްޓި ނުރައްކަލެއް ދިމާވުމުގެ ފުރުޞަތު އޮތުން.

ކަމާބެހޭ އިދާރާތަކުން ކަނޑުގަދަވެ ނުރައްކާވާނެ ކަމަށް ލަފާކޮށްފައި އޮންނަ އިރު ކަނޑުމައްޗަށް ނޭރުން. އެއީ ބައެއް ފަހަރު ލަފާކުރާ ގޮތާ ޚިލާފަށް ކަނޑު މަޑުވިޔަސް، އެފަދަ ޢިލްމުތަކަކީ ބޭރުފުށުން ފެންނަ ގިނަ ޢަލާމާތްތަކަށް ބަލާފައި ގޮތް ނިންމާ ޢިލްމަކަށް ވާތީ ބައެއް ފަހަރު ކުދި ތަފާތުތަކެއް ހުއްޓަސް، ގިނަ ފަހަރަށް ލަފާ ކުރާ ގޮތާ އެއްގޮތަށް ނުރައްކާތެރިވުން.

ކަނޑުގަދަވެފައި ވަނިކޮށް ރޭގަނޑު އަނދިރީގައި ދަތުރުނުކޮށް، ދަތުރުފަސްވުމުގެ ސަބަބުން ގެއްލުންތަކެއް މެދުވެރިވިޔަސް އެ ހުރި ރަށެއްގައި މަޑުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

ދިގު ދަތުރުތައްކުރުމުގެ ތަޖުރިބާ ހުރި ކައްޕިއެއް ނެތި ދިގު ދަތުރަކަށް ނުނިކުތުން.

އައުޓުބޯޑު އިންޖީނު ހުންނަ ލޯންޗުގެ ދެ އިންޖީނު ނެތިއްޔާ އަތޮޅުން ބޭރަށް ނުދިޔުން.

ކައްޕީގެ މޮޅުކަމަށް ބަރޯސާވެ ނުވަތަ އުޅަނދުގެ ވަރުގަދަކަމަށް ބަރޯސާވެ ކިތަންމެ ގަދަ ކަނޑެއްގައިވެސް ދުއްވޭނަކަމަށް ބުނެ ކަނޑުގަދަވެފައި ވަނިކޮށް ދަތުރު ކުރުމަކީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ސަބަބެއް. 

ދުޢާއަކީ އަޅަމެންނަށް އަމާންކަން މިންވަރުކުރައްވައި ރައްކާތެރިކަން ދެއްވުމެވެ! އާމީން. 

- ދިސަލަފިއްޔާ

 

މިއަދު އޮންލައިން