ދަރިފުޅަށް ގާތުން ނުދެވުނު ސަބަބު- އަންހެނުން ސަމާލުކަންދޭންޖެހިފައިވާ މުހިންމު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދަރިފުޅަށް ގާތުން ނުދެވުނު ސަބަބު- އަންހެނުން ސަމާލުކަންދޭންޖެހިފައިވާ މުހިންމު ކަމެއް!

ކައިވެނިކުރުމަށްފަހު ދެމީހުންވެސް ތިބެން މަސައްކަތްކުރަން ޖެހޭނީ އަނެކާ އެންމެ ހިތް އުފާވާނެ ގޮތަށެވެ. ހަށިގަނޑުވެސް އެގޮތަށް ބެހެއްޓުމަށާއި އަދި ހެދުން އެޅުމުގައިވެސް ބައިވެރިޔާ ބޭނުންވާ (އިސްލާމް ދީން ހުއްދަކުރާ) ގޮތަށް ހެދުން އަޅަންވެސް މަސައްކަތްކުރަންވާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިމާއަށް އެންމެ ރީތި ކުލަތަކަށްވުރެ ބައިވެރިޔާއަށް އެންމެ ރީތި ކުލަތަކަށާއި ޑިޒައިންތަކަށްވެސް އިސްކަންދޭންވާނެއެވެ. 

ނަމަވެސް ބައިވެރިޔާ ބޭނުންވާ ގޮތަށް ހަށިގަނޑާއި ގުނަވަންތައް ބަދަލުކުރުމުގައި ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ. މިދައްކަނީ ފަލަނަމަ ހިކެން މަސައްކަތް ނުކުރުމުގެ ވާހަކައެއް ނޫނެވެ. ފަލަނަމަ ހިކެން މަސައްކަތްކުރުމަކީ ތިމާގެ އަމިއްލަ ޞިއްޙަތަށްޓަކައިވެސް ކުރަންޖެހޭނެ ކަމެކެވެ.

ފާހަގަމިކުރަނީ މޫނާއި ގުނަވަންތައް ބަދަލުކުރުމުގެ ވާހަކައެވެ. އެކަންކަން އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ. މިޘާލަކަށް ފުރަތަމަ ކައިވެނިކުރެވުނު މީހާ ބުނިގޮތަށް ބަދަލުކުރީއެވެ. ދުވަސްކޮޅަކުން ކައިވެނި ރޫޅުނީއެވެ. ދެން ގުޅެން ބޭނުންވާ މީހާގެ ވިސްނުން، ނުވަތަ އޭނާއަށް ބޭނުންވާގޮތް ކުރީގެ ފުރިމީހާއާއި އެއްގޮތް ވާނެހެއްޔެވެ؟ ވިސްނާލަންވީ އެކަމަށެވެ. 

މިއީ ދައްކަން ލަދުވެތި ވާހަކައެއް ނަމަވެސް ނުދައްކައި ފަސްޖެހިގެން ހުރެވޭކަށް ނެތެވެ. ދާދިފަހުން ބައްދަލުވި އަންހެނެއްގެ ގާތުން އެނގުނު ގޮތުގައި އޭނާއަށް ދަރިއަކު ލިބުނީ 3 ވަނަ ކައިވެނީގައެވެ. އޭނާއަށް ކުރިން ކައިވެނިކުރެވުނު ދެމީހުން ބޭނުންވި ގޮތަށް އުރަމަތި ބަދަލުކުރަން އުޅެން ހަދައިގެން ދަރިފުޅަށް ޖެހުނީ މަންމަގެ ގާތުން ބުއިމުން މަޙްރޫމްވާށެވެ. އުނގުޅުނު އެއްޗެއްސާއި ކުރެވުނު ކަންކަމުގެ ސަބަބުން ކިރުނުއެރުނީއެވެ. 

ކޮންމެ އަންހެނަކަށް މިފަދަ ގޮތެއް މެދުވެރިނުވެސް ހިނގައިދާނެއެވެ. ނަމަވެސް ވިސްނާލަންވީ މިހުރީވެސް  ކުރިމަތިވާ ކަންކަމެވެ. އަދި މިފަދަ ކަމެއް ކުރިމަތިވާނީ ކުރިއާލައި އެނގިގެނެއްވެސް ނޫންކަމެވެ. 

ޚުލާޞާޢަކަށް ބުނަމެވެ. ފިރިއަކު ބުނި ނަމަވެސް ފަލަނުވާށެވެ! އެއީ ޞިއްހަތަށް ގެއްލުންހުރި ކަމެކެވެ. އަދި ފިރިއަކު ނުބުނި ނަމަވެސް ފަލަ ނަމަ ހިކެން މަސައްކަތްކުރާށެވެ. އެއީ ޞިއްޙަތަށް ފައިދާކުރާނެ ކަމެކެވެ. އަދި ފިރިމީހާ ބުނިނަމަވެސް މޫނުގެ ސިފައަށާއި ގުނަވަންތަކަށް ބަދަލުނުގެންނާށެވެ! 

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. ބައެއް ފަހަރު ސިފަ ރީތިވާ މީހުން މަދުވެދާނެއެވެ. ނަމަވެސް ހުރި ސިފައިގައި ރީތިވާނެ މީހުން ތިބޭނެއެވެ. އެމީހާއާއި ބައްދަލުވެސްވާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން