ކާމިޔާބު، އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ކައިވެނީގެ ކަންކަމުން ފެށިގެން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަންކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ކާމިޔާބު، އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ކައިވެނީގެ ކަންކަމުން ފެށިގެން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަންކުރަންޖެހޭނެ!

އިސްލާމް ދީނުގައި ކައިވެނި ފެށިގެން އަންނަނީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅުންނެވެ. ﷲ ތަޢާލާ މަތިވެރިކުރަމުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔަވަމުންނެވެ.

ކައިވެނި ކުރެވެނީ ދެކަނބަލުންގެ ހަޔާތް ބާއްޖަވެރިކޮށްދެއްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރުމާއިއެކުގައެވެ. ކައިވެނީގެ ޚުޠުބާގައި ކުރެވޭ މި ދުޢާއަކީ ވަރަށް މުހިންމު ދުޢާއެކެވެ. ދުޢާއަށްފަހު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ހަޔާތުގެ ފުރަތަމަ މަންޒިލުވެސް ފަށައިގަތުމުން މިކުރެވޭ ކަމަކާއިމެދު ވިސްނަިލުން ވަރަށް ރަނގަޅުވާނެއެވެ.

މިހާރަކަށް އައިސް ކައިވެނިކުރުމުގެ ރަސްމިއްޔާތަށާއި ކައިވެނީގެ ޙަފްލާއަށް ކުރާ ބޭކާރު ޚަރަދުތައް ނުވަތަ އިޝްރާފާއިމެދު ކަންބޮޑުވެ ގިނަބައަކު ތަފާތު ސުވާލުތައް ކުރެއެވެ. އެހެންވެ ބުނެލަން އޮތީ ކައިވެނީގެ ކަންކަމުގައިވެސް ހިފަހައްޓަންޖެހޭ އިންތަކުގައި ހިފަހައްޓައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ.

ކައިވެނީގެ ހަފްލާތަކަށް ހެދުންލުމާއި އަދި ހަފްލާތައް ބޭއްވުމުގައި އެންމެ ރަނގަޅު ގޮތާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އަދި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހަދައި ދެމަފިރިން ގިޑިގެއަށް ވަދެތިބުމާއި ބެހޭ ގޮތުން ސުވާލުކުރެއެވެ.

"ކައިވެނީގެ ހަފްލާއަކަށް ނަމަވެސް އަންހެނުންނަށް ހެދުން ދިގު ކުރެވޭނީ އެންމެ ދިގުވެގެން މުށެއްގެ މިންވަރަކަށެވެ. އެއީ އެކަނބަލުންނަށް ލިބިގެންވާ ޚާއްޞަ ހުއްދައެކެވެ. ވީމާ މުޅިތަނުގައި ފެތުރޭ ވަރަށް، އެހެން މީހުންނަށް ހެދުމުގެ ބައެއް އުފުލަން ޖެހޭ ވަރަށް ހެދުން ދިގުކުރުމެއް ނެތެވެ. އެއިރުން އެވަނީ ހުއްދަ ކުރެއްވެވި އިމުން ބޭރުވެފައެވެ.

ހެދުން ދިގުކޮށް ބިންމަތީގައި ފަތުރައި އަދި އެހެން މީހުން ލައްވައި ހެދުން އުފުލުވުމަކީ ޔަހޫދީންނާއި ކްރިސްޓިއަނުންގެ ޢާދައެވެ. އަންހެން ބޭކަނބަލުންގެ ހެދުންކޮޅު ދިގުކޮށް ބިންމަތީގައި ފަތުރައި ދެމުން ކަމަށް ޢިލްމުވެރިން މާން ކުރައްވަވަނީ މުސްލިމުންނަށް ހުއްދަވެގެންވާ އިމުން ބޭރުވުމަށެވެ. (މުށަކަށްވުރެ ދިގު ކުރުމަށެވެ.) މި އިމުން ބޭރުވުން ހުއްދައެއް ނޫނެވެ.

އަދި ކައިވެނީގެ ހަފްލާތަކުގައި ގިޑިގެ ހަދައިގެން ވަދެތިބުމާއި ކައިވެނީގެ ހަފްލާތަކަށް ގިޑިގެ ހެދުމަކީވެސް ކާފަރުންގެ ޘަޤާފަތެކެވެ. އެފަދަ ކަންކަން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ. އެފަދަ ކަންކަން ވާނީ އެހެން ދީންތަކުގެ މީހުންނާއި އެއްގޮތްވާން ކުރެވޭ ކަންކަމަށެވެ. އެގޮތަށް އެއްވެސް ކަމެއް ކުރުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަނާކުރައްވަވާފައެވެ. އަދި އެގޮތަށް ކަންކަން ކުރުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ."

މިއީ ކައިވެނީގެ ހެދުން ދިގުކުރުމާއި ބެހޭ ގޮތުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ބައެއް ބޭފުޅުން އިތުރު ތަފްޞީލަށް އެދުމުން ޝައިޚް ޢަލީ ޒައިދު ދެއްވި ޖަވާބެވެ. މިހާރުވެސް އެސުވާލު ތަކުރާރުކޮށްލިބެމުން އަންނާތީ ހަނދުމަފުޅުކޮށްލައިދިނީއެވެ.

މިކަންކަމުގެ ޙުކުމްތައް ނުއެނގޭތީ ނަމަވެސް ކައިވެނީގެ ބައެއް ހަފްލާތަކުގައި ހެދުމަށްވުރެ ބޮޑު ބައެއް ފަހަތަށް ދިގުކޮށް އެހެން މީހުން ލައްވައި އުފުލުވައިގެން ހިނގާތަނާއި ބޮޑު ސަރަހައްދެއްގައި ފަތުރާފައި ބާއްވާތަން ރާއްޖޭގައި ވެސް މިހާރު ދަނީ ފެންނަމުންނެވެ. އަދި ގިޑިގެ ހެދުން ވެސް މިހާރު ދަނީ ޢާންމުވަމުންނެވެ.

ކޮންމެ ކިޔުންތެރިއަކުވެސް އެންމެ ގާތް އެކުވެރިންނަށް ޚާއްޞަކޮށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ އެކުވެރިންނަށާއި ޢާއިލާގެ މީޙުންނަށްވެސް މިލިޔުން ފޯރުކޮށްލައިދެއްވާށެވެ. ހެޔޮ މަގު ވިސްނި ރަނގަޅުގޮތް އިޚްތިޔާރުކުރޭތޯ ދުޢާކުރައްވާށެވެ!

 

މިއަދު އޮންލައިން