މިކިޔައިދެނީ ނިކަމެތި ޙާލުގަ ހުރި އަންހެނަކު ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ- ތިބާ ވެސް އެފަދައިން ހިމެނެން މިކަންކަން ފުރިހަމަކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
މިކިޔައިދެނީ ނިކަމެތި ޙާލުގަ ހުރި އަންހެނަކު ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ- ތިބާ ވެސް އެފަދައިން ހިމެނެން މިކަންކަން ފުރިހަމަކޮށްބަލަ!

ދުޢާކުރުމުން ވަޤުތުން ޢިޖާބަކުރައްވަވާކަމާއިމެދު ސުވާލުއުފައްދާ ނުވަތަ ޝައްކުކުރާ މީހުން ލިޔުމުގެ ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

މިބާވަތުގެ ވާހަކަތައް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ﷲ ތަޢާލާއަށް އިތުބާރުކުރާ މީހަކު ކަމުގައިވުމަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ އެންމެ މުހިންމު އެއްސިފަ ކަމުގައިވާތީއެވެ. ސީދާމަގުގައި ޘާބިތުވެ ހުންނަން އެންމެ ބޮޑަށް ބާރުލިބޭ އެއްކަމަކީ އެއީ ކަމުގައި ވާތީއެވެ. 

ވިދާޅުވަމުން ގެންދަވާށެވެ! 

މިފަދަ ވާހަކަތައް ދެއްކުމުން ބައެއް މީހުން ޤަބޫލުނުކޮށްފާނެއެވެ. އެއީ ގިނަބައެއްގެ ޢަޤީދާގެ މައްސަލައެކެވެ. އެމީހުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާތީ ލިބޭ މާޔޫސްކަމުގެ ސަބަބުންނެވެ. ހިތާމައަކީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން އެކަމާއި ކަންބޮޑުވެވޭއިއރު ތިމާގެ ޢަމަލުތަކާއިމެދު ވިސްނައިނުލެވޭ ކަމެވެ. 

ނިކަން މިގޮތަށް ވިސްނައިލަބަލާށެވެ! ތިބާއަށް ކަންކަންކޮށްދީ އެހީތެރިވާންހުރި މީހާއަށް ތިބާ ތެދުވެރިއެއް ނޫނެވެ. އޭނާ ތިބާ އާއި ކުރަން ޙަވާލުކުރާ ކަންކަމަށް ތިބާ ހަދަނީ މަކަރެވެ. އެކަންކަމެއް ނުކުރެއެވެ. އެކަން އޭނާއަށް އެނގެއެވެ. ސުވާލަކީ އެހެންކަމަށްވާނަމަ ތިބާ އެދޭކަންކަން އޭނާ ވަގުތުން ކޮށްދޭނެ ހެއްޔެވެ؟ 

މިސާލެއް މިދެއްކީ ދުނިޔޭގެ އާދަތަކުންނެވެ. ދެން ވިސްނައިލަންވީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާ ނުވަދަ ލަސްވެދާނެ ކަންކަމަށެވެ. އެއިގެ ތެރެއިން އެންމެފުރަތަމަވެސް ވިސްނާލަންވީ ތިމާއަށް ހުރެވެނީ ޙައްޤުމަގުގައިކަމާއިމެދުގައެވެ. ފަރުޟުތައް ބަރާބަރަށް އަދާކުރެވޭތޯއެވެ؟ ސުންނަތް ކަންކަމުން އަދާކުރެވެނީ ކިތައްކަންތައްތޯއެވެ؟ ތެދުވެރިކަން ތިމާގެ ކިައިގައިހުރީ ކިހާވަރަކަށްތޯއެވެ؟ ކައިބޮއުހަދަނީ ޙަލާލްތަކެތިތޯއެވެ؟ ދުޢާކުރުމަށްފަހު ޢިޖާބަކުރައްވަވާނެކަމަށް ޔަޤީންކުރެވެނީ ކިހާވަރަކަށްތޯއެވެ؟ 

މިކަންކަމުގައި ތިބާ ހުރީ ހުންނަންޖެހޭ ގޮތަށްނަމަ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ 

ދެން މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެއީ އެކަނިވެރި މަންމައެކެވެ. ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ދިއައީ ވަރަށް ދަތިޙާލުގައެވެ. އެހީތެރިކަން ލިބެނީ ހަމައެކަނި ޢާއިލާގެ ބައެއް މީޙުންގެ ކިބައިންނެވެ. 

އެދަތިޙާލުގައިވެސް އޭނާ ﷲ ތަޢާލާއަށް ޝުކުރުވެރިވެއެވެ. ހުރީ އަޅުކަންކުރުމުގައި ސާބިތުވެގެންނެވެ. ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެގެންނެވެ. އެގޮތުގައި ހުއްޓައި ރައްޓޓެއްސަކު މެދުވެރިވެގެން އޭނާއަށް ވަޒީފާގެ ފުރުޞަތެއް ފަހިވިއެވެ. ހަމަ ކުއްލިއަކަށެވެ. ވަޒީފާއަށް އެންމެ 2، 3 ގަޑިއިރުގެ ތެރޭގައި ނުކުންނަންޖެހޭ ފަދަ ގޮތަކަށެވެ. 

ޑިޔުޓީއަށް ނުކުންނަން ޖެހެނީ 2 ޖަހާއިރުއެވެ. އެއިރު ހުރީ މެންދުރު ނަމާދުގެ ވަގުތުޖެހެން ވަރަށް ކައިރިވެފައެވެ. މެންދުރުނަމާދަށްފަހު އޭނާ ދުޢާކުރިއެވެ. އެވަޒީފާގެ ސަބަބުން އޭނާއަށް ﷲ ތަޢާލާގެ މަގުން ކިތަންމެ ކުޑަ ނަމަވެސް ދުރުވެވިދާނެ ކަމެއް މެދުވެރިވެދާނެ ނަމަ އެކަމުން އޭނާ ސަލާމަތްކޮށްދެއްވެވުން އެދިއެވެ. 

މެންދުރުނަމާދުން ފޭބިތަނާ ގުޅާފައިބުނީ އަދި ބައެއް ކަންކަން ހަމަނުޖެހޭތީ ވަޒީފާއަށް ނުނުކުމެ އިހަށް މަޑުކޮށްލުމަށެވެ. އެކަންކަން ވަރަށް އަވަހަށް ހަމަޖައްސާފައި އަންގާނެ ކަމަށެވެ. ކޮންމެއަކަސް އެބުނި އެންގުން އަންގާނެ ދުވަހެއްގެ އިންތިޡާރުގައި ހުއްޓާ އެނގުނީ އެހެން ކުއްޖަކަށް އެވަޒީފާ ދީފިކަމެވެ. އެއިގެ ކުޑަދުވަސްކޮޅެއްފަހުން އެނގުނީ ވަޒީފާދިން ކުއްޖާއަށް ބޮޑެތި މައްސަލަތަކެއް ޖެހިގެން ވަޒީފާއިން ވަކިވެސް ވެއްޖެކަމެވެ. އަދި މީގެކުރިންވެސް އެތަނުގައި ހަމަ އެޙާލުގައި ޖެހިގެން އެތައް ކުދިން ވަކިވެއްޖެކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ. ދުޢާކުރިކުއްޖާގެ ދުޢާ އެވަނީ ވަގުތުން ޢިޖާބަކުރައްވަވައިފައެވެ. އެނުރައްކަލުން ސަލާމަތްކުރައްވަވައިފައެވެ. ވީމާ މިއީ މިޒަމާނޭ، މިޒަމާނުގައި ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވަނީއޭ ނުވަތަ ޢިޖާބަ ކުރެއްވެވުން ލަސްވަނީއޭ ހީކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ތިމާގެ މަސްއޫލިއްޔަތު އަދާކުރާށެވެ! 

ﷲ ތަޢާލާ ވޮޑިގެންވަނީ ވަކިބައަކަށްޓަކައި ނުވަތަ ވަކިޒަމާނަކަށް ނޫނެވެ. ފެށުނީންސުރެ ނިމުމެއް ނެތިއެވެ. އެންމެހައި ޒަމާންތަކަށްޓަކައެވެ. އެންމެހައި މީސްތަކުންނަށްޓަކައެވެ. ދެމިވޮޑގެންވަނީ އެކަލާނގެއަށް ކިޔަމަންތެރިވެ ޞާލިޙް އަޅުތަކުން ކުރާ ދުޢާ ޢިޖާބަކުރެއްވެވުމުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން