މީސްތަކުންނަށް ދީނުގެ ކަންކަން އޮޅުން އަރައި މަރުވުމަށްފަހު ޤިޔާމަތްވުމާއި ދެމެދުގައި ހޭދަކުރަންޖެހޭ މުއްދަތު ނުވަތަ ބަރުޒަޚުގެ ޢާލަމުގައި ނުވަތަ ކައްވަޅުގެ ޙަޔާތުގައި ޢަޛާބް ނުވަތަ ޘަވާބް ނުދެއްވަވާނެކަމަށް ޤަބޫލުކުރެވޭ ބައަކުވެސް އެބައުޅެއެވެ.
މިކަމުގައި އޮޅުންއަރާފައިވާ މީހުންނަށް ޚާއްޞަ ބައެއް މިއަދުގެ ޚުޠުބާގައިވެއެވެ. އެއީ މިޢްރާޖްގެ ދަތުރުފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލޯފުޅަށް ދެއްކެވި ބައެއް ކަންކަމެވެ.:
ޚުޠުބާގައިވެއެވެ.:
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ z އަށް ދެއްކެވިއެވެ. އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔެކެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ.
މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ.[1] އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ވީއިރު ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން މި ކަމާ މެދު ވިސްނައި އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅަން ޖެހޭނެއެވެ.
މި ޙާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާޢީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ޙާދިޘާއެކެވެ. އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ޢަމަލީ ޙާދިޘާއެކެވެ. މި ޙާދިޘާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިޙާނަކަށެވެ. މި އިމްތިޙާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތްاﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަށް މި އިމްތިޙާނުގައި اَلصِّدِّيْقُ ގެ ލަޤަބު ލިބިވަޑައިގަތެވެ.
- މިޢްރާޖުގެ ދަތުރުފުޅުގައި ދެއްވެވި އެންމެ އަގުބޮޑު ހަދިޔާ:
މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް اﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ. ރަސޫލުاﷲ z، އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަޢީރާގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދެއެވެ. އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سُبْحَانَهُ وَتَعَالَى މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މިފަރީޟާގެ މަތިވެރިކަން އެނގެއެވެ.
ރަސޫލުاﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އީމާންކަން މިނެދޭ މިންގަނޑެވެ. މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. އެކަން ރަނގަޅު ވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅު ވެދެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި ވެއެވެ. އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ މީސްތަކުންނާ އެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ޙާދިޘާއެކެވެ. މިއީ ރަނގަޅު ޞާލިޙު އެކުވެރިންނާއި އިޚުލާޞްތެރި މިތުރުންގެ ހެޔޮ ނަމޫނާ ހާމަކޮށްދިން ޙާދިޘާއެކެވެ. ކީރިތި ރަސޫލާ z މި ދަތުރުފުޅުގެ ވާހަކަ މީސްތަކުންނަށް ވިދާޅުވެ ދެއްވުމުން، މީސްތަކުން ބައިބަޔަށް ބެހިގެން ދިޔައެވެ. މި ވާހަކަ ޤަބޫލުކުރި ބަޔަކާއި އެ ކަމާ މެދު ޝައްކު ކުރި ބަޔަކު ފާޅުވިއެވެ. މި ވާހަކަ ދޮގު ކުރި ބަޔަކާއި ތެދު ކުރި ބަޔަކު ހާމަވިއެވެ.
29 رَجَب 1445 (09 ފެބުރުވަރީ 2024) ވާ ހުކުރު ދުވަހުގެ ޚުޠުބާއިން