ﷲ ގެ ރުހިވޮޑިގަތުން ދޫކޮށްލާ މީހާއަށް މީސްތަކުންގެ ރުހުމެއް ވެސް ނުލިބޭނެ! ލޯތްބެއްވެސް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ﷲ ގެ ރުހިވޮޑިގަތުން ދޫކޮށްލާ މީހާއަށް މީސްތަކުންގެ ރުހުމެއް ވެސް ނުލިބޭނެ! ލޯތްބެއްވެސް ނުލިބޭނެ!: މުފްތީ މެންކް

މުޅި ދުނިޔެ އެމީހަކަށް އިންތިހާއަށް ރުހުނަސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ ނަމަ އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. މީސްތަކުންގެ ރުހުމެއްވެސް ލޯތްބެއްވެސް ނުލިބޭނެއެވެ.

ވީމާ ކޮންމެ މީހަކުވެސް ބަލަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމުން އުޑުގައިވާ ހުރިހާ މަލާއިކަތުންގެ ރުހުން އެމީހަކަށް ލިބިގެންދެއެވެ. އެހިސާބުން ދުނިޔޭގައި ތިބި ހުރިހާ އެންމެންގެ ލޯބި އެމީހަކަށް ލިބިގެންދެއެވެ.

މިކަމުން އެނގިގެންދަނީ ހޯދަން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ދުނިޔޭގެ އެންމެންގެ ލޯތްބާއި އަދި އާޚިރަތްވެސް ލިބިގެންދާނެ ކަމެވެ. ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނެތް މީހަކަށް ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ތާއީދު ކުރި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމެވެ.

މިހާރަކަށް އައިސް ގިނަ މީހުންނަކީ އެމީހުންގެ މަޝްހޫރުކަން އިތުރުކުރުމަށްޓަކައި އެންމެންގެ ރުހުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެންމެންގެ ރުހުން ހޯދުމަށްޓަކައި އެފަދަ މީހުން ﷲ ތައާލާގެ ރުހިވޮޑިގަތުން ދޫކޮށްލައެވެ. ކީރިތި ޤުރްއާނާއި ސުންނަތް ދޫކޮށްލައެވެ. އަމަލެއް ނުކުރެއެވެ. ތަންފީޒެއްވެސް ނުކުރެއެވެ.

އެފަދަ މީހުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދުނިޔޭގެ ފެންވަރުގައިވެސް މަޝްހޫރުވުމަށެވެ. އެފަދަ މީހުންނަށް ނުވިސްނޭ ކަމަކީ ލިބިފައިވާ މަޝްހޫރުކަމާއި ތަނަވަސްކަން ލިބުނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. އިތުރު ތަނަވަސްކަމާއި މަޝްހޫރުކަން ލިބޭނީ ވެސް ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ.

މީސްތަކުންނޭވެ! ސޯޝަލް މީޑިއާގައި މަޘްހޫރުކަން އިތުރުކުރަން ތިއަ ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތު ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ އަމަލެއް ކުރަން ނިކަން ހޭދަކޮށްބަލާށެވެ! އާޚިރަތް ދުވަހު ފައިދާ ކުރާނެ އަމަލެއް ކޮށްބަލާށެވެ!

ބައެއް އިސްލާމީ ޤައުމުތަކަށް މިއަދު ބޮޑެތި މައްސަލަތައް ކުރިމަތިވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރުއާން ދޫކޮށްލައި ދުނިޔޭގެ ރުހުން ހޯދަން މަސައްކަތްކުރާތީ ނޫންހެއްޔެވެ؟ ޙަޤީޤަތަކީ މީސްތަކުންގެ ރުހުމާއި ލޯބި ހޯދަން ބޭނުންވެގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދޫކޮށްލާ މީހަކަށް މީސްތަކުންގެ ރުހުންވެސް އަދި އެއްވެސް މީހެއްގެ ޙަޤީޤީ ލޯބިވެސް ނުލިބޭނެ ކަމެވެ. --މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން