ސުވަރުގެ ހޯދަން މަސައްކަތްކުރަން ބުނެވެނީ ސުވަރުގެ ތިބާއަށް ބޭނުންވާތީއެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ސުވަރުގެ ހޯދަން މަސައްކަތްކުރަން ބުނެވެނީ ސުވަރުގެ ތިބާއަށް ބޭނުންވާތީއެއް ނޫން!: މުފްތީ މެންކް

ﷲ ތަޢާލާ ސުވަރުގެ އުފައްދަވާފައިވަނީ ސުވަރުގެ އެއްވެސް މީހަކަށް ބޭނުންވާ ގޮތަކަށް ނޫނެވެ. އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންވާ ގޮތަކަށްވެސް ނޫނެވެ. ނަމަވެސް ބައެއް މީހުންނަށް ވިސްނިގެން އުޅެނީ އެމީހުންނަށް ބޭނުންވަނީ ސުވަރުގެކަމަށެވެ.

އެފަދަ މީހުން ހީކުރަނީ ﷲ ތަޢަލާއަށް އީމާންވެ މުސްލިމަކަށް ވުމަށް ބުނެވެނީ ސުވަރުގެއަށް ވައްދަވާނެ މީހުން މަދުވެގެން ޢޭނާއަށް ސުވަރުގެ ބޭނުންވާތީ ކަމަށެވެ. މިއީ އަރާފައިވާ ވަރަށް ބޮޑު އޮޅުމެކެވެ.

ތިބާއަކީ މުސްލިމަކަށްވުމަކަށް އެއްވެސް ފަރާތަކުން މަޖުބޫރެއް ނުކުރެއެވެ. މަޖުބޫރެއް އޮތްނަމަ އެމަޖުބޫރަކީ ތިބާ ސުވަރުގެއަށް ބޭނުންވުމެވެ. ސުވަރުގެ ބޭނުން ނުވާ މީހާ އެމީހަކު އުޅެން ބޭޏުންވާ ދީނަކަށް އުޅުމަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. ނަމަވެސް އެ އިޚްތިޔާރު ލިބެނީ މުސްލިމުން ނޫން މީހުންނަށެވެ. މުސްލިމަކު ދީނުން ބޭރުވެއްޖެނަމަ އެމީހަކާއިމެދު ޢަމަލުކުރަން އޮތް ގޮތް ﷲ ތަޢާލާވަނީ އަންގަވައިފައެވެ.

އެހެންކަމާއެކުވެސް ތިބާއަކީ މުސްލިމަކަށް ވެއްޖެނަމަ ތިބާއަމަލުކުރަން ޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. ކުރަން ޖެހޭ އަމަލުތަކެއްވެސް އެބަހުއްޓެވެ. އެންމެ ކުޑަމިނުން ހެދުން އަޅަންޖެހޭ ވަކި ގޮތްތަކެއްވެސް އެބަހުއްޓެވެ. އެއީ ތިބާއަކީ މުސްލިމަކަށްވީތީއެވެ. ވީމާ ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާ ބަޔާންކޮށް ދެއްވަވައިފައިވާ އެ އިންތަކުގައި ވަރުގަދައަށް ހިފަހައްޓަން ޖެހޭނެ މީހެކެވެ. އެކަން ނުކޮށްފިނަމަ އެމީހަކަށް އޮތީ ހަލާކާއި ގެއްލުމެވެ. ނަރަކައިގެ ގަދަފަދަ އަޒާބެވެ. ސުވަރުގެ އާއިމެދުވެސް ބުނި ފަދައިން ކިތަންމެ ގިނަ ބިލިއަން އަހަރުތަކެއް ވީނަމަވެސް ނިމުމެއް ނެތް ގަދަފަދަ އަޒާބެވެ!

"އަހަރެންނަކީ އިސްލާމެކެވެ. ނަމަވެސް އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށް" ކަމަށް ހަމައެކަކަށްވެސް ނުބުނެވޭނެއެވެ. އެހެނީ އިސްލާމް ކަމަކީ ދުލުން ބުނާ ބަހަކަށް ކިޔާ ނަމެއް ނޫނެވެ. އިސްލާމް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމަށް ކިޔާ ނަމަކަށްވާތީއެވެ.

ރަނގަޅަށް ވިސްނާށެވެ! މިދުނިޔޭގައި މީހާގެ އުމުރުވެސް މިވަނީ ވަކި މުއްދަތަކަށް ކަނޑައަޅުއްވަވައިފައެވެ. އަދި ދުނިޔޭގައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ ވަކި މުއްދަތަކަށެވެ. އުމުރެއް ކަނޑައެޅިގެންނެވެ. ނަމަވެސް ސުވަރުގޭގައި އެކަމެއް ނެތެވެ. އެއީ ދުވަހަކުވެސް ނިމުމެއް ނެތް ދާއިމަށް ދެމިގެންވާ ތަނެކެވެ. މިސާލަކަށް ތިބާ ސުވަރުގޭގައި ލެއްވެވިތާ 2 ބިލިއަން އަހަރު ފަހުން ބާކީ އޮތީ ކިހައި ދުވަހެއްތޯ މީހަކު ސުވާލުކޮށްފާނެއެވެ. ޖަވާބަކަށްވާނީ މިތަނުގައި ތިއަ ޒާތުގެ ވާހަކަތައް ނުދައްކާށެވެ. މިއީ ނިމުމެއް ނެތް ދާއިމީ ތަނެކެވެ. އެއީ ހަމަ އެކަން އޮތް ގޮތެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން