ކައިވެންޏަށްފަހު ހެޔޮ ގޮތުގަ ދިރިއުޅެން ކުރާ ކޮންމެ ކަމަކަށް ޘަވާބު ދެއްވަވާނެ! ޘަވާބު ފުނިވަރުތައް ޖަމާކޮށްގެން އެކުގަ ސުވަރުގެ ވަންނާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ކައިވެންޏަށްފަހު ހެޔޮ ގޮތުގަ ދިރިއުޅެން ކުރާ ކޮންމެ ކަމަކަށް ޘަވާބު ދެއްވަވާނެ! ޘަވާބު ފުނިވަރުތައް ޖަމާކޮށްގެން އެކުގަ ސުވަރުގެ ވަންނާތި!: މުފްތީ މެންކް

ކައިވެނީގެ ވާހަކަ ދެއްކޭއިރަށް ގިނަ ބައަކަށް ހީކުރެވެނީ ވަރަށް އާދައިގެ ކަމެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ކައިވެނީގެ މަތިވެރިކަން އެއަށްވުރެ މާބޮޑެވެ. އާދަމްގެފާނާއި ހައްވާގެފާނުގެ ކައިވެނިފުޅަކީ ފުރަތަމަ ކުރެވުނު ކައިވެނިފުޅެވެ. އެކައިވެނިފުޅު ކުރެވުނީ 7 އުޑުގެ މަތީގައެވެ. ސުވަރުގޭގައެވެ. މިކަމުންވެސް އެނގިގެންދަނީ ކައިވެންޏަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރިކަމުގެ ބޮޑުކަމެވެ. ޝަރަފާއި ޢިއްޒަތުގެ މަތިވެރިކަމެވެ.

މިތަނަށް އެއްވެ މިތިބަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނިކޮށްގެން ތިބި ޒުވާނުންނާއި އަދި ކައިވެނިނުކޮށް ތިބި ޒުވާނުންނޭވެ!

ކައިވެންޏަށްފަހު އުޅުމަށް ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ދިރިއުޅޭނަމަ އެދެމަފިރިއަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. ކައިވެންޏާއިއެކު އެދަނީ ދެމަފިރިންނަށް ސުވަރުގެ ވަނުމުގެ އެތައް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންނެވެ.

ކައިވެންޏަސްފަހު ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި އެހީތެރިވާންވީ ދުނިޔަޥީ ސަބަބުތަކަށްޓަކައެއް ނޫނެވެ. އާޚިރަތް އެދިގެންނެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ސަވާބަށް އެދިގެންނެވެ. އެގޮތަށް ޢަމަލުކުރާނަމަ އަމިއްލަ ދިރިއުޅުމުގެ ތެރެއިން އެދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ސަވާބާއި ދަރުމަ ލިބެމުންނެވެ.

ނަމަވެސް ގިނަ ބައަކަށް މިއަދު މިކަންކަމެއް ނުއެނގެއެވެ. ކައިވެނީގެ ކުރިން ހޯދާ ކައުންސެލިންގގައިވެސް މިވާހަކަތައް ކިޔައެއް ނުދެއެވެ. ދައްކަނީ ދުނިޔަވީ ވާހަކަތަކެވެ. އިންސާނުން އުފައްދާ ޤާނޫނުތަކުގެ ވާހަކަތަކެވެ. އިލާހީ ޤާނޫނުތަކުގެ ވާހަކަ ބާއްވަނީ ސިއްރުކޮށްފައެވެ.

މިސާލެއް ބުނެފާނަމެވެ. ދެމަފިރިން އެކުގައި ރެސްޓޯރަންޓްތަކަށް ގޮސް ކެއުމާއި އެކުގައި ޗުއްޓީ ހޭދަކުރުމަކީ ގުޅުން ބަދަހިވާ ކަމެއް ކަމަށް އެބަ ކިޔައިދެއެވެ. ނަމަވެސް ދެމަފިރިން އެކުގައި އަޅުކަން ކުރުމުގެ މުހިންމުކަން ކިޔައެއް ނުދޭނެއެވެ. ވީހައި އަވަހަކަށް ހައްޖު ނުވަތަ އުމުރާވުމަކަށްވެސް ނަޞޭޙަތެއް ނުދޭނެއެވެ.

މުހިންމީ ޗުއްޓީ ހޭދަކުރަން ޕެރިހަށް ނުވަތަ ބެންކޮކަށް ކުރާ ދަތުރަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރުން ހެއްޔެވެ؟ ނޫންނަމަ ވީއެންމެ އަވަހަކަށް އެންމެ ކުޑަމިނުން ޢުމްރާއެއްވުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަން ދަރިންނަށް ވިސްނައިދޭށެވެ! ރައްޓެހިންނަށާއި ރަޙްމަތްތެރިންނަށްވެސް ކިޔައިދީ ހިއްޞާކުރާށެވެ! ތިބާގެ ނަޞޭޙަތުން އެންމެ ދެމަފިރިއަކު ނަމަވެސް މިކިޔައިދިން ކަންކަމަށް ސަމާލުކަން ދީފިނަމަ އެކަމުގެ ސަބަބުން ތިބާއަށްވެސް އެތައް ބައިވަރު ސަވާބާއި ދަރުމަ ލިބިގެންދާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ހީކުރެވިފައި އޮންނަނީ ކައިވެނި ކުރުމުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގައި އުފާކޮށް މަޖާކުރުން ކަމަށެވެ. ނަމަވެސް އެއީ އެހައި ލުއި ގޮތަކަށް ނިންމައިލެވެން އޮތް އެހައި އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ މަތިވެރިކަން މާބޮޑެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވެ އިޚްލާޞްތެރިވުމަކީ މަތިވެރި އަޅުކަމެކެވެ. ހެޔޮކޮށް ހިތައި އެހީތެރިވުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ދެމަފިރިންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި، ﷲ ތަޢާލާ އެންގެވި ގޮތަށް ބަލައި ބޮޑުކުރުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ކައިވެނީގެ ސަބަބުން ގުޅިގެންދާ ދެޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތައި އަޅައިލުމަކީ ވެސް އަޅުކަމެކެވެ. އަދި ކީއްހެއްޔެވެ؟ އަޅުކަން ކުރުމަށް އެކަކު އަނެކަކަށް ހިތްވަރުދީ ވާގިވެރިވުމަކީ ވެސް އެހައިމެ މަތިވެރި އަޅުކަމެކެވެ.

މިއަދު އޮންލައިން