ކުއްލިމަރު ގިނަވާތީ ދުނިޔޭގެ ކަންބޮޑުވުން އިތުރުވަނީ! އެއީ ފަހުޒަމާނުގެ ޢަލާމާތެއް! ބިރުވެތިވެ ތައްޔާރަށް ތިބެމާ!: ޝައިޚް އިބްރާހީމް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކުއްލިމަރު ގިނަވާތީ ދުނިޔޭގެ ކަންބޮޑުވުން އިތުރުވަނީ! އެއީ ފަހުޒަމާނުގެ ޢަލާމާތެއް! ބިރުވެތިވެ ތައްޔާރަށް ތިބެމާ!: ޝައިޚް އިބްރާހީމް ފަރީދު

ކުއްލިމަރު އިތުރުވާތީ ދުނިޔޭގެ ޞިއްޙީ އިދާރާއިންވެސް އަދި ޑޮކްޓަރުންވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެމީހުން ސިފަކުރާނީ މިއީ ކުރިމަތިވާ ޢާންމު ނުވަތަ އެހެންވެސް ކަންކަން ފަދަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މުސްލިމުން އެކަން ދެކެންޖެހޭނެ ގޮތް ތަފާތެވެ!

މިއީ އަޅުގަނޑުމެންނަށްވެސް އައު ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކުހެން ލޯމަތިން ދަނީ ފެންނަމުންނެވެ. ހިތަށް ބިރުވެތިކަން ގެންނަން މަސައްކަތްކުރަން އެބަޖެހެއެވެ. ތިރީގައިވާ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދަރުސަށް ވިސްނައިލަމާތޯއެވެ؟

މިހާރަކަށް އައިސް، ޒުވާނުންނޭ! ކުއްލި މަރު ވަރަށް ގިނަވެއްޖެ. އަޅުގަނޑަށް މިކަން ފާހަގަކުރެވިގެން ދާދި މިދާކަށް ދުވަހުގައި ސަހަރާގައި އަޅުގަނޑު ދެއްކި ވާހަކައެއްގައިވެސް މީސްތަކުންނަށް އަޅުގަނޑު އަނގައިދިނިން. ކުއްލި މަރު އާދަޔާޚިލާފަށް މިހާރު ގިނަވެއްޖެކަމަށް.

މިކަން ވާންމިޖެހެނީ މީ ފަހުޒަމާންކަމުގަ ވާތީ. ކުއްލިމަރު ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް އިނގޭތޯ! ފަހު ޒަމާނުގެ ކޮންމެވެސް ސަބަބުތަކެއް ހުންނާނެ. މިކަން ވާންޖެހޭ ސަބަބުތަކެއް. ﷲ އެ ސަބަބުތައް މެދުވެރިކުރައްވަވާ ކަންކަން ދުނިޔޭގައި ހިންގަވާނެ. މިސާލަކަށް ﷲ އިރާދަކުރައްވާ ތަނަކަށް ވާރޭވެސް ވެއްސަވާނީ. ﷲ އިރާދަކުރައްވާ ތަނަކަށް މަލާއިކަތްބޭކަލުން ވިލާތައް ކޮށްޕަވާ ގެންދަވާނެ. ހަމަ އެހެންމެ ވައިވެސް ޖައްސަވާނެ.

އެކަމަކު ވާރޭ ވެހުމަށް ސަބަބުތަކެއް މެދުވެރި ކުރައްވަވާ ވާރޭ ވިލާ އެތަނުގަ އުފެދި ނުވަތަ އެވިލާތައް އެތަނަށް ޖަމާވެ އަދި ވަކި ވަރަކަށް ޓެމްޕެރޭޗަރ ދިޔައީމަ އެއްކަލަ ފެންކޮޅު ފައިބާ ﷲ އިރާދަކުރައްވާ ތަނަކަށް ފޭބުމުގެ ސަބަބެއްކަމަށް މެދުވެރިކުރައްވަވާ، އެ ސަބަބު މެދުވެރިކުރައްވާ ﷲ ސުބުޙާނަހޫވަތަޢާލާ އެތަނަކަށް ވާރޭ ވެއްސަވާ.

ހަމަ އެހެންމެ އިންސާނުން މަރުވުމަށްޓަކައިވެސް ސަބަބެއް މެދުވެރި ކުރައްވަވާ. އެކަކު ހާޓް އެޓޭކެއް ޖެހުން، ސްޓްރޯކެއް ޖެހުން، އަނެކަކު ކިޑްނީ ފެއިލްވުން، އަނެކަކު ކުއްލިއަކަށް ސިކުނޑީގެ ނާރެއް ފަޅައިގެން ދިޔުން. މިކަހަލަ ބޮޑުކަމެއް ކުރިމަތިވެ އެމީހަކު ﷲ ގެ ރަޙުމަތުގެ ތެރެއަށް ދަތުރުކޮށް ދާންމިޖެހެނީ. އެއްވެސް މީހަކަށް ގެރެންޓީއެއް ނޯންނާނެ އެމީހަކު މިދުނިޔޭގައި ފަޅި ސިކުންތަކުވެސް ދެން، ކުރިއަށް މިއޮތް މިނިޓުގަވެސް ދުނިޔޭގަ ހުންނާނެކަމެއް، ގެރެންޓީއެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ ކުއްލިމަރު އާދަޔާ ޚިލާފަށް ގިނަވެއްޖެކަން އަޅުގަނޑުމެން އުޅޭ ކޮންމެ ތަނެއްގައި ހުއްޓަސް ވަލުތެރޭގަ އުޅެނިކޮށް ކުޅެން ހުއްޓަސް މަރުވެދާނެކަން !

ކުޅެން ހުއްޓަސް މަރުވެދާނެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން މިދިޔައީ، އިހަށްދުވަހު އަޅުގަނޑުމެންގެ ތެރެއިން ބޭކަލަކު ނިޔާވީމަ އެހެން ނޫންތޯ؟ ހަމަ އެހެންމެ އަޅުގަނޑުމެނަށް ފެނޭ އެކިއެކި ވީޑިއޯ ތަކުގަ ހަމަ ކުޅެމުންދާ ޙާލުގަ މީހުން މަރުވެގެން މަރުގެ ސަކަރާތުގަ ހަމަސީދާ ވަގުތުން ކުޅެކުޅެ ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުގެ ސަކަރާތުގެ ތެރޭގާ ގޮތްގޮތްވެ އެދަނީ ނިޔާވެގެން. އެކި މީހުނަށް އެކިގޮތް ﷲ މިންވަރު ކުރައްވަނީ. ރަނގަޅު ހެޔޮވެގެންވާ އަމާން ވެގެންވާ މަރެއް ދެއްވާތޯ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގާ ދަންނަވަން ޖެހެނީ އެސަބަބަށްޓަކާ.

--ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން

 

މިއަދު އޮންލައިން