އުޚުތާއަށް ލިބޭނެ ހިތްދަތިކަމަށް ނުވިސްނައި އުޚުތާގެ ފިރިމީހާއާ އުޚުތުން ގުޅޭނަމަ ޙައްލަކީ ކޮބާ؟ އުޚުތާއަށް ހިތްދަތިކަން ދީފަ އުފަލުގަ ދިރިއުލެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
އުޚުތާއަށް ލިބޭނެ ހިތްދަތިކަމަށް ނުވިސްނައި އުޚުތާގެ ފިރިމީހާއާ އުޚުތުން ގުޅޭނަމަ ޙައްލަކީ ކޮބާ؟ އުޚުތާއަށް ހިތްދަތިކަން ދީފަ އުފަލުގަ ދިރިއުލެވޭނެތަ؟

އެއްވެސް ކަމެއްގައި އެންމެންގެ ޚިޔާލާއި ވިސްނުން އެއްގޮތެއް ނުވާނެއެވެ. އަދި ޢަމަލުކުރާ ގޮތްވެސް އެއްގޮތެއް ނުވާނެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގައިވެސް އެންމެ ފައިދާހުރި ގޮތް އެއީ ބަދަލުވާނެ ގޮތެއް ނޫނެވެ. ވިސްނަން ޖެހޭ ކަމަކީ މުޖުތަމަޢުގެ ގިނަ ބައަކަށް އެކަމަކުން ގެއްލުމާއި އަނިޔާއާއި ހިތާމަތައް ލިބޭނަމަ އެކަމަކަށް ޙައްލު ގެންނަން މަސައްކަތްކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމެވެ.  

ވަރަށް ލޯބިން އެކުގައި އުޅެފައި ކައިވެނިކޮށް ދަރިން ލިބޭތަނުން ކައިވެނި ރޫޅުމަކީ ވަރަށް ޢާންމު މައްސަލައެކެވެ. މިޙާލަތުގައި ގިނަފަހަރު އަނިޔާ އާއި ހިތްދަތިކަން ލިބި އަދި ބުރަ އުފުލަންޖެހެނީ އަންހެނުންނަށެވެ. ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭ ކަމެއް އެބަ އޮތެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ އެންމެ ޢާންމު އެއް ސަބަބަކަށްވަނީވެސް އަންހެނުން ކަމެވެ. އޭނާގެ އުޚުތާއާއިމެދު ވިސްނާނުލައި އުޚުތާގެ ފިރިމީހާއާއި ގުޅެވޭތީއެވެ.  

ތިރީގައި އެވަނީ މިމައްސަލައިގައި ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށް މިއަދުނޫހުގެ ކިޔުންތެރިއަކު ލިޔފައިވާ ލިޔުމެކެވެ.  

އަޅުގަނޑުގެ އެކުވެރިންގެ މެދުގައި އަބަދުވެސް ވަރަށް ހޫނުކޮށް ބަހުސްކުރެވޭ މައްސަލައެއް އޮވެއެވެ. އެއްބައަކު ބުނަނީ ފިރިން ހިލޭ އަންހެނުންނާއި ގުޅުން ބަދަހިކުރަނީ ފިރިންނަށް ދޭންޖެހޭ ސަމާލުކަން ނުދޭތީ ކަމަށެވެ. އަނެއްބައަކު ބުނަނީ ހިތް ނުފުރޭ ފިރިއެއްގެ ހިތްފުރައިދިނުމަކީ 4 އަނބިން ތިބެ، 4 އަނބިން އެކުގައި އެކަމަށް މަސައްކަތްކުރިނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  

މީގެ އިތުރުން 3 ވަނަ ބައަކުވެސް ތިބެއެވެ. އެމީހުން ބުނަނީ އަނބިމީހާ އަޅައިލި ނަމަވެސް އަޅާނުލައިގެން ނަމަވެސް ކޮންމެ ޙާލަތެއްގައި ނަމަވެސް ދެމަފިރިއެއްގެ ދެމެދަށް ވަން އަންހެނަކަށް އެކަމުގެ ހިތާމަކުރަން ނުޖެހި ނުދާނެ ކަމަށެވެ. އަނިޔާ ލިބުނު އަނބިމީހާ އާއި އޭނާގެ ދަރިން ތިބިނަމަ އެދަރިންގެ ބަދު ދުޢާ އެމީހަކާއި ބައްދަލުކުރާނެ ކަމަށެވެ.  

މިގޮތުން ކުރެވޭ ބަހުސްތަކުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. ކަނުލާ އަޑުއަހަން އިންނަނީއެވެ.  

އަޅުގަނޑުގެ ވިސްނުން ވަރަށް ކޮށިވެދާނެއެވެ. ނަމަވެސް އަޅުގަނޑަށް ވިސްނާ ކަމެއްވެސް ހާމަކޮށްލާނަމެވެ. މުޖުތަމައުއަށް ޢާންމުވެފައިވާ މި ބޮޑު މައްސަލައިގައި އަންހެނުން އެކަނި ކުށްވެރިކޮށްގެން ނުފުދޭނެއެވެ. ފިރިހެނުންގެ ދައުރެއްވެސް އެބައޮތެވެ.  

ކައިވެނި ރޫޅުމުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އަންހެނުންނަށެވެ. އަނބިން ކިތަންމެ އިޚްލާޞްތެރިނަމަވެސް ފިރިންގެ ކިބައިން ކުރިމަތިވާ ކަންކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމާއިމެދު ގިނަ އަންހެނުން ތިބީ އިތުބާރު ގެއްލިފައެވެ. މާދަމާ މެދުވެރިވެދާނެ ގޮތަކާއިމެދު ކަންބޮޑުވެފައެވެ. އަދި ފިރިންގެ ކިބައިން އަނިޔާ ލިބިފައިވާ އަންހެނުންނާއި އަނިޔާލިބެމުންދާ އަންހެނުން އެހައި ގިނައެވެ. ވީމާ ތިމާއަށް އިންތިހާއަށް ބޮޑު އަނިޔާއެއް ލިބުމުން އެ ހިތްދަތިކަމުގައި އުޅޭއިރު އެހެން މީހަކަށް ލިބިދާނެ ހިތްދަތިކަމަކާއިމެދު ގިނަ ފަހަރަށް އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ.  

ކޮންމެއަކަސް މިއީ ވަރަށް ގިނަ ބައަކު މިހާރު ވަރަށް ގިނައިން ބަހުސްކުރާ މައްސަލައަކަށްވުމުން މިކަން އަޅުގަނޑު ފާހަގަކޮށްލީ ވަރަށް ބޮޑު ބޭނުމަކުއެވެ. މިއަދުނޫހުގައި ޝާޢިޢުކުރާ މިބާވަތުގެ ލިޔުންތަކާއި ގުޅިގެން ވަރަށް އަގުހުރި ޚިޔާލުތައް ކިޔުންތެރިން ފައުޅުކޮށްފައި ހުއްޓާ ފެނެއެވެ. ވީމާ އަޅުގަނޑު އެދެނީ މި މައްސަލައިގައި ހަމަ ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ޚިޔާލެއް ދެއްވުމަށެވެ.  

މިބާވަތުގެ އިޖުތިމާޢީ މައްސަލަތަކަކީ ޙައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. މާނައަކީ މުޅިން ފިލުވައިލެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ހޭލުންތެރިވެވިއްޖެނަމަ މައްސަލަތައް މަދުކުރެވިދާނެއެވެ. ހިތާމަކުރަންޖެހޭ އަންހެނުންނާއި ދަރިންގެ ޢަދަދު މަދުކުރެވިދާނެއެވެ. 

އަޅުގަނޑު މި މައްސަލަ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ވަރަށް ބޮޑު އިތުރު ސަބަބެއް އޮވެގެންނެވެ. އަޅުގަނޑުގެ ތިބީ ދެ ދައްތައެވެ. އެއް ދައްގެ ފިރިމީހާ ވަނީ ދައްތަ ދޫކޮށްލައި ޒުވާން ކުއްޖަކާއި ކައިވެނިކޮށްފައެވެ. ދެބެންގެދެދަރި 7 އަންހެނުން ތިބިއިރު 3 އަންހެނުންނަށްވަނީ މިފަދަ މައްސަލަތައް ކުރިމަތިވެފައެވެ. ވީމާ މިއީ އަނގަލައްޕައިގެން ތިބެވެން އޮތް ކަމެއްކަމަކަށް އަޅުގަނޑެއް ނުދެކެވެ.  

އަޅުގަނޑުގެ ސުވާލަކީ އުޚުތާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ފިރިމީހާ ޖަހައިގަންނަ ކުދިންނަށް އުފަލުގަ ދިރިއުޅެވޭނެކަމަށް ހީކުރެވެނީ ހެއްޔެވެ؟ މިސުވާލު އަޅުގަނޑު މިކުރަނީ ޚުދު އަޅުގަނޑުގެ އަމިއްލަ ދިރިއުޅުންވެސް ނުރައްކަލުގައިވާކަމުގެ ކޮޅުމަތި ފެންނަމުން އަންނާތީއެވެ. ހަމަގައިމުވެސް އެއްވެސް އަސާސެއްގެ މައްޗަށް ބުރަވެ އަޅުގަނޑުގެ ކުށެއް ނުދެއްކޭނެއެވެ.  

މިހާ ސާބިތުކަމާއިއެކު މިހެން މިބުނަނީ ތަކުރާރުކޮށް ސުވާލުކުރަމުން ގެންދާއިރުވެސް އަޅުގަނޑުގެ ކުށަކީ ކޮބައިކަން ފިރިމީހާއަށް ބުނެދެވިފައި ނެތުމުންނެވެ.

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން