ތިމާއަކީ މާމޮޅު މީހެއްކަމަށްދުށުމާ އެހެން މީހުންނަކީ ނިކަމެތިންކަމަށް ދުށުމަކީ މުސްލިމުންގެ ސިފައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިމާއަކީ މާމޮޅު މީހެއްކަމަށްދުށުމާ އެހެން މީހުންނަކީ ނިކަމެތިންކަމަށް ދުށުމަކީ މުސްލިމުންގެ ސިފައެއް ނޫން!

ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާއަކީ ފުރުހަމަ މުސްލިމެއް ކަމަށެވެ. އަދި އިސްލާމް ދީނަށް ޢަމަލުވެސްކުރާކަމަށެވެ. މިމޭރުމުން ބައެއް މީހުން ބުނާ ބަހާއިމެދު ކުޑަ ބަހެއް ބުނެލަން އަހުރެން ބޭނުމެވެ.  

ނަމާދު ނިމިގެން ފައިބާއިރު ގިނަ ބައަކު ސަލާމްކުރެއެވެ. އެކަންކުރަނީވެސް ޘަވާބު ހޯދުމަށެވެ. އެއީވެސް ހަމަ ޘަވާބު ދެއްވަވާ އަޅުކަމަކަށްވާތީއެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ސަލާމަށް އަތްދިއްކޮށްލުމުން އަތުގައި ހިފާލަން ބޭނުން ނުވާ ބައަކު އުޅެއެވެ. ބައެއް މީހުންނަށް ނުހަނު ބޮޑަށް ހިނިތުންވެފައި އަނެއް ބައަކަށް ހިނިތުވާން ބޭނުން ނުވާ މީހުން އުޅެއެވެ. އެއީ އެމީހުންނަކީ ދަށުދަރަޖައިގެ މީހުން ކަމަށް ބަލައިގެންނެވެ.  

އަހުރެން ވަރަށް ޘާބިތުކަމާއިއެކު ބުނަމެވެ. މިފަދަ ސިފަތަކަކީ މުސްލިމުންގެ ކިބައިން އެއްގޮތަކަށްވެސް ފެނިގެންވާނެ ސިފަތަކެއް ނޫނެވެ. ކޮންމެ މުސްލިމަކީވެސް އަޚެކެވެ. ކޮންމެ އަޚަކީވެސް ހަމަހަމަ މީހެކެވެ.  

އަނެކާއަކީ ތިމާއަށްވުރެ ދަށު ދަރަޖައިގެ މީހެއް ކަމަށް ކަނޑައަޅާނީވެސް ކިހިނަކުން ހެއްޔެވެ؟ ކޮންމެ މީހެއްގެ ދަރަޖަ ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އެއީ ކިތަންމެ އާދައިގެ ފެންވަރުގެ ގޮތުގައި ޤަބޫލުކުރެވޭ މީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތީފެންވަރުގެ މީހަކަށްވުން އޮންނާނީ ދާދިގާތުގައެވެ.  

ދެން އޮތީ ފަޤީރު ޙާލުގައި ތިބޭ މީހުންނެވެ. ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ބޮޑަށް ސަމާލުކަން ދެއްވެވީ ނިކަމެތިންނަށެވެ. ފަޤީރުޙާލުގައިވާ މީހުންނަށެވެ. އަދި ޞަޙާބީންގެ ތެރޭގައި ގިނައީވެސް ވަރަށް ދަތިޙާލުގައި ދިރިއުޅުއްވެވި ބޭކަލުންނެވެ.  

ވީމާ ތިމާއަކީ ފުރިހަމަ މުސްލިމެއް ކަމަށާއި އިސްލާމް ދީނަށް ޢަމަލުކުރާ މީހަކު ކަމުގައިވުމަށްޓަކައި މިބަޔާންކުރި ފަދަ ކަންކަމަށް ސަމާލުކަންދޭށެވެ. އަޚުންގެ މެދުގައި ތަފާތުނުކުރާށެވެ. އަދި ތިމާއަކީ މާމަތީގައި ހުރި މީހަކު ކަމަށް ހީނުކުރާށެވެ! އެހެން ނޫންނަމަ އެހުރެވެނީ ފުރިހަމަ މުސްލިމެއްގެ ގޮތަކު ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން