އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ މިއީ އެންމެ މަތިވެރި އުންމަތްކަން ޔަޤީންކުރެވޭ ޙާދިޘާއެއް- ޚިޔާލަށްވެސް ނުގެނެވޭނެ އެތައް ކަންތައްތަކެއް ހިނގި ޙާދިޙާދިޘާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 12ސ
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ މިއީ އެންމެ މަތިވެރި އުންމަތްކަން ޔަޤީންކުރެވޭ ޙާދިޘާއެއް- ޚިޔާލަށްވެސް ނުގެނެވޭނެ އެތައް ކަންތައްތަކެއް ހިނގި ޙާދިޙާދިޘާއެއް!

އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން:

އިސްރާއަކީ ކޮބާ؟ މިޢްރާޖަކީ ކޮބާ؟ 

އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެކެވެ. އިސްރާގެ ޙާދިޘާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތު ވެއެވެ. އިސްރާއާ ބެހޭގޮތުން މާތް الله ވަޙީކުރައްވާފައިވެއެވެ. 

---- މާނައީ: "އެކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." 

މިޢުރާޖުގެ ވާހަކައަށް އިޝާރަތް ކުރައްވައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. --- މާނައީ: "ދެން (الله) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. އެކަލޭގެފާނު ދެކެ ވަޑައިގެންނެވި ކަންތަކާ މެދު (އެކަލޭގެފާނުގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލު ކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު އެހެން ފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سِدْرَةُ الْـمُنْتَهَى ގެ ކައިރިންނެވެ. سِدْرَةُ الْـمُنْتَهَى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ." 

މީގެ އިތުރަށް ކީރިތި ރަސޫލާ zގެ ޞައްޙަ ޙަދީޘްފުޅުތަކުން އިސްރާއާއި މިޢުރާޖުގެ ޙާދިޘާ ހިނގާފައިވާކަން ކަށަވަރުވެ ޔަޤީންވެއެވެ. 

އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިޘާއެކެވެ. ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަ  ގެންދެވި ދަތުރު ފުޅެވެ. 

މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ z ގެންދެވުނު ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ޙިސާބު ދެނެވޮޑިގެންވަނީ، ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، اللهُ سُبْحَانَهُ وَتَعَالَى އެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާޞިލުވެ ވަޑައިގަތެވެ. އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން، އަލްމަސްޖިދުލް އަޤްޞާގައި ނަމާދުފުޅު ކުރެއްވިއެވެ. މިއީ އެކަލޭގެފާނަށް މާތް الله ދެއްވި ބޮޑު ޝަރަފެކެވެ. މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި، އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަ  ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. 

- ޘަޤީފު ވަންހައިގެ މީހުންގެ ކިބައިން އިސްލާމީ ދަޢުވަތަށް ތަރުޙީބު ލިބިދާނެކަމުގެ އުއްމީދުގައި ޠާއިފަށް ވަޑައިގެންނެވުން: 

އިސްލާމީ ރިސާލަތުގެ ދިހަވަނަ އަހަރުގެ ތެރޭގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަ  ގެ ލޮބުވެތި ބޮޑުބޭބޭފުޅު އަބޫ ޠާލިބާއި، ހަންހާރަވެތި އަނބިކަނބަލުން أُمُّ الْمُؤْمنِيْنَ اَلسَّيِّدَة خَدِيـْجَة (رَضِيَ اللهُ عَنْهَا) މިދުނިޔެ ދޫކުރެއްވުމާ ވިދިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މުޝްރިކުން ކުރަމުންދިޔަ ގޯނާތައް ޙައްދުފަހަނަޅައި ދިޔައެވެ. މިހެންކަމާއެކު ޘަޤީފު ވަންހައިގެ މީހުންގެ ކިބައިން އިސްލާމީ ދަޢުވަތަށް ތަރުޙީބު ލިބިދާނެކަމުގެ އުއްމީދުގައި ޠާއިފަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޠާއިފުގެ މީހުން އެކަލޭގެފާނަށް ދެންނެވީ މާ ނުބައި މަރުޙަބާއެކެވެ. ޠާއިފުގެ މީހުން އެ ރަށުގެ މޮޔައިންނާއި ކުޑަކުދިންނާއި އަޅުން ލައްވައި އެކަލޭގެފާނަށް ގޯނާކުރުވިއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ފައިންޕުޅު ޒަޚަމްވެ ވަޑައިގަތެވެ. މިހެންވެ އެކަލޭގެފާނަށް މަޖްބޫރުވެ ވަޑައިގަތީ މައްކާއަށް އެނބުރި ވަޑައިގަތުމަށެވެ. ޢާލަމްތަކަށް  ރަޙްމަތެއް ކަމުގައި ފޮނުއްވި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޠާއިފުގެ މީހުންގެ ކިބައިން ބަދަލު ހިއްޕެވުމުގެ ބަދަލުގައި الله سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން  އެދިވަޑައިގަތީ  އެމީހުންނަށް ހިދާޔަތު ދައްކަވައި އެމީހުންގެ ބުރަކަށިތަކުން اللهއަށް އަޅުކަންކުރާނެ ބަޔަކު ނެރެދެއްވުމަށެވެ. 

- ޠާއިފުން ބައްދަލުވެވަޑައިގެންނެވި އަޅުކުއްޖާ އިސްލާމްވުން: 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއަށް އެނބުރިވަޑައިގަތުމުގެ މަގުމަތީގައި ޢުތުބާއާއި ޝައިބާގެ ބަގީޗާގެ ބޭރުގައި އަރާމު ކޮށްލެއްވުމަށް މަޑުކޮށް ލެއްވިއެވެ. މި ދެމީހުން އެމީހުންގެ ނަޞްރާނީ ނޯކަރު ކުއްޖަކު އަތަށް ދީފައި ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މޭބިސްކަދުރު ކޯޅިއެއް ވެދުމަކަށް ފޮނުވިއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ  ބިސްމިﷲ ވިދާޅުވެފައި އެއިން މޭބިސްކަދުރެއް ފަރިއްކުޅުއްވަން ފެށްޓެވުމުން މިކުއްޖާ އަޖައިބުވެފައި ދެންނެވިއެވެ. ތިޔައީ މި ރަށު މީހުން ކިޔާ އެއްޗެއް ނޫނެވެ. އެހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަކީ ކޮން ރަށެއްގެ ކުއްޖެއްތޯ ސުވާލު ކުރެއްވިއެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ ނައިނަވާގެ ކުއްޖަކީމެވެ. އެހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ވިދާޅުވިއެވެ. ﷲގެ ޞާލިޙު އަޅާ ޔޫނުސް ބުނު މައްތާގެ ރަށުގެ ކުއްޖަކީމު ދޯއެވެ؟ އެ ކުއްޖާ ދެންނެވިއެވެ. ކަލޭގެފާނަށް ތިޔަ ޢިލްމު ލިބިވަޑައިގަތީ ކޮންތާކުން ތޯއެވެ؟ ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. ތިމަންކަލޭގެފާނަކީ ވެސް ނަބީބޭކަލަކީމެވެ. ދެން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ކުއްޖާއަށް އިސްލާމްދީން ހުށައަޅުއްވައި ޤުރްއާނުގެ ބައެއް އާޔަތްތައް ވިދާޅުވެ ދެއްވިއެވެ. އެހިނދު މި ކުއްޖާ އިސްލާމް ވިއެވެ. މިއީ މި ދަތުރުފުޅުގެ ފުރަތަމަ މޭވާއެވެ. 

- ޖިންނިން ޤުރްއާން އަޑުއަހައި އިސްލާމްވުން: 

މިދަތުރުފުޅުގެ ދެވަނަ މޭވާއަކީ، މައްކާއަށް އެނބުރި ވަޑައިގަތް މަގުމަތީގައި، الله سُبْحَانَهُ وَتَعَالَى އެކަލޭގެފާނުގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވި ފޮނުއްވުމެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ރިސާލަތަށް ޖިންނީންވެސް އިޖާބަދޭން ފެށިއެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިން ބަޔަކު، ޤުރްއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވި ހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވި ހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެ މީހުންގެ ގާތަށް އިންޒާރު ކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ. އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށް ފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤު ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަތެވެ."

29 رَجَب 144(09 ފެބުރުވަރީ 2024) ވާ ހުކުރު ދުވަހުގެ ޚުޠުބާއިން

 

 

 

 

މިއަދު އޮންލައިން