ދެން عاد ބާގައިމީހުންގެންނަވައި އެއުރެންގެގާތަށް رَسُول ކަމާއިގެން ފޮނުއްވި سَيِّدنَا هُوْدُ ގެފާނާއި މެދުގައި ނިޔާކުރައްވާ ހުއްޓެވެ. އެއުރެންގެ މައްޗަށްވެސް رَسُولُ اللهِ ގެފާނާއި އެކަލޭގެފާނުންގެ أمّة ގެ މާތްމީހުން ހެކިވާހުއްޓެވެ. އިތުރު އެކަލޭގެފާނުން قرآن ން كَذَّبَتْ عَادٌ الْمُرْسَلِينَ މިތަނުން ފައްޓަވައިގެން އެމީހުންގެ ވާހަކަތައްހުރި ހިސާބު ވިދާޅުވާހުއްޓެވެ.
ދެން އެމީހުން ނަރަކަޔަށް ގެންދިއުމަށް އަމުރުފުޅު އަތުވެދާހުށި.
މިގޮތްމަތީން أمّة އަކަށްފަހު أمّة އެއްގެ ބަޔަކު ގެންނަވައި އެބަޔަކުގެ رِسُولُ ބެއިކަލަކާއި އެބަޔަކާއިމެދުގައި عدل އަށް ނިޔާކުރައްވާހުއްޓެވެ. މިއެންމެހައި ކަންތަކުގައި އެމީހުންގެ މައްޗަކަށް ميزان އެއް حساب އެއް ނުހުންނަ ހުއްޓެވެ. ކީރިތިވަންތަ ކަލާނގެ ރަސްކަންފުޅާއި އެމީހުންނާއިމެދުގައި حجاب ތައް ހުންނަހުއްޓެވެ.
ދެން ފޮތް ބާވައިލައްވައި އެފޮތްފޮތަށް އެފޮތެއްގެވެރި رَسُولُ ންގެ أمّة ން ބަޔަކު އީމާންވީ ރަސޫލު ބޭކަލުންނާއި މެދުގައި ނިޔާކުރެއްވުމުގެ دَوْرُ އަތުވެދާހުށި. އެންމެ ފުރަތަމައަށް ގެންނެވޭހުށީ مُوْسَى ގެފާނެވެ. ފަހެ مُوسَى ގެފާނަށް ނިދާ އިއްވެވުނީމާ އެކަލޭގެފާނު ވަޑައިގަންނަވާހުށީ ވައިގެތެރޭގައި އެލުވިގެންވާ ފަތެއް ތުރުތުރު އަޅާފަދައިން އެކަލޭގެފާނުންގެ ބިރުފުޅުބޮޑުކަމުން ތުރުތުރު އަޅަމުންނެވެ. އެކަލޭގެފާނަށް وحى ކުރައްވާ ހުއްޓެވެ. ތިމަންސުވާމީންގެ ބާވައިލެއްވި تَوْراة ކަލޭގެފާނަށް ހަމަޔަށް އަދާކުޅަކަމަށް جبريل ގެފާނު ދަންނަވައެވެ. مُوْسَى ގެފާނުން ދަންނަވާހުއްޓެވެ. جبريل ގެފާނުންގެ ބަސްފުޅު ތެދެވެ.
ދެން وحى ކުރައްވާހުއްޓެވެ. ކަލޭގެފާނުން އެފޮތް އަދާކުޅަ ބަޔަކުގެތެރޭގައި އެފޮތް ކިޔަވާށެވެ. ދެން އެކަލޭގެފާނުން އެކަލޭގެފާނަށްޓަކައި ބެހެއްޓިގެންވާ منبَر އަށް އަރައިވަޑައިގަތުމުން އެތަނަށް بَنِي إسْرَائِيْلُ ބާގައިގެ أحْبَار ންތައް އެއްކުރެއްވޭހުއްޓެވެ. މުޅި مَحْشَر ގެ أهل ވެރީން އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ އަޑުފުޅު އެހުމަށް ކަންދީގެން ހަނު ތިބޭ ހުއްޓެވެ. ދެން އެކަލޭގެފާނުންގެ ހިތްޕުޅުން އެ تَوراة ވިދާޅުވާ ހުއްޓެވެ. އެންމެން حَيْرَان ވެ ޝޯޚް ވެގެން އަޑުފުޅު އަހާން ތިބޭހުއްޓެވެ. އެންމެން ބޮޑެތި ބޮޑެތި أَحْبَار ން توراة ކިޔެވުމުގެ މިފަދަ އަޑެއް ދުވަހަކު ނުއިވޭ ކަމަށް ހީކޮށްގެން عَجَائِب ވެފައި ތިބޭހުށި،
- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން