ދަރިން ޤުރްއާން މުބާރާތްތަކަށް ތައްޔާރުކުރުމަށްވުރެ ބޮޑަށް އިސްކަންދޭންވީ ޤުރްއާން އުނގަންނައިދީ ޤުރްއާނަށް ޢަމަލުކުރާ ކުދިން ކަމުގައި ހެދުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ދަރިން ޤުރްއާން މުބާރާތްތަކަށް ތައްޔާރުކުރުމަށްވުރެ ބޮޑަށް އިސްކަންދޭންވީ ޤުރްއާން އުނގަންނައިދީ ޤުރްއާނަށް ޢަމަލުކުރާ ކުދިން ކަމުގައި ހެދުމަށް!

ކޮންމެ ބެލެނިވެރިޔަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހެއްގެ ދަރިފުޅަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުން ރަންވަނަ ހޯދާ ކުއްޖެއްކަމުގައިވުމެވެ. ގިނަ ޢަދަދެއްގެ ބެލެނިވެރިން އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. 

ބައެއް މައިންބަފައިން އެމީހުންގެ އަމިއްލަ ބޭނުންތައް ނުފުއްދައި ތިބެގެންވެސް ދަރިންނަކީ ރިވެތިކޮށް ޤުރްޢާން ކިޔަވާ ކުދިން ކަމުގައި ހަދަން މަސައްކަތްކުރެއެވެ. މުބާރާތްތަކުން ރަންވަނަ ހޯދައިދޭން މަސައްކަތްކުރެއެވެ. މިއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. 

އެހެންކަމާއިއެކުގައިވެސް ވިސްނާލަން އޮތްކަމަކީ އެވަރަކުން އަދި ނުފުދޭނެ ކަމެވެ. ދަރިފުޅަށް އެންމެ ފުރިހަަމ ގޮތުގައި ޤުރްޢާން އުނގަންނައިދޭން މަސައްކަތްކުރަން ޖެހޭނެ ކަމެވެ. 

ޤުރްޢާނުން ލިބިދޭ ފައިދާތަކުގެ ތެރޭގައި ރިވެތި އަޚްލާޤަށް ބާރުއެޅުމާއި ކޮންމެ ކަމެއްވެސް އިންޞާފުން ކުރަން މަގުދައްކައިދިނުން ހިމެނެއެވެ. ހަމައެއާއިއެކު ނަރަކަ އާއި ސުވަރުގެ އަންގައިދެއެވެ. ނަރަކައިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭނެ ކަމާއި ސުވަރުގެ ލިބިގަންނަން މަސައްކަތްކުރަން ޖެހޭނެކަންވެސް އަންގައިދެއެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަންޖެހޭނެ ކަމާއި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންޖެހޭނެކަންވެސް އަންގައިދެއެވެ. ޙަރާމް ކުރައްވަވާފައިވާ ކަންތައްތަކާއި ހުއްދަކުރައްވަވާފައިވާ ކަންކަންވެސް އަންގައިދެއެވެ. މިހެން ގޮސް މީހަކަށް ބޭނުންވާނެ ހުރިހާ ކަމެއް އަންގައިދެއެވެ. 

ތިމާގެ ދަރިފުޅަކީ މިކަންކަން އެނގޭ ކުއްޖެއެއްގެ ގޮތުގައި ދަރިފުޅު ތަރުބިއްޔަތުކުރެވިއްޖެނަމަ އެކުއްޖެއްގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ފައިދާކުރާނެއެވެ. މަގުފުރައްދައެއް ނުލެވޭނެއެވެ. އިން ޝާ ﷲ

އެހެންކަމުން ދަރިފުލަކީ ހަމައެކަނި ރިވެތިކޮށް ޤުރްއާން ކިޔަވާ ކުއްޖަކަށްވެގެން ފުއްދައިލެވޭކަށް ނެތެވެ. ދަރިފުޅަކީ ޤުރްއާން ދަންނަ ޤުރްޢާނަށް ޢަމަލުކުރާ ކުއްޖަކަށް ހަދަން މަސައްކަތްކުރަން އެބަޖެހެއެވެ. 

މިބަޔާންކުރާ ޙަދީޘްފުޅުން އެކަމުން ބެލެނިވެރިންނަށް/ މައިންބަފައިންނަށް ކުރާނެ ފައިދާ އެނގިގެންދެއެވެ. 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިިއެވެ. ”ޤުރުއާން ކިޔަވައި އަދި އެއުނގެނި އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން ނޫރުންވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައިން ވާނެއެވެ. 

އަދި އެދުވަހު އެމީހެއްގެ މަންމައާއި ބައްޕަގެ ގައިގައި، މިދުނިޔެމަތީގައި ނުވާފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެއެވެ. އެދެމީހުން ބުނާނެތެވެ. އަހަރުމެންގެ ގައިގާ މިހެދުން އެޅުވުނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ބުނެވޭނެއެވެ. ތިޔަ ދެމީހުންގެ ދަރިފުޅު ޤުރުއާން  ދަސްކޮށްފައިވާތީއެވެ.“

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން