ޢިބްރަތްތެރި ވާހަކަ: ބަލިޙާލުގަ އޮތް މަންމައަށްޓަކާ ފިރިމީހާއާ ވަޒީފާވެސް ދޫކޮށްލައި އަތްމަތި ހުސްކޮށްލި އަންހެނަކަށް ދުނިޔެއަށްވުރެވެސް ބޮޑު އުފާވެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 8ސ
ޢިބްރަތްތެރި ވާހަކަ: ބަލިޙާލުގަ އޮތް މަންމައަށްޓަކާ ފިރިމީހާއާ ވަޒީފާވެސް ދޫކޮށްލައި އަތްމަތި ހުސްކޮށްލި އަންހެނަކަށް ދުނިޔެއަށްވުރެވެސް ބޮޑު އުފާވެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-

ތިމާގެ މައިމީހާ ބަލިޙާލެއްގައި އޮތްނަމަ ބަލަން އަނބިމީހާ ނުރުހިއްޖެނަމަ ކުރާ އަސަރު އެނގޭނީ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. ބައެއް ފިރިންނަށް ވިސްނައިނުލެވެނީ ތިމާގެ މައިމީހާ ތިމާއަށް މުހިންމުވާ ފަދައިން އަނބިމީހާގެ މައިންބަފައިން އަނބިމީހާއަށްވެސް މުހިންމުވާނެކަމެވެ. މިމައްސަލައަކީ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ތިމާގެ މައިންބަފައިން ތިމާއަށް މުހިންމުވާފަދައިން އަނެކާގެ މައިންބަފައިން އޭނާއަށްވެސް މުހިންމުވާނެކަމެވެ. 

ހަމައެފަދައިން ވިސްނާލަންޖެހޭނެ އަނެއްކަމަކީ ތިމާގެ މައިންބަފައިން ބެލުމުން ޘަވާބުދެއްވަވާފަދައިން ބައިވެރިޔާގެ މައިންބަފައިން ބެލުމުންވެސް ޘަވާބު ދެއްވަވާނެ ކަމެވެ. 

ތިރީގައި އެވަނީ ބަލިޙާލުގައި އޮތް މަންމަ ބެލުމަށްޓަކައި ޤުރްބާންވި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަޅުގަނޑުގެ ޢާއިލާއަކީ ކުޑަ ޢާއިލާއެއް ނޫނެވެ. އެއްބަނޑު އެއްބަފާ 11 ބެއިން ތިބެއެވެ. އެއީ 4 ފިރިހެނުންނާ 7 އަންހެނުންނެވެ. އަޅުގަނޑަކީ 8 ވަނަ ދަރިފުޅެވެ. 

ކޮންމެ ކުއްޖަކުވެސް ކައިވެނިކުރުމުން މަންމަ ބޭނުންވަނީ އެކުއްޖަކު އަމިއްލައަށް ދިރިއުޅުމަށެވެ. މަންމަ ބުނަނީ ފިރިމީހާ ނުވަތަ އަނބިމީހާވެސް އުފާވާނީ އެއިރުން ކަމަށެވެ. އެހެންވެ ކޮންމެ ކުއްޖަކުވެސް ކައިވެނިކުރުމާއިއެކު ގެއިން ނުކުމެއެވެ. އަޅުގަނޑުވެސް ކައިވެނިކޮށްގެން އެއިރު އުޅެމުން ދިއައީ ވަކިދިރިއުޅުމެވެ. އެއިރު ގޭގައި އުޅެނީ މަންމަ އެކަންޏެވެ. 

ކުއްލިއަކަށް މަންމަ ބަލިވެއްޖެއެވެ. މަންމަ ބަލަން އިސްނެގީ އަޅުގަނޑެވެ. ބަލީގައި މަންމަގެ ގައިގެ ބާރުދެރަވެ ނުހިނގޭވަރުވުމުން އެހެންދަރިންގެ އެހީތެރިކަމަށް އެދުނީމެވެ. ނަމަވެސް ޒިންމާ އުފުލާނެ ދަރިއަކު ނުވިއެވެ. ތިބީ ޒިޔާރަތްކުރާނެ ދަރިންނެވެ. 

ބަލީގައި ގިނަދުވަސްވާންފެށުމުން އަޅުގަނޑުގެ ފިރިމީހާ ނުރުހެން ފަށައިފިއެވެ. އޭނާ ބުނަނީ މަހަކު ދަރިއަކު މަންމަ ބެލުމުން ރަނގަޅުވާނެ ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނަމަވެސް ގިނަ ކުދިން ދިރިއުޅެމުން އަންނަނީ މަންމަ ބާއްވައިގެން ފަދަ ގެދޮރުގެ ގޮތުން ތަނަވަސްކަމެއް ނެތިއެވެ. 

ދެން އޮތީ މަންމަގެ ގެއަށް މަންމަ ގެންދިއުމެވެ. އެއިރުން މަންމަ ބަލަން ގޭގައި އުޅޭނެ ދަރިއަކު ނެތެވެ. ކޮންމެއަކަސް ހުރި މައްސލަތަކާއިއެކުވެސް އަޅުގަނޑު ނިންމީ މަންމަ ދޫކޮށްނުލުމަށެވެ. ކޮންމެ ޙާލެއްގައިވެސް މަންމަ ބަލާށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ފިރިމީހާ އަޅުގަނޑު ވަރިކުރިއެވެ. ވަރިކުރީ ފިރިމީހާ އާއި މަންމަ އާއި ދެމީހުންކުރެ އެކަކު ޚިޔާރުކުރަން ބުނުމުން މަންމަ ޚިޔާރުކުރީތީއެވެ. 

"އަޅުގަނޑު ބުނީމެވެ. ﷲ ދެއްވެވީމާ ފިރިއަކު އަދިވެސް ލިބިދާނެއެވެ. މަންމައެއް ނުލިބޭނެއެވެ. ވީމާ މަންމަ ދުލެއް ނުކުރާނަމެވެ." 

ވަރިކުރީމާ މަންމަ ގޮވައިގެން ދިއައީ ގެއަށެވެ. ނޯކަރަކު ގެންގުޅޭވަރަށް ވަޒީފާއިން މުސާރަ ނުލިބޭތީ ޖެހުނީ ވަޒީފާވެސް ދޫކޮށްލާށެވެ. އަޅުގަނޑުގެ ކުރިމަތީގައި ވަޒީފާއާއި ފައިސާވެސް މަންމައަށް ޚިދުމަތްކުރުމަށްވުރެ މުހިންމެއް ނޫނެވެ. 

މަންމަ ގޮވައިގެން ގޭގައި އުޅެން ފެށުމުން އެހެން ދަރިންވެސް އެހީވިއެވެ. ނަމަވެސް ފުދޭވަރަކަށް ނުލިބެއެވެ. އެހެންކަމުން އެކައުންޓުން ނަގަމުންގޮސް އެކައުންޓު ހުސްވުމަކާއި ގާތަށް ނެގުނެވެ. އަޅުގަނޑުގެ ނިޔަތަކީ ހުސްވީމާ ހުސްވީއެވެ. ހުސްވަންދެންވެސް ޚަރަދުކުރާނީއެވެ. 

ފައިސާ މަދުވުމުން ކުރިން ގަނެދެމުން އައި ބައެއް އެއްޗެތި ގަނެނުދެވެން ފެށުމުން މަންމައަށްވެސް އެކަން އެނގުނެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. 

އެއްރޭ އަޅުގަނޑަށް ހޭލެވުނުއިރު މަންމަ އަށް އުފުލޭ ވަރަށް ދެއަތް އުފުލައިގެން އޮވެ ދުޢާކުރަނީއެވެ. އަޅުގަނޑަށް ރަޙްމަތް ލެއްވެވުން އެދިއެވެ. އެހެންވެ ނުތެދުވާން އޮވެފައި މަންމަ ދުޢާކޮށް ނިމުމުން ތެދުވެ އާދައިގެމަތިން އަޅުގަނޑުވެސް އަޅުކަންކޮށް ދުޢާކުރީމެވެ. 

އެއިގެފަހުން ދެވަނައަށްވީ ދުވަހެވެ. ސްކޫލްގައި އަޅުގަނޑާއިއެކު އުޅުނު ފިރިހެން ކުއްޖަކު ގެއަށް އައެވެ. އެއީ ހާޝިމް އެވެ. މިހާރު ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. ބުނީ މަންމަ ބަލިކަން އެނގުނީ ވަރަށް ފަހުން ކަމަށާއި ޙާލުބަލާލަން އައީ ކަމަށެވެ. އެއައި ސަބަބަކީ ސްކޫލްގައި އުޅުނު ދުވަސްވަރު އެކުވެރިން ގެއަށް އައުމުން މަންމަ ވަރަށް ހެޔޮކޮށް ކަންކަންކުރީތީއެވެ. ފާރޮށިލާފައި ކަޅުސައިތަށްޓެއް ނަމަވެސް ދޭނެއެވެ. އެހެންވެ އޭނާގެ ހިތުގައި މަންމަގެ މައްޗަށް ރަޙުމް އޮތީއެވެ. 

ފައިސާގެ ޙާލަތުހުރިގޮތުގެ ވާހަކަ ދެއްކުމުން ކަންހުރި ގޮތް ކިޔައިދިނީމެވެ. ކުރެވުނު ކައިވެނި ނިމިގެންދިއަ ގޮތްވެސް ކިޔައިދިނީމެވެ. ނަމަވެސް އެހީތެރިކަމަކަށް ނުއެދެމެވެ. އޭނާ ދަމުން ދިއައީ މަންމަގެ މުށުތެރެއަށް ރުފިޔާކޮޅެއް ލައިދީފައެވެ. ފަހުން އަންނާނެ ކަމަށްވެސް ބުންޏެވެ. 

އަނެއް ދުވަހު އަޅުގަނޑުގެ ފޯނަށް ލިބުނީ މެސެޖެކެވެ. "ނަޝީދާއެވެ. މުޅި ދުނިޔެއަށްވުރެ ނަޝީދާއަށް މުހިންމު ތިއަވީ މަންމައެވެ. މި މެސެޖްކުރަން މަޖުބޫރުކުރުވީ އެ ސަބަބެވެ. އެސަބަބު އެއީ ދުނިޔޭގައި އެންމެ މުހިންމު ސަބަބުކަމަށްވުމުން ﷲ އަށްޓަކައި ނަޝީދާ ދެކެ ވަރަށް ބޮޑަށް ލޯބިވެއްޖައީމެވެ. ކިޔަވަން ބޭރުގައި އަހަރުތަކެއް ވަންދެން އުޅެންޖެހުމުން ވަޖީހް މިހުރީ އަދި ކައިވެންޏެއްވެސް ނުކޮށެވެ. ނަޝީދާގެ ވާހަކަ ބައްޕައަށްވެސް ނަންގެންފީމެވެ. ބުނުއްވީ އަވަހަށް ކައިވެނިކޮށްގެން ދެމައިން މިގެއަށް ގެނައުމަށެވެ. ވީމާ ނަޝީދާ ރުހޭނަމަ ހަމަ މިރޭވެސް ކައިވެނިކުރަންވީއެވެ. ނަޝީދާ ނުރުހޭނަމަވެސް އަނގައިލާށެވެ. ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ކައިވެނިކުރަން ނުރުހުނަސް މަންމައަށްވެސް އެހީވާނަމެވެ. ކްލާސްމޭޓްކަންވެސް ހަމަ އެގޮތަށް އޮންނާނެއެވެ. ޖަވާބު އަވަސް."

މެސެޖް ކިޔައި ނިމުމާއިއެކު ޖަވާބު ފޮނުވީމެވެ. "އަވަހަށް ހެކިވެރިން ފޮނުވާ!"

ވަޤުތުން ޖަވާބުދިނީ ވަޖީހަކީ އަބަދުވެސް އެނާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވަގުތުން ކުރަން ބޭނުންވާ މީހެއްކަން ކުޑައިރުންސުރެ އެނގޭތީއެވެ. ޖަވާބުދިންތާ ގަޑިއެއްހައި އިރުތެރޭގައި ހެކިވެރިން ފޮނުވައިފިއެވެ. ހަމައެރޭ ކައިވެނިކޮށްފިއެވެ. (އެޒަމާނަކީ މިހާރުހެން ފޯމުލައި، ކޯސްހަދަންޖެހޭ ޒަމާނެއް ނޫނެވެ. ވަލީ ލިބޭނަމަ ވަޤުތުންވެސް އެއިރު ކައިވެނިކޮށްދެއެވެ.)

އަޅުގަނޑުމެންނަށް މިހާރު މިވަނީ މާމަ، ކާފަ ކިޔައިފައެވެ. މިހާރުވެސް ދެމަފިރިން މާލޭގައި ގަދަވެސަލާމަތުން ތިބިނަމަ ފިނިކޮށްލަން ނުނުކުންނަ ރެއެއް ހަމަ މަދުވާނެއެވެ. އުންމީދަކީ ދެމީހުން އެކުގައި ސުވަރުގެ ވަނުމެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑުގެ ވާހަކަ މިކިޔައިދިނީ އަޅުގަނޑު މަންމައަށްޓަކައި އުފުލި ބުރައިގެ ވާހަކަ ދައްކާކަށް ނޫނެވެ. އެވާހަކަތައް މިކިޔައިދިނީ އެވާހަކަތަކާއި ނުލާ މިވާހަކަ ފުރިހަމަ ނުވާނެތީއެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުންވީ މަންމަ ކޮށްދިން ހެޔޮދުޢާގެ ނަތީޖާ އެންމެ 3 ދުވަސް ތެރޭގައި ފެނި ތަންފީޒުވީކަމެވެ. އިން ޝާ ﷲ

ވިސްނަންވީ އެކަމަށެވެ. ދިރިއުޅެންވީ މައިންގެ ހެޔޮދުޢާ ލިބޭނެ ގޮތަށެވެ. އެއިރުން އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

- ނަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން