މުޖުތަމަޢުގެ ޚާލަތު އިސްލާޚް ކުރުމަށްޓަކައި، މާތް ނަބިއްޔާގެ ހަޔާތްޕުޅުން ވެރިން ޢިބުރަތް ޚާޞިލު ކުރާށެވެ!

ކިޔުމަށް ހޭދަވާނީ 3މ 3ސ
މުޖުތަމަޢުގެ ޚާލަތު އިސްލާޚް ކުރުމަށްޓަކައި، މާތް ނަބިއްޔާގެ ހަޔާތްޕުޅުން ވެރިން ޢިބުރަތް ޚާޞިލު ކުރާށެވެ!

ސާޖިދާ މުޙައްމަދު

 

މާތް ނަބިއްޔާ ޞައްލައްﷲ އަލއިހި ވަސައްލަމަ ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން، ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ އިޖުތިމާޢީ ޙާލަތާއިމެދު ވިސްނާ ލަމާތޯއެވެ. ނިކަމެތިން ވަނީ އަނިޔާވެރިންގެ އަތްދަށަށް ގޮސް ފިތި ބާރު ވެފައިއެވެ. މުޖުތަމަޢުގައި، ޢަދުލު އިންސާފު ނެތުމާއި، އަޚްލާގީ ގޮތުން ދައްފެންވަރުގެ ކަންތައްތައް އިތުރު ވެފައެވެ. 

މިގޮތުން ލޭ އެހޮރުވުމާއި، މީހުންގެ މުދާތައް ނުހައްޤުން ކެއުމާއި، ފޭރުމާއި، ޚިޔާނާތް ތެރިވުން ވަނީ އިތުރު ވެފައެވެ. މުޖުތަމަޢުގައި ބޮޑަށް ފެތުރިފައިވަނީ ބަދުއަޚްލާޤީ ސިފަތަކާއި، އަނިޔާވެރިކަމެވެ. ރިބާގެ މުޢާމަލާތް ތަކާއި، ޖުވާކުޅުމާއި، ރާބުއިންވަނީ، އިންތިހާ ދަރަޖައަށް ހައްދު ފަހަނައަޅައި، ގޮސްފައެވެ. ފަޤީރު ވެދާނެ ކަމަށްޓަކައި، އަންހެންދަރިން ގަތުލުކުރުމާއި، ދިރިތިއްބައި، އަންހެންދަރިން ވަޅުލުމާއި، ތަޅާފޮޅުމާއި، ޤަބީލާތަކުގެ މެދުގައި އޮންނަ ތަފާތު ކުރުންތައް ވަނީ މުޖުތަމަޢުގައި، އާންމު ކަމަކަށް ވެފައެވެ. 

އެމީހަކު އުޅޭނެ ދީނަކަށް ދިޔައީ އުޅެމުންނެވެ. އެމީހުންގެ ތެރޭގައި ތައުޚީދެއް ނެތި ޝިރުކު ކުރުން އާންމުވެ ބަދުއަޚްލާޤީ އަމަލު ތަކުން މުޅި މުޖުތަމަޢު ވަނީ ކިލަނބު ވެފައިއެވެ. އެހެން

ނަމަވެސް އަރަބީންގެ ތެރޭގައި ހުރި، ރަގަނޅު މަދު އާދަތަކުގެ، ތެރޭގައި ދީލަތިވުމާއި، ބުނާބަހުގައި ހިފެހެއްޓުމާއި، ގެފުޅަށް އަންނަ މީހުންނަށް ފެންދިނުން ފަދަ ރަގަނޅު ބައެއް ކަންތައްތައް ހުރުމުގެ ސަބަބުން އަރަބީންގެ ތެރެއިން ނަބިއްޔަކު ފޮނުއްވެވީއެވެ. އަރަބީންނަކީ އަބަދު ވެސް އެބައިމީހުން ޤަބޫލު ކުރާ ދީނެއްގައި އަބަދު ވެސް ހިފަހަޓާ ބައެކެވެ. 

މާތްނަބިއްޔާ ސައްލައްﷲ އަލައިހިވަސައްލަމަ ރަސޫލުކަމާއިގެން ވަޑައިގަތުމަށްފަހު، އިންސާނުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރެއްވިއެވެ. އެއްކައުވަންތަ މާތް ﷲ އަށް އަޅުކަން ކުރެއްވުމަށް ގޮވާލެއްވިއެވެ. ބަދު އަޚްލާޤީ އަމަލު ތަކުން މުޖުތަމަޢު ސާފު ކުރައްވައި އަމާން މުޖުތަމަޢެއް ޤާއިމު ކުރެއްވިއެވެ. މުއްސަދިންނާއި ފަޤީރުންގެ ފަރަޤު ނައްތަވައި ލެއްވިއެވެ. މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމު ކުރެއްވިއެވެ. ޚައްޤު ގޮތުގައި ޚުކުމްތައް ތަންފީޒު ކުރެއްވެވިއެވެ. 

މާތްﷲ الأنعام 151 ވަނަ އާޔަތުގައި، ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާއި ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާންގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." އެކަލޭގެފާނުގެ ވެރިކަމުގައި، ކުއްކުރުން މަދު އަމާން މުޖުތަމަޢެއް ޤާއިމު ކުރެވުނީ ﷲ ގެ އެންގެވި ގޮތަށް އަމަލު ކުރުމުންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ޚާލަތު ރަނގަޅު ކުރުމަށްޓަކައި،  އިސް މަޤާމު ތަކުގައި ތިއްބެވި ވެރިން މާތް ނަބިއްޔާގެ ހަޔާތްޕުޅުން އިބުރަތް ލިބިގަންނަން ޖެހެއެވެ.

 

މިއަދު އޮންލައިން