ކިތަންމެ ސިފަ ރީތިނަމަވެސް އެއްވެސް އަގެއް ނެތް މީހުންނަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކިތަންމެ ސިފަ ރީތިނަމަވެސް އެއްވެސް އަގެއް ނެތް މީހުންނަކީ ކޮބައިކަން އެނގޭތަ؟

ކިތަންމެ ރީތި މީހަކު ނަމަވެސް އެމީހަކީ ގިނަބައަކާއިއެކު ގުޅުން ބާއްވައި ބައްދަލުކޮށް އުޅޭ މީހަކު ނަމަ އޭނާގެ ރީތިކަމުގެ އެއްވެސް އަގެއް ނެތެވެ. ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ބާއްވަންޖެހޭ ގުޅުންތައް ކައިވެނިނުކޮށް ބާއްވާނަމަ އެއީ ހަމަ ކުނިގަނޑެކެވެ. 

ބައެއް މީހުން، އަންހެނުންވެސް، ފިރިހެނުންވެސް ދެކޭ ގޮތުގައި ތިމާގެ ހަށިގަނޑުން ފޮރުވަންޖެހޭ ބައިތައް ގިނަ ބައަކަށް ދައްކައެވެ. ހަށިގަނޑުން ބޮޑުބައެއް ފެންނާނެ ގޮތަށް ފޭރާންލައެވެ. ބުނަންހެއްޔެވެ؟ އަގުވެއްޓޭނީ ފާޙިޝް ޢަމަލުކުރުމުން އެކަންޏެއް ނޫނެވެ. ހަށިގަނޑުން ފޮރުވަންޖެހޭ ބައިތައް ދެއްކުމަކީވެސް އެމީހެއްގެ ހަށިގަނޑުގައި އެއްވެސް އަގެއް ނެތްކަމުގެ ހެއްކެކެވެ. 

ތަހްޒީބުވެގެން ތިބިކަމަސް ބުނާ ބައެއް މީހުން އެމީހުންގެ ގައިގައި ހިފައި އޮޅުލުމުގެ ފުރުޞަތު ގިނަބައަކަށް ދެއެވެ. ބޮސްދިނުން ފަދަ ކަންކަންވެސް ކުރެއެވެ. ޙަޤީޤަތުގައި އެމީހުންނާއިމެދު އެފަދައިން ކަންކަންކުރާ މީހުންގެ ހިތުގައިވެސް އެމީހަކަށް އެއްވެސް ޤަދަރެއް އިޙްތިރާމެއް ނުއޮންނާނެއެވެ. ދެކޭނީ އެއްވެސް އަގެއް ނެތް ހަށިގަނޑެއްގެ ގޮތުގައެވެ. 

އަހުރެން ބުނުމުން މިވާހަކަތައް ޤަބޫލުނުކުރެވޭނަމަ އެގޮތަށް އުޅޭ މީހުންގެ ގާތުގައި ނިކަން އަހައި އޮޅުންފިލުވައިބަލާށެވެ. މިހެން ބުނަން ދެރަވެސް ވެއެވެ. އެކަމަކުވެސް ޙަޤީޤަތަކީ ގިނަ އަންހެނުންނަށް ރަނގަޅު ބައިވެރިއަކު ނުލިބޭ އެންމެ ބޮޑު ސަބަބަކީވެސް އަމިއްލައަށް އަމިއްލަ ހަށިގަނޑުގެ އަގުވަޒަން ނުކުރެވުމެވެ. ހަށިގަނޑުގެ އަގު ވައްޓައިލެވުމެވެ. ނަތީޖާއެއްގެ ގޮތުން މުޅި ޢުމުރު އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި އުޅެންޖެހޭ އަންހެނުން މަދެއް ނޫނެވެ. 

އިސްލާމް ދީނުގައި ރިވެތި އަދަބުތަކާއި ކަންކަން ކުރަންޖެހޭ އިންތަކެއް ބަޔާންވެގެންވަނީ މީސްތަކުންނަށްޓަކައެވެ. އަގުހުރި އިންސާނެއްގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށެވެ. އެއްވެސް ޙާލެއްގައި މީހަކަށް ލިބެން އޮތް ހިތްހަމަޖެހުމަކަށް ހުރަސް އަޅާކަށް ނޫނެވެ. 

ބައަކު މިޙަޤީޤަތްތައް އޮޅުވާލައި އަންހެނުން މަގުފުރައްދަން މަސައްކަތްކުރިނަމަވެސް ކަމުގެ ޙަޤީޤަތަކީ މިއީއެވެ. އަދި ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބެން އޮތް ހަމައެކަނި ގޮތަކީވެސް މިބަޔާންކުރި ގޮތަށް ޢަމަލުކުރުމެވެ. ދީނުގައި ބަޔާންވެގެންވާ އިންތަކުގައި ހިފެހެއްޓުމެވެ. އެއިންތަކުން ބޭރުން ތިބާގެ ބޭނުން ހިފާ ކޮންމެ މީހަކީ ތިބާއަށް ރަނގަޅު ދިރިއުޅުމެއް އުޅެވެން ނުވަތަ ރަނގަޅު ގޮތެއް މެދުވެރިވަން އެދޭ މީހެއް ނޫނެވެ. ވީމާ އެފަދަ މީހުންގެ މަކަރުވެރިކަމުގެ ދަލުގައި ނުޖެހޭށެވެ. ރަނގަޅު ގޮތް މެދުވެރިވާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން