އަޅުކަންކުރަން ހީވާގި ނުވެވޭ މީހުންނަށް ކަންނެތްކަން ފިލުވައިލެވޭނެ މަގު-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އަޅުކަންކުރަން ހީވާގި ނުވެވޭ މީހުންނަށް ކަންނެތްކަން ފިލުވައިލެވޭނެ މަގު-: ޝައިޚް އަބޫބަކުރު ޒައުދު

ގިނަ ޢަދަދެއްގެ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އަދި އަހުރެންވެސް ޤަބޫލުކުރާ ގޮތުގައި މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކަންނެތަކަމެވެ. އެހެންކަމުން މިވާހަކަ ދައްކަން އެބަޖެހެއެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާ އިންސާނުންނަށް ކަންކަން އުނގަންނަވައި ދެއްވެވުމުން ލިބުނު ކުރިއެރުމުގައި އެންމެ ގިނަ ބައަކު ޙައްޖަށް މިހާރު ދަނީ ފްލައިޓުގައެވެ. އޭސީކޮށްފައިވާ ކެބިނެއްގައި އަރާމު ގޮނޑިއެއްގައި އިނދެއެވެ. ސައުދީއަށް ދިއުމަށްފަހު ޙަރަމްފުޅަށްދަނީ ތާރުއެޅި މަގުތަކުގައި ދުއްވާފައި ނުހަނު ފަސޭހަކަމާއިއެކުގައެވެ.

މިނިޢްމަތްތައް ލިބުމުން މީގެ 1400 އަހަރުކުރިން ކައްބަތުﷲ ގެފުޅަށް ގޮސް ޙައްޖުވާން މީސްތަކުންނަށް ﷲ ތަޢާލާ އެންގެވުމުން މީސްތަކުން އެކަންކުރަން އުފުލި ބުރައިގެމަތިން މިއަދު ވިސްނައިވެސް ނުލެވޭނެއެވެ.

މީސްތަކުންނޭވެ! ޙައްޖުވުމަކީ އެހައި ބޮޑެތި ތަކްލީފްތައް އުފުލަންޖެހޭ ކަމެއްކަމުގައި ލެއްވެވުން އެއީ ވަރަށް ވަރުގަދަ މެސެޖެކެވެ. ވަރަށް ވަރުގަދަ ފިލާވަޅެކެވެ. އަންގައިދެނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަން އޮތް ދަތުރުގެ ބުރަކެމެވެ. ދުނޔޭގައި ބުރަ އުފުލަންޖެހޭނެ ކަމެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވި ރުހިވޮޑިގަތުން ލިބޭނީ ބުރަ އުފުލައިގެން ކަމެވެ.

މީސްތަކުންނޭވެ! ކަންނެތްކަމަކީ އިންސާނާގެ ހަލާކެވެ! ދަމުނަމާދަށާއި ފަތިސްނަމާދަށް ނުހޭލެވެނީ ކީއްވެގެން ހެއްޔެވެ؟ ރަމަޟާންމަހުގެ ޤަޞާކުރަންޖެހޭ ރޯދަތައް ޤަޟާ ނުކުރެވި ލަސްކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ސުންނަތް ރޯދަ ނުހިފިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިހެންގޮސް ތިމާ ކުރަންޖެހޭ އަޅުކަން ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ތިމާއަދާކުރަންޖެހޭ ޢާއިލީ ވާޖިބުތައް އަދާނުކުރެވިގެން މިއުޅޭ އެންމެ ބޮޑު ސަބަބަކީވެސް ހަަމ ކަންނެތްކަމެވެ.

ވީމާ ކަންނެތްކަން ފިލުވާލަން އެބަޖެހެއެވެ. އަޅުކަންކުރުމުގައި ހީވާގިމީހަކަށްވާން އެބަޖެހެއެވެ. އެކަމަށް ހިތްވަރުލިބޭނެ ފުރަތަމަ ކަމަކީ ތިމާ އުފެއްދެވި މަޤްޞަދާއިމެދު ވިސްނައިލުމެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުންކަމުގައި ޤަބޫލުކުރުމެވެ.

ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަކީ ތިމާކުރަންޖެހޭ ކަމެއްކަން ހިތުގެ އަޑިން ޤަބޫލުކުރެވިގެންނެވެ. ވީމާ ފުރަތަމަކަމަށް ތިމާ އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާއަށް އަޅުކަންކުރުން ކަމުގައި ޤަބޫލުކުރާށެވެ! އަދި އެންމެ އިސްކަންދޭ ކަމަކީވެސް އަޅުކަންކުރުން ކަމުގައި ހަދާށެވެ. އެހެން ހުރިހާ ކަމެއް އެއިގެ ފަހަތަށް ޖައްސާށެވެ!

އެއިރުން އަޅުކަންުރަން ހިތްވަރުލިބޭނެއެވެ. ކުރަންޖެހޭ އަޅުކަމެއް ނުކޮށް ހުންނަން އުނދަގޫވާ ހާލަތަށް މީހާގެ ކަންކަންދާނެއެވެ. އެއިރުން ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ. އެހިސާބުން އަޅުކަންކުރުމާއި ތިމާކުރަން ބޭނުންވާ ކަންކަން ކުރުމަކީ ފަސޭހަކަމަކަށްވެގެންދާނެއެވެ. އިން ޝާ ﷲ

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން