ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ލަފާ ހޯދަންޖެހޭ މީހުންގެ ތެރޭގައި ގިނައީ ކުޑައިރު މައިންބަފައިން ވަކިވެފައިވާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ލަފާ ހޯދަންޖެހޭ މީހުންގެ ތެރޭގައި ގިނައީ ކުޑައިރު މައިންބަފައިން ވަކިވެފައިވާ މީހުން!

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ލަފާ ހޯދަން އަންނަ މީހުންގެ ގާތުގައި އެމީހުންގެ މައިންބަފައިން ތިބީ ކައިވެނިކޮށްގެންތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކު ބުނަނީ ދެމަފިރިން ވަކިވެފައިވާ ކަމަށެވެ. ކުށްވެރިއަކީ ކާކުތޯ ސުވާލުކޮށްފިނަމަ ގިނަ ފިރިހެނުންވެސް ބުނަނީ ކުށްވެރިއަކީ ބައްޕަކަމަށެވެ. 

ބައްޕަކުރި ކުށަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނާ ކަންކަމުގެ ތެރޭގައި ގެއަސް ލަހުން ނިދަން އައުން، ގިނައިރު ބޭރުގައި އުޅުން، މަންމައަށް ދޭންޖެހޭ ސަމާލުކަން ނުދިނުން ފަދަ އެތައް ކަމެއްގެ ވާހަކަ ބުނެއެވެ. އަދި މަންމައިން ކުށްވެރިކުރާ މީހުން އެމީހުންގެ މައިންގެ ކިބައިންވެސް ހަމަ މިފަދަ ކުށްތައް ދައްކައެވެ. 

މިވަޤުތު މިއުޅެނީ ބޮޑަށް ކުށްވެރިވަނީ ކާކުތޯބަލައި އެކަމުގެ ވާހަކަދައްކާކަށް ނޫނެވެ. ބޭނުންވަނީ ދަރިން ލިބުމަށްފަހު ދެމީހުންވެސް ރިވެތި ދިރިއުޅުމެއް އުލެން މަސައްކަތް ނުކޮށްފިނަމަ އެކަމުގެ އަސަރު ދަރިންނަށް ކުރާވާހަކަ ބުނުމެވެ. އަދި ދެމަފިރިންގެ ކަންކަން ދަރިންނަށް ނުއެނގޭނެ ކަމަށް ހީކުރުމަކީ ކުށެއްކަމަށްވެސް ބުނުމަށެވެ. 

އަހުރެން ބުނާނީ ދެމަފިރިން ލޯބިން އެކުގައި ދިރިއުޅެން ބޭނުންނުވާނަމަ ދަރިން ނުހޯދާށެވެ. ދަރިން ހޯދައިފިނަމަ  ނުވަތަ ދަރިން ލިބިއްޖެނަމަ އަމިއްލަ އުފާތަކުގެ ކުރިއަށް ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން ނެރޭށެވެ. އެކަމަކީ މަންމައަކަށް ނުވަތަ ބައްޕައަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ދެމީހުންނަށް ކުރެވޭނެ ކަމެކެވެ. 

ޚާއްޞަކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ އެންމެ އިސްފަރާތެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ ކުއްޖާގެ ބައްޕަކަން އަބަދުވެސް ބައްޕައިން ހަނދާނުގައި ބަހައްޓަންޖެހޭނެއެވެ. އެކަން ނުކޮށްފިނަމަ ސުވާލުކުރައްވަވާނެ ކަމާއި ޖަވާބުދާރީވާން ޖެހޭނެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. 

މިއީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމުން ޙައްލުކުރަން ލަފާދޭ ދުނިޔޭގެ ފެންވަރުގެ މާހިރަކު ދައްކާފައިވާ ވާހަކައަކުން ނަގާފައިވާ ބައެކެވެ. 

- އަލަފް / މިއަދުނޫސް

 

 

 

މިއަދު އޮންލައިން