ތައުބާވުމަކީ ވެވޭ އިޤްރާރެއް! އިޤްރާރު ޤަބޫލުކުރާ ޙާލު ގިނަގިނައިން ތައުބާވާ މީހުންގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ އުފުއްލަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތައުބާވުމަކީ ވެވޭ އިޤްރާރެއް! އިޤްރާރު ޤަބޫލުކުރާ ޙާލު ގިނަގިނައިން ތައުބާވާ މީހުންގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ އުފުއްލަވާނެ!: މުފްތީ މެންކް

ތައުބާވުމުގެ ވާހަކަ ދެއްކުމުން އެކަމުގެ މުހިންމުކަމާއި އެކަމުން ކުރާ ފައިދާ ވިސްނެނީ ވަރަށް މަދުމީހަކަށެވެ. ގިނަ ބައަކަށް ވިސްނެނީ އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ. ތައުބާވުމުގެ މަތިވެރިކަން މާބޮޑެވެ. 

ތައުބާވުމަކީ ވެވޭ އިޤްރާރުތަކެކެވެ. ފުރަތަމަ އިޤްރާރަކީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. ދެވަނަ އިޤްރާރަކީ ފާފަތައް ފުއްސަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމެވެ. ތިންވަނަ އިޤްރާރަކީ ޢަޛާބް ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާ ކަމެވެ. 4 ވަނަ އިޤްރާރަކީ ފާފަ ފުއްސަވައިދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާކަމެވެ. 

ތައުބާވުމަކީ މިކަންކަން ހިތުގައި ބާއްވައިގެން، އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ޤަބޫލުކޮށްގެންހުރެ އަދި ތިމާއަށް ފާފަ ކުރެވިއްޖެކަންވެސް ޤަބޫލުކޮށްގެން ހުރެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. 

ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަ ކުރެވޭނެ މީހަކުކަމަށް ޙަދީޘްފުޅުގައި އެއޮތީ އިންސާނާގެ ޠަބީޢަތުގައި ފާފަކުރެވުން ލައްވަވާފައިވާތީއެވެ. އަދި އެންމެ މަތިވެރި މީހަކީ ފާފަކުރެވުމުން ތައުބާވާ މީހާކަމަށް އެއޮތީ ތައުބާވުމުން އެމީހާގެ ދަރަޖަ މަތިވެރިކުރައްވަވާނެތީއެވެ. 

ފާފަކުރަން ވަސްވާސްދިނުމުގެ ބާރު ޝައިޠޯނާއަށް ދެއްވެވީވެސް ﷲ ތަޢާލާއެވެ. އެއީ އެއްވެސް ޙާލެއްގައި ފާފައެއް ކުރެވުމުން ނަރަކައަށް ވައްދަވާކަށް ނޫނެވެ. ނަރަކައަށް ވަންނަން ޖެހޭނީ ފާފަކުރެވުމުން ތައުބާނުވިނަމައެވެ. އަދި މިހުރިހާ ކަމަކުންވެސް އެނގިގެންމިދަނީ ހަމަ އެންމެ ކަމެކެވެ. އެއީ ތައުބާވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. 

ވީމާ ފާފަކުރެވުމަކީ ތިމާއަށް ﷲ ތަޢާލާ ރުހިވޮޑިނުގެން ނަރަކައަށް ވައްދަވާނެ ސަބަބެއް ކަމަށް ހީވެސް ނުކުރާށެވެ! ކުރިންވެސް ބުނިފަދައިން ނަރަކައަށް ވަންނަން ޖެހޭނީ ތައުބާ ނުވިނަމައެވެ. ތައުބާވުމުން އެމީހާގެ ދަރަޖަ އުފުއްލަވައި ދެއްވަވާނެތެވެ. މަތިވެރިކުރައްވަވާނެތެވެ. ވީމާ ގިނަގިނައިން ތައުބާވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދަރަޖަ މަތިވެރިވުމަށް އޮތް ސަބަބެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން