އަހުރެންވެސް އެއްބަސްވަމެވެ. ކޮންމެ ކައިވެންޏެއްގެ ފަހަތުގައިވެސް އެމީހަކު ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ބައެއް މީހުން އެކަންކަން ތަރުތީބުކުރާ ގޮތެވެ.
މިޘާލަކަށް ކައިވެނިކުރަނީ ބައިވެރިޔާގެ ކިބައިން ތިމާއަށް ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަވެފައި ހުންނަން ކަމަށް ދެކެގެން ކައިވެނިކޮށްފިނަމަ ވަރަށް އަވަހަށް މައްސލަ ޖެހޭނެއެވެ. އެއިރުން ވާގޮތަކީ މިޘާލަކަށް ބުނާނަމަ ހެނދުނު ހޭލާއިރު ގާތުގައި ކޮފީތަށި ހުންނަ އެބަޖެހެއެވެ. ބަރާބަރަށް ކާންހެދިފައި ހުންނަން އެބަޖެހެއެވެ. އަދި އެހެންކަންކަންވެސް އަބަދުވެސް ފުރިހަމަވެފައި ހުންނަން އެބަޖެހެއެވެ.
މިކަންކަމަކީ ކޮންމެ ދުވަހަކު ވަޤުތައް ފުރިހަމަ ކުރެވޭނެ ކަންކަމެއް ނޫނެވެ. ބައެއް ދުވަސްދުވަހު ކެއްކުން ލަސްވެސް ވެދާނެއެވެ. އޮފީހުން އަންނައިރު ކާންހަދައި ނުދެވިވެސް ހުރެދާނެއެވެ. އަނބިމީހާއަކީ ރޮބޮޓެއް ނޫނެވެ. ބަލިވެސްވާނެއެވެ. ވަރުބަލިވެސްވާނެއެވެ. އަދި ވަޤުތަށް އެކަންކުރަން ހަނދާންވެސް ނެތިދާނެއެވެ.
ސުވާލަކީ ތިމާ އެދޭގޮތަށް، ތިމާ ބޭނުންވާ ވަޤުތައް އެއްވެސް ކަމެއް އެންމެ ފުރިހަމައަށް ނުކުރެވި ހުރެއްޖެނަމަ އަނބިމީހާ ފޭލްވީހެއްޔެވެ؟ ކައިވެނިކުރި މަޤްޞަދު ގެއްލުނީހެއްޔެވެ؟
ނޫނެކެވެ. އެއްވެސް ޙާލެއްގައި އެއީ އެގޮތަށް އޮންނަ ކަމެއް ނޫނެވެ. މިފަދަ ވިސްނުންވެސް އެއަންނަނީ ކައިވެނިކުރި މަޤްޞަދާއި އަނެކާގެ ކިބައިން އެދޭކަންކަން ތަރުތީބުކުރެވުނު ގޮތަކުންނެވެ. ގޯސްކޮށް ތަރުތީބުކުރެވޭތީއެވެ.
ކައިވެނިކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ ގިނަ ބައަކު ބުނާނީ އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ. ސުވާލަކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ ދެމަފިރިން އެކުގައި ސުވަރުގެ ވަނުން ކަމުގައި ހަދައިފިނަމަ މިބަޔާންކުރި ފަދަ އެއްވެސް ކަމަކީ އެއްވެސް މައްސަލައަކަށް ނުވާނެއެވެ.
މިޘާލަކަށް ބުނާނަމަ ސުވަރުގެ ދިއުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ވީހާގިނައިން އަޅުކަންކުރުމެވެ. ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވުމަކީވެސް އަޅުކަމެކެވެ. ވީމާ ދެމަފިރިންކުރެ މީހަކަށް އަނެކާއަށް ކޮށްދޭންޖެހޭ ކަމެއް ކޮށްނުދެވިހުރިނަމަ އަމިއްލައަށް އެކަމެއް ކޮށްލުމަކީވެސް ބައިވެރިޔާއަށް އެހީތެރިވުމެވެ. އަނބިމީހާ ބޮލުގައި ރިއްސާތީ، ނުވަތަ ވަރުބަލިވެގެން ނަމަވެސް އޮށޯވެލައިގެން އޮތްނަމަ އޮތަނުދީ ގަދަކަމުން ތެދުކުރުވައިގެން ތިމާއަށް ކޮށްދޭންޖެހޭ ކަންކަން ކުރުވުމަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިވުމަކީ ޢަޛާބް ދެއްވަވާނެ ކަމެކެވެ.
ވީމާ ކައިވެނިން ޙާޞިލްކުރަން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ދެމަފިރިން އެކުގައި ސުަވރުގެ ދިއުން ކަމުގައި ކަނޑައަޅައި އެހެން ހުރިހާ ކަންކަން އެއިގެ ފަހަތަށް ގެންނާށެވެ. ދިރިއުޅުން އުފާވެރިވެ ހުރިހާ ކަމެއްވެސް ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން