ތިމާއާ ﷲ ތަޢާލާ ގުޅުވާލަދޭ ބާރު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިމާއާ ﷲ ތަޢާލާ ގުޅުވާލަދޭ ބާރު-: މުފްތީ މެންކް

އެއްވެސް ދެއެއްޗެއް ވަކިނުކުރެވޭ ވަރަށް ގުޅުވާލެވިއްޖެނަމަ ވަކިކުރުމަކީ ކުރުވޭނެ ކަމެއް ނޫނެވެ. ލޯބިވުމުގައިވެސް އޮތީ ހަމަމިގޮތެވެ. ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަންޖެހޭ ލޯބި ފުރިހަމަގޮތުގައި އޮވެއްޖެނަމަ އެމީހަކާއި ޤުރްއާނާއި ވަކިނުކުރެވޭނެއެވެ. އެމީހަކު ހުރި ޤުރްއާނާއި ގުޅިގެންކަމުގައިވާނަ އެމީހަކާއި ސުންނަތާއި ވަކިނުކުރެވޭނެއެވެ. މިހުރިހާ ގުޅުންތަކެއް ގުޅުވައިލަދޭ ބާރަކީ ނަމާދެވެ. 

ވީމާ ވިސްނާށެވެ! ﷲ ތަޢާލާ މީސްތަކުން ބިންމައްޗަށް ދޫކުރައްވަވާފައި މިވަނީ އެމީހަކު ބޭނުންވާ މިންވަރަކަށް އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުން ބެހެއްޓޭނެ މަގު ދައްކަވައިފައެވެ. އެކަމަށްޓަކައި ފާލަމެއްވެއެވެ. އެއީ ފަރުޟު 5 ނަމާދެވެ. 

މުސްލިމުންނަކީ ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަން ޖެހޭ ބައެކެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް 5 ނަމާދު ކުރަންޖެހޭ ނުވަތަ ފަރުޟު ކުރައްވަވާފައިވާ ސަބަބާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އަހަރެން ޤަބޫލުކުރާ ފޮތުގައި އެކަމުގެ ބޭނުމަކީ އަބަދުވެސް ތިމާ އާއި ﷲ ތަޢާލާ އާއި ގުޅިފައިވުމެވެ. ﷲ ތަޢާލާ ގެ މަތިން އަބަދުވެސް ހަނދާންކުރުންމަތީގައި ތިބުމެވެ. 

ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ގިނަކުރާ ވަރަކަށް ﷲ ތަޢާލާގެ މައްޗަށް އެމީހެއްގެ ހިތުގައި ލޯބި އިތުރުވާނެއެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް އަމަލުކުރުމުގެ ޝައުޤްވެރިކަން ވެސް އިތުރުވާނެއެވެ. ނަހީ ކުރައްވަވާފައިވާ ކކަންކަމާއި ދުރުހެލިވުމަށްވެސް އިތުރު ބާރަކަށްވެގެންދާނެއެވެ. 

ދުވާލަކު 5 ފަހަރު ފެންވަރާ މީހެއްގެ ގައިގައި ކިލާ ނުހުންނާނެ ކަމަށް ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެމީހަކީ ފާފަކުރުމުން ދުރުވެ، ހެޔޮ އަމަލުކުރާ މީހަކު ކަމުގައި 5 ނަމާދު ކުރުމުގެ ސަބަބުން ވެގެންދާނެތީއެވެ. 

ކީރިތި ޤްރުއާނުގެ މާނަވެސް ގިނަގިނައިން ކިޔަން ޖެހެނީ ހަމަ އެސަބަބަށްޓަކައެވެ. ކިޔާވަރަކަށް ހިތުގައި ކަންކަން ހަރުލާނެތީއެވެ. ޤްރުއާނުގެ މާނަ ހިތުގައި ހަރުލާވަރަކަށް އަމަލުކުރަން ޝައުޤްވެރިކަން އުފެދޭނެތީއެވެ. ނަހީ ކުރެއްވެވި ކަންކަމާއި ކައިރިވާން ބިރުގަންނާނެތީއެވެ. 

ވީމާ ނަމާދަކީ ތިމާ އާއި ﷲ ތަޢާލާ އާއި މަދުވެގެން 5 ފަހަރު ގުޅުވައިދޭ ވަސީލަތެކެވެ. ފާލަމެވެ. އެކަން ކުރުން ބުރައަކަށް ނުހަދާށެވެ! ނަމާދުގެ ބޭނުން މިބުނި ގޮތްގޮތުން ހިތަށް ގެންނަ މީހާ އަބަދުވެސް ހުންނާނީ ބަންގީގެ އިންތިޒާރުގައެވެ. އެންމެ މަތިވެރި އިންތިޒާރަކީވެސް އެއީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން