ގިނަ ބައަކަށް ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ކޮބައިކަމެއް ނުއެނގެއެވެ. އެހެންވެ ސުވާލުކުރެއެވެ؟ ﷲ ތަޢާލާއީ އެންމެ ޢޯގާތެރިވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައިވާއިރު އަހުރެމެންނަށް ﷲ ތަޢާލާ ދެކެ ބިރުގަންނަންޖެހެންވީ ކީއްވެގެން ހެއްޔެވެ؟
ލޮބުވެތި ދަރިންނޭވެ! މިއުޅެނީ މާނަ ނުއެނގުމުގެ މައްސަލައެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާށޭ ބުނެވޭ ބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ދެކެ ބިރުގަތުމެއް ނޫނެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ، ނަހީކުރައްވަވާފައިވާ ކަމެއް ކުރެވިއްޖެނަމަ ދެއްވަވައިފާނެ ގަދަފަދަ ޢަޛާބަށް ބިރުގަތުމެވެ. ނަރަކައަށް ވަންނަންޖެހިދާނެތީ ބިރުގަތުމެވެ.
މިގޮތަށް ވިސްނައިލާށެވެ! ދެމަފިރިންނެވެ. އަނބިމީހާ ފިރިމީހާ ދެކެ ނުވަތަ ފިރިމީހާ އަނބިމީހާދެކެ ބިރުގަންނަން ޖެހޭނެ ހެއްޔެވެ؟ ޙަޤީޤަތަކީ ނުޖެހޭނެ ކަމެވެ. ނުހަނު ލޯބިން އެކުގައި އުޅޭ ދެމަފިރިއަކު އެކަކު އަނެކަކު ދެކެ ބިރުގަންނަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
އެކަމަކުވެސް ބިރުގަންނަމުއެވެ. އެއީ އަނބިމީހާދެކެ ނުވަތަ ފިރިމީހާދެކެ ގަންނަ ބިރެއް ނޫނެވެ. ނަމަވެސް އަނެކާ ނުރުހޭނެ ކަމެއް ކުރެވިއްޖެނަމަ ޢޭނާ އަންނާނެ ދެކެ ރުޅިދެކެ ބިރުގަނެވެނީއެވެ. ރުޅިއައިސްގެން ކޮށްފާނެ ކަމަކަށް ބިރުގަންނަނީއެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުގަތުމަކީވެސް ހަމައެފަދަ ކަމެކެވެ. ކުރިން މިބަޔާންކުރިފަދައިން އެކަލާނގެ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރެވިއްޖެ ނަމަ ދެއްވަވައިފާނެ ޢަޛާބަށް ބިރުވެތިވުމެވެ.
މިކަމަށް އެންމެ ރަނގަޅު ހައްލަކީ ގިނަގިނައިން ތައުބާވުމެވެ. ތައުބާވުންމަތީގައި ހުރުމެވެ. އަސްތަޣްފިރުﷲ ކިޔަންވީ ކޮންމެހެން ދުވާލަކު 70 ނުަވަތަ 100 ފަހަރަކު ނޫނެވެ. ވަޤުތެއްވާއިރަށް ކިޔަންވީއެވެ. ދުވާލަކު 1000 ފަހަރުވެސް ކިޔަންވީއެވެ. 10،000 ފަހަރުވެސް ކިޔަންވީއެވެ. ކިޔެވުނުހައި ގިނައަކުން ކިޔަވަންވީއެވެ. ދިރިއުޅުމުގެ ކަންކަމަށް އަންނަ ހެޔޮ ބަދަލުތައް އިސާހިތަކު ފެނިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން