ތިމާޢަށް މިހައި ބޮޑު ބައްޔެއް ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ކަންބޮޑުވުންތަކުގެ ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިމާޢަށް މިހައި ބޮޑު ބައްޔެއް ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ކަންބޮޑުވުންތަކުގެ ޙައްލު މިއޮތީ!

ޢާންމުގޮތަކަށް ބަލައިފިނަމަ ބަލިވުމަކީ ޚާއްޞަކަމެއް ނޫނެވެ. އެހެނީ އެންމެންވެސް ބަލިވެއެވެ. އަބަދުވެސް ހޮސްޕިޓަލްތައް ފުރިފައި އޮންނަކަން އެއީ މިކަމުގެ ހެއްކެކެވެ. ނަމަވެސް ބައްޔެއް ޖެހުމުން އެމީހާއަށް އެއީ ޚާއްޞަކަމަކަށްވެދާނެއެވެ. މިސާލަކަށް އެމީހަކަށް ކުރިން ނުޖެހޭ ބޮޑު ބައްޔެއްގައި އުޅެން ޖެހުންވާނީ އެމީހަކަށް ވަރަށް ޚާއްޞަ ކަމަކަށެވެ. އިންތިހާއަށް ކަންބޮޑުވާ ކަމަކަށެވެ.

ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖެހުނު ނަމަވެސް މުއުމިނުންގެ ހިތުގައި ޔަޤީންކަން ބާއްވަންޖެހޭ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ބަލިން ގަދަވާނެ، ﷲ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީންކަމެވެ. ދެވަނަ ކަމަކީ ދެވަނަ ކަމަކީ ބަލީގައި މަރުވިނަމަވެސް އެއީވެސް ﷲ ތަޢާލާގެ ރަޙްމަތް ކަމެވެ. ސުވަރުގެ ވައްދަވާނެ ކަމެވެ.

ގަދަވެ ހުންނައިރު ދިރިއުޅެން އޮތީ ސުވަރުގެ ވައްދަވާނެ މަގުންނެވެ. މަރުވެއްޖެނަމަ ސުވަރުގެ ލިބުމަށް އުންމީދުކުރެވޭނީ އެއިރުންނެވެ. ތަކުރާރުކޮށްލާނަމެވެ. ކުރިން މިބުނި ކަންކަން ޔަޤީންކުރެވޭނީ އެކަންކަން ޔަޤީންކުރެވޭނެ ގޮތަށް ދުނިޔޭގައި އުޅުމުންނެވެ. ﷲ ތަޢާލާއަސް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމުންނެވެ. ތަޤްވާވެރިއަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމުންނެވެ.

ކުޑަކުޑަ މިސާލެއްވެސް ބުނެފާނެއެވެ. ކެންސަރުޖެހިފައިވާކަން އެނގުނީއެވެ. ކުރިން މިބުނި ފަދައިން ދުނިޔޭގައި އުޅެވިފައިނުވާ މީހުން ވަރަށް ބޮޑަށް ކަންބޮޑުވާނެއެވެ. ބަލިން ގަދަނުވެދާނެކަމަށް ގަންނަ ބިރު ވަރަށް ބޮޑުވާނެއެވެ.

ނަމަވެސް ތަޤްވާވެރިކަމާއިއެކު އުޅެމުން އަންނަ މީހުން އެވަރާއި ގާތަކަށްވެސް ކަންބޮޑެއް ނުވާނެއެވެ. އެމީހުންވެސް ފަރުވާ ހޯދާނެއެވެ. ނަމަވެސް ޝިފާ ނުލިބި މަރުވެދާނެތީ އެހައި ބޮޑަކަށް ކަންބޮޑެއް ނުވާނެއެވެ. އެއީ އިތުރު ދެކަމެއް ޔަޤީންކުރެވޭތީއެވެ. ފުރަތަމަ ކަމަކީ ޢުމުރުވަނީ މާކުރިން ލިޔުއްވަވާފައިކަމާއި މަރުވާނީ ޢުމުރުހަމަވުމުންކަމެވެ. ދެވަނަ ކަމަކީ މަރުވާނީ އެމީހަކު މަރުވުމަށް ލިޔުއްވަވާފައިވާ ޙާލުގައިކަމެވެ.

މީސްތަކުންނޭވެ! މުހިންމީ ބަލިވެދާނެތީ ކަންބޮޑުވުމެއް ނޫނެވެ. ބަލީގައި މަރުވެދާނެތީ ކަންބޮޑުވުމެއްވެސް ނޫނެވެ. ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ލިޔުއްވަވާފައިވާ ގޮތަސް، ލިޔުއްވަވާފައިވާ ކަންކަން، ލިޔުއްވަވާފައިވާ ވަގުތުޖެހުމުން ހިނގާނެއެވެ. ކަންބޮޑުވާންވީ ދުނޔޭގައި އުޅެވޭ ގޮތާއިމެދުގައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭ މިންވަރާއިމެދުގައެވެ.

އެއްވެސް މީހަކަށް ބަލިނުވެ އުޅުމުގެ އިޚްތިޔާރު ދެއްވަވާފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ތަޤްވާވެރިވުމުގެ އިޚްތިޔާރުވަނީ ދެއްވަވައިފައެވެ. އަހަރެމެން މަސައްކަތްކުރަންވީ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. އެއިރުން އަހަރެމެންގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. އަހަރެމެންގެ މަސްއޫލިއްޔަތު އަދާކޮށްފިނަމަ ﷲ ތަޢާލާގެ ރަޙްމަތް އެއީ ޔަޤީންކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން