ކޮންމެ ދެމަފިރިއަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!: ބައްޕަ ދޫކޮށް "ޖިންނި މަންމަ" އަކާއެކު ދާން ދަރިފުޅު ބޭނުންވި ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 6ސ
ކޮންމެ ދެމަފިރިއަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!: ބައްޕަ ދޫކޮށް "ޖިންނި މަންމަ" އަކާއެކު ދާން ދަރިފުޅު ބޭނުންވި ސަބަބުގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާ ޢާއިލާއަށް ޚަރަދުކުރެއެވެ. ނަމަވެސް އޭނާގެ ބަސްމަގާއި ޢަމަލުތައް ހަރުކަށިކަމުން ދަރިންނަށް ބައްޕަ ފެނުމުން އަބަދުވެސް ތިބެނެޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

އަޅުގަނޑު އެކަނި ހުންނައިރު އަޅުގަނޑާއިމެދު ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް ދަރިންނަށް ހަރުކަށި ބަސްތައް ނުބުނެ ދަރިންނާއިމެދު ހަރުކަށިކޮށް ކަންކަން ނުކޮށް އޯގާތެރިވުން އެދިގެން ވަރަށް ގިނައިން އާދޭސްކުރަމެވެ. އެއްވެސް ބަދަލެއް ނައުދެއެވެ.

އެހެންކަމުން ދަރިންނަށް ލިބެމުންދާ ނަފްސާނީ ގެއްލުންތަކުން ސަލާމަތްކުރެވޭތޯ އަޅުގަނޑަށް އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އަދިވެސް އިތުރަށް ވިސްނައިދެވޭތޯ މަސައްކަތްކުރާށެވެ. ޢިލްމުވެރިން މެދުވެރިކޮށްގެންވެސް ނަޞޭޙަތްދޭން މަސައްކަތްކުރާށެވެ. އަދި ދަމުނަމާދުކޮށް ދުޢާކުރުން ގިނަކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

ތިރީގައި އެވާ ވާހަކަ ފިރިމީހާ އާއި ޙިއްޞާކުރާށެވެ. ކަންކަން ވިސްނި ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އިން ޝާ ﷲ

އެއީ އުމުރުން ހައަކަ އަހަރުގެ އަންހެންކުއްޖެކެވެ. އޭނާގެ ބައްޕަ ބުނީ ބައްޕަގެ ދިރިއުޅުން އެހެން އަވަށަކަށް ބަދަލުކުރީ މަންމަ މަރުވުމުން ކަމަށެވެ. މަންމައަށްވީގޮތެއް ދަރިފުޅަކަށް ނުއެނގެއެވެ.

ކޮންމެއަކަސް ދުވަސްކޮޅެއް ފަހުން ބައްޕަ ގޭގައި ނުއުޅޭ ވަގުތުތަކުގައި މަންމަ ގޭތެރެއިން ފެންނަން ފަށައިފިއެވެ. ދަރިފުޅާއެވެ ކިޔައިގެން ވާހަކަ ދައްކައި ދަރިފުޅު ބޭނުންވާ ކަންކަން ކުރިއާއި އެއެއްގޮތަށް ކޮށްދޭން ފަށައިފިއެވެ.

ބައްޕައަކީ ވަރަށް ހަރުކަށި މިޒާޖުގެ މީހެކެވެ. ވާހަކަދެއްކުމުގައި އެއްވެސް އޯގާތެރިކަމެއް ނުހުރެއެވެ. ބައްޕަ ގޭގަ ނޫޅޭ ވަގުތުތަކުގައި މަންމަ ގެއަށް އަންނަ ވާހަކަ ބުނެފައި މަރުވި މީހަކު އަންނަނީ ކިހިނެއްތޯ ސުވާލުކުރުމުން ވެސް ދިނީ ވަރަށް ހަރުކަށި ޖަވާބެކެވެ. "ތިއައީ ވިސްނޭ ގޮތް ކަމަށާއި މަންމަ އެގެއަށް ނާންނާނެ ކަމަށެވެ. އަދި އެބާވަތުގެ އިތުރު އެއްވެސް ވާހަކައެއް ބައްޕަ ގާތު ނުދެއްކުމަށެވެ.

އެހިސާބުން ކުއްޖާއަށް ޤަބޫލުކުރެވުނީ މަންމަގެ ސިފައިގައި ގެއަށް އަންނަނީ ޖިންއެއް ކަމަށެވެ. އެހެންވެ ވަރަށް ބޮޑަށް ބިރުގަންނަން ފެށިއެވެ. އެވާހަކަ ބައްޕަ ގާތުގައި ބުނުމުން ވެސް ދިނީ ވަރަށް ރުންކުރު ޖަވާބެކެވެ. "މަންމަވީ މަރުވެފަ! މަންމަ މިގެއަކަށް ނާންނާނެ! ތިއަ ވާހަކަ ނުދައްކަން ކިތައްފަހަރު ބުނެފިންތަ؟"

އަނެއްދުވަހު މަންމަ އައުމުން ދަރިފުޅު މާބޮޑަށް ބިރުގަންނަހެން ހީވުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. މަންމަގެ ގައިގަ ނިކަން އަތްލަބަލާށެވެ! ރޫހާނީ އެއްވެސް އެއްޗެއްގައި އަތެއް ނުލެވޭނެއެވެ. ވީމާ ބިރު ނުގަންނާށެވެ! މިއީ ހަމަ މަންމައެވެ." (ރޫޙާނީ އެއްޗެއްގައި އަތްނުލެވޭނެ ކަމަށް އެބުނީ ދަރިފުޅު ބިރުގަތުމުން ސަލާމަތްކުރުމަށެވެ.)

ކޮންމެއަކަސް ކުއްޖާ ހުރީ ނަފްސާނީ ބިރުވެރިކަމެއްގައެވެ. ޤަބޫލުކުރަންވީ މަންމަގެ ބަސް ކަމެއް ނުވަތަ ބައްޕަގެބަސްކަމެއް ނުއެނގެއެވެ. ކޮންމެއަކަސް އެއްދުވަހަކު މަންމަ ގޭގައި އުޅެނިކޮށް ބައްޕައަށް ގެއަށް ޢާދެވިއްޖެއެވެ. ދެމީހުންގެ މެދުގައި ސިއްރުން ޒުވާބުތަކެއް ކުރެވުނެވެ. އކަމާ ކުއްޖާ މާބޮޑަށް ބިރުގަތެވެ.

ޒުވާބަށްފަހު މަންމަ ބުންޏެވެ. އަހަރެން މިދަނީ ދަރިފުޅު ގޮވައިގެންނެވެ. ކަލޭ ކަލޭގެ ރަންދުނިޔޭގައި އުޅޭށެވެ. ބައްޕަ ހީކުރީ އެއީ ޖިންނިއެއް ކަމަށް ހީކޮށް މަންމަ އާއިއެކުގައި ދަރިފުޅު ނުދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. ދަރިފުޅު ފެށީ ދަބަހަށް އެއްޗެތި އަޅައިގެން މަންމަ އާއިއެކުގައި ދާން ތައްޔާރުވާށެވެ! އެހިސާބުން ވެސް މަންމަވީ މަރުވެފައިކަމަށާއި ތިއަދަނީ ޖިންނިއަކާއިއެކުގައިކަމަށް ބައްޕަ ބުންޏެވެ. ނަމަވެސް ކުއްޖާ އެވާހަކަތަކަށް އަޅައިވެސް މަންމަ އާއިއެކުގައި ދާން ހިނގައިގަތީއެވެ.

އެހިސާބުން ބައްޕައަށް ކެތް ނުކުރެވިގެން ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރަށް އަނބިމީހާގެ ގާތުން މާފަށް އެދި އާދޭސްކޮށް ދެމީހުން ޞުލްޙަވެ އަލުން އެކުގައި ދިރިއުޅެން ފެށީއެވެ.

ޙަޤީޤަތަކީ ބައްޕަ އެހެން އަންހެނަކާއި ކައިވެނިކުރަން ބޭނުންވުމުން މަންމަ ގެއިން ބޭރުކޮށްލައި މަންމަ މަރުވެއްޖެ ކަމަށް ބުނީއެވެ. މަންމަ އޭނާގެ މަސައްކަތުން ފިރިމީހާ ދިރިއުޅޭތަން ހޯދައިގެން ދަރިފުޅު ގާތަށް އަންނަން ފެށީއެވެ. ދަރިފުޅަށް އަޅާލުމާއި ލޯބިދީގެން ގެންގުޅެން މަސައްކަތްކުރީއެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަކީ ބައްޕް ދޫކޮށް އެއީ މަންމަކަން ޔަޤީންވެސް ނުވާ "ޖިންނި"އަކާއިއެކު ދާން ބޭނުންވުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުއްޖާއަށް މުހިންމުވީ މަންމައަކީ ޖިންނިއަކަށްވުމާއި ނުވުމެއް ނޫނެވެ. ކުއްޖާ ބޭނުންވީ ބައްޕަގެ ހަރުކަށިކަމުން ސަލާމަތްވާށެވެ. ޖިންނިއެއް ނަމަވެސް ކުއްޖާއަށް އޯގާތެރިކަމާއިއެކު ލޯބިދޭތީ ކުއްޖާ ބޭނުންވީ އެކަމެވެ.

ވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ދަރިންނާއި ލޯބިން މުޢާމަލާތުކުރުމާއި އޯގާތެރިކޮށް ކަންކަން ކޮށްދިނުމަކީ ދަރިންނަށް އެންމެ ބޭނުންވާ ކަންތައްކަމުގައި ކޮންމެ ބައްޕައަކުވެސް މަންމައަކުވެސް ޤަބޫލުކުރަން އެބަ ޖެހޭ ނޫންތޯއެވެ؟

- ފާޠިމަތު ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން