ނަމާދު ނުކުރާނަމަ ފުރަތަމަ ކަމަކަށް އޮތީ އެކުވެރިންނާ އަވަށްޓެރިންނާ ދުރުވުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަމާދު ނުކުރާނަމަ ފުރަތަމަ ކަމަކަށް އޮތީ އެކުވެރިންނާ އަވަށްޓެރިންނާ ދުރުވުންތަ؟

ނަމާދަކީ ކޮންމެ ދުވަހަކު 5 އިރު މީސްތަކުން ބައްދަލުވެ ސަލާމްކޮށް ޙާލުބަލައިލަންވެސް ލިބޭ ފުރުޞަތެކެވެ. އަދި މުސްލިމަކު ކަމުގައިވާނަމަ ކޮންމެ ގޮތަކުންވެސް ފަރުޟު 5 ނަމާދުކުރަން ޖެހެއެވެ. ހަމައެއާއިއެކު އެެހން މުސްލިމް އަޚުން ލައްވައި ނަމާދުކުރުވޭތޯ ބާރުއަޅަންވެސް ޖެހެއެވެ. 

އެކުވެރިއެއްނަމަވެސް ކިތަންމެ ގާތްމީހެއް ނަމަވެސް އަދި އަވަށްޓެރިއެއް ނަމަވެސް ނަމާދުނުކުރާނަމަ ޢަމަލުކުރަން ދީނުގައި ވަކި އުޞޫލުތަކެއް އެބައޮތެވެ. އެއުޞޫލުތަކުގެ ތެރެއިން ކަންކަންކުރަން ސަމާލުކަންދޭންވާނެއެވެ. ތިބާއަށްވެސް އެކަމުގެ ފައިދާކުރާނީ އެއިރުންނެވެ. 

ކަންމިހެން އޮތްނަމަވެސް ބައެއް ފަހަރު އަނެކާ ނަމާދުނުކުރުމުން އުޞޫލުން ބޭރުން ކަންކަން ކުރެވެއެވެ. ވީމާ ކަން އޮތްގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ. 

މިސާލަކަށް އަވަށްޓެރިޔާއަކީ ނަމާދު ނުކުރާ މީހެއް ކަމުގައި ވެއްޖެނަމަ ބައެއް ފަހަރު އެމީހަކާއި އެބަ ގުޅުން ކަނޑާލައި މުޅިން ދުރުކޮށްލައެވެ. އެމީހާ އެކަހެރިކޮށްލެވެއެވެ. އަވަށްޓެރިޔާއަށް ދޭންޖެހޭ ޙައްޤުތަކުންވެސް އެބަ މަހްރޫމްކުރެއެވެ! 

އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ނުކުރާށެވެ! އެ ޙާލަތުގައިވެސް އަވަށްޓެރިޔާ އާއި ގުޅުން ކަނޑައި ނުލާށެވެ! އޭނާ އާއި ގުޅުން ކަނޑާލައިފިނަމަ އޭނާއަށް ހެޔޮ ނަޞޭޙަތް ދޭނެ މީހަކުވެސް ނުހުރެދާނެ ކަމަށްޓަކައެވެ.  

އަވަށްޓެރިޔާ ނަމާދު ނުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އޭނާއާއި އިތުރަށް ގުޅުން ބަދަހިކޮށް އޭނާ ލައްވައި ނަމާދުކުރުވަން މަސައްކަތްކުރާށެވެ! އޭނާއަށް އިތުރަށް ވިސްނައިދީ ނަމާދަށް ދަމުން އޭނާވެސް ގޮވައިގެން ނަމާދަށް ދާން މަސައްކަތްކުރާށެވެ! 

އެކުވެރިން ނަމާދުނުކުރާނަމަވެސް ޢަމަލުކުރަން އޮތީ ހަމަ މިގޮތެވެ. 

އިސްލާމް ދީނުގައި އޮތީ އެކެއް އަނެކެއްގެ އަތުގައި ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރުމެވެ. އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވުމެވެ. ކިތަންމެ ބުރަ މަސައްކަތަކުން ނަމަވެސް މީހަކު ލައްވައި ނަމާދުކުރުވިއްޖެ ނަމަ އެކަމުގެ ހެޔޮކަން ހާދަހައިވާ މަތިވެރިއެވެ. އެކަމަށް މަސައްކަތް ކުރި މީހަކަށް ގިނަ ގުނަ ސަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވާނެތެވެ! 

ނަމާދު ނުކުރާ މީހާއަށް ވިސްނައިދީ، ނަމާދުކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުންވެސް އެމީހާ ނަމާދުކުރުމަށް އިންކާރުކޮށްފިނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. ގުޅުން ނުބޭއްވުމެވެ. ގުޅުން ބާއްވާނަމަ އެމީހާގެ ކިބައިން ތިމާއަށްވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށްޓަކައެވެ. 

އަވަށްޓެރިންގެ ގޮތުގައި ޣައިރު މުސްލިމުން ތިބި ނަމަވެސް އެމީހެއްގެ ކިބައިން ތިބާއަށް ގެއްލުމެއް ނުލިބޭނަމަ އަވަށްޓެރިންގެ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަން އަދާކުރުމަކީ ތަފާތުކަމެކެވެ. އެކަން ކުރަންވާނެއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން