އަނބިމީހާއަށް ކުރެވޭ ކަމަކާއި ނުރުހި، ރުޅިއައިސް ކުރާ ޖިސްމާނީއަނިޔާއަކަށްވުރެ ހިނިތުންވެލައިގެން ހުރެ އެކަން ފާހަގަކޮށް ބުނެލާ އެންމެ ބަހަކުން ކުރާ އަސަރުވެސް މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަނބިމީހާއަށް ކުރެވޭ ކަމަކާއި ނުރުހި، ރުޅިއައިސް ކުރާ ޖިސްމާނީއަނިޔާއަކަށްވުރެ ހިނިތުންވެލައިގެން ހުރެ އެކަން ފާހަގަކޮށް ބުނެލާ އެންމެ ބަހަކުން ކުރާ އަސަރުވެސް މާބޮޑުވާނެ!

ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ތިބާގެ ހިތް ނުއެދޭ ކަންކަން ފެންނަނަމަ ނުބުނެ ނުހުންނާށެވެ! ނުބުނާނަމަ އޭނާއަށް ކަންކަން ކުރެވެނީ ރަނގަޅަށް ނޫންކަން އޭނާއަކަށް އިޙްޞާޞެއް ނުކުރެވޭނެއެވެ. އެކަން އިޙްޞާޞް ނުކުރެވި އެކަމެއްގައި މާބޮޑަށް ކުރިއަރައިދެވޭފަހުން އެކަމެއް އިޞްލާޙްކުރަން ބުނެވިއްޖެނަމަ އެކަން ބަލައިގަންނަން އޮންނާނީ ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ. 

މިކަންކަން ވަރަށް ތަފާތު ޢިބާރާތަކުން ވަރަށް ފަހުންވެސް ހާމަކުރީމެވެ. އަނެއްކާވެސް މިކަމުގެ ވާހަކަ ދައްކަން މިޖެހެނީ ވަރަށް ގާތް މީހުންނަށްވެސް މިކަމަށް ސަމާލުކަން ނުދެވި ވަރިފަށަށް އަރަމުންދާތީއެވެ. 

ފިރިހެނުންނަށް ޚާއްޞަކޮށްލައިގެން މިއަދުވެސް ބުނެލަން އޮތީ ރަނގަޅު، ހެޔޮލަފާ އަނބިންގެ ވިސްނުން ވަރަށް ތަފާތުވާނެއެވެ. އެމީހުންނަށް ކުރެވޭ ނުރަނގަޅު ކަންކަން ހުއްޓުވަން މަސައްކަތްނުކުރާނަމަ އެމީހުން ވަރަށް ބޮޑަށް މާޔޫސްވާނެއެވެ. ޤަބޫލުކުރެވޭނީ ފިރިމީހާ އޭނާއަށް ސަމާލުކަން ނުދެނީކަމަށެވެ. 

ތިމާގެ ހިތް ނުއެދޭ ކަމެއް ބައިވެރިޔާގެ ކިބައިން ފެނުމުން އެކަން ފާހަގަކޮށް ނުކުރަން ނުވަތަ އިޞްލާޙްކުރަން ބުނުމާއި ރުޅިއައިސް އެއްޗެތިގޮވުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. ދެމަފިރިންވެސް އެކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. 

ބުނަން ހެއްޔެވެ؟ ބައިވެރިޔާއަށް، ޚާއްޞަކޮށް އަނބިމީހާއަށް ކުރެވޭ ކަމަކާއި ނުރުހި، ރުޅި އައިސް ކުރާ ޖިސްމާނީއަނިޔާއަކަށްވުރެ ހިނިތުންވެލައިގެން ހުރެ އެކަން ފާހަގަކޮށް ބުނެލާ އެންމެ ބަހަކުން ކުރާ އަސަރުވެސް މާބޮޑުވާނެއެވެ. ވީމާ ހިތްހަމަނުޖެހުނަސް ރުޅިއައިސް އައތް އިސްނުކުރާށެވެ! އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ގިނަފަހަރު އެއިރުން އެކަން ބަދަލުވާނީ ބަދަލުހިފުމަކަށެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން