އަޅުގަނޑު ނިދާފަހުން ގެއަށް އައިސް އެނދުގެ އެއްފަރާތުގަ އޮވެ ނިދުމަކީ ދެމަފިރިން އެކުގައި ނިދުން ކަމުގައިވާނެތޯއެވެ؟ މިސުވާލު މިކުރަނީ މަހަކު 1 ރޭ، ނުވަތަ ގިނަވެގެން 2 ރޭ ފިޔަވައި އަޅުގަނޑު ނުނިދަނީސް ފިރިމީހާ ނިދަން ގެއަށް ނުއަންނާތީއެވެ. އަދި ގެއަށް އައިސްފައިވެސް ސިއްރުސިއްރުން އެނދުގެ އެއްފަރާތެއްގައި އޮވެގެން ނިދާތީއެވެ.
ފިރިމީހާޢަކީ ރޭގަނޑު އެއްވެސް މަސައްކަތެއްކުރާ މީހެއް ނޫނެވެ. ވަޤުތު ހޭދަކުރަނީ އެކުވެރިންނާއިއެކުގައެވެ.
އެކުގައި ނިދަން ބޭނުން ނުވާ ފިރިއަކާއިއެކު އުޅެން ބޭނުން ނުވާތީ ވަރިވުން ހުއްދަވާނެތޯ؟
ކިޔުންތެރިޔާއަށް ދަންނަވަން އޮތީ ދެމަފިރިން އެކުގައި ނިދުމަކީ ކައިވެނި ފުރިހަކުރަން ފުރިހަމަކުރަންޖެހޭ އެންމެ ބޮޑު އެއް ޝަރުޠެވެ. އެކަން ފިރިމީހާއަށް ވިސްނައިދީ އިޞްލާޙްކުރެވޭތޯ ފުރަތަމަ މަސައްކަތްކުރާށެވެ.
ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖުވުން ފަދަ ފަރުޟޫތައް އަދާކުރުން އެކަންޏެއް ނޫނެވެ. އަޅުކަން މާގިނައެވެ.
ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ.
ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް ދެމަފިރިން އެކުގައި އެއްވަގުތެއްގައި ނިދަން އެބަޖެހެއެވެ. އެއްވަގުތެއްގައި ނިދުމަކީ ކުރިން ނިދިއައިމީހާ ނުނިދައި ހުންނަން ޖެހުމެއް ނޫނެވެ. އެއީ ނިދަން ދެމަފިރިން އެކުގައި އެނދަށް އެރުމެވެ. އެކުގައި އޮށޯވެ ނިދަން މަސައްކަތްކުރުމެވެ.
ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.
އިލްތިމާސަކީ ރޭގަނޑުގެ ވަގުތުތއް ބޭކާރު ގޮތުގައި ހޭދަނުކުރުމެވެ. ވީހައި އަވަހަކަށް ދެމީހުން އެކުގައި ނިދަން މަސައްކަތްކުރުމެވެ. ދެމަފިރިން އެކުގައި ނިދަން މަސައްކަތްކުރާނަމަ ލޯބިއިތުވެއެވެ. ގުޅުން ބަދަހިވެއެވެ. ނޫންނަމަ ތަފާތު މައްސަލަތައް ކުރިމަތިވެ ލޯބިކެނޑިގެންދެއެވެ. ވީމާ އެކުގައި ލޯބިން ދިރިއުޅުމަށްޓަކައިވެސް މިއީ ކުރަން ކޮންމެހެން ޖެހޭ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން