مُسْلِمْ އަޚުންނޭވެ! ޞިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކިމީހުންގެ ޙާލަތު ތަފާތެވެ. އެހެންކަމުން ހަނދާން ބަހައްޓަންވީ ކަމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމެވެ. ކީރިތި މާތް ނަބިއްޔާ z ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް الله ގެ حَضْرَةُ ގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލެވެ. ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ أَدْوَمُهَا وَإِنْ قَلَّ)[1] މާނައީ: "މާތް الله ގެ حَضْرَةُ ގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ، މަދުން ނަމަވެސް ދާއިމީ ގޮތުގައި ކުރެވޭ ހެޔޮޢަމަލެވެ."
مُسْلِمْ އަޚުންނޭވެ! ތިމާގެ ޢުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، ކޮންތާކުހުއްޓައި ކަމެއް އެއްވެސްމީހަކަށް ނޭނގެއެވެ! މާތް الله ވަޙީ ކުރައްވާފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، قِيَامَة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، الله ގެ حَضْرَةُ ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رَحِمُ ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نَفْس އަކަށް، އެ نَفْسއެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نَفْسއަކަށް އެ نَفْسއެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، خَبِيْرُވަންތަ ރަސްކަލާނގެއެވެ."
مُسْلِمْ އަޚުންނޭވެ! "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެކެވެ. މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެއެވެ. އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައެވެ. އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެއެވެ! އެކަމަށް ރައްކާތެރިވުމަށް ހަނދާންކޮށްދެމެވެ! ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެކެވެ. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ z ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެކެވެ.
مُسْلِمْ އަޚުންނޭވެ! މާތްނަބިއްޔާ z ޝަޢުބާން މަހުގައި ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން އަޞްޙާބު ބޭކަލުން ސުވާލުކުރައްވާކަމުގައި ވިއެވެ. އެގޮތުން ކީރިތި ރަސޫލާ z އަށް أُسَامَةُ بْنُ زَيْد ދެންނެވިއެވެ: يَا رَسُوْلَ اللهِ لَـمْ أَرَكَ تَصُوْمُ شَهْرًا مِنَ الشُّهُوْرِ مَا تَصُوْمُ مِنْ شَعْبَانَ؟ قَالَ: (ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ اْلأَعْمَالُ إِلَى رَبِّ الْعَالَمِيْنَ، فَأُحِبُّ أَنْ يُرْفَعَ عَمَلِيْ وَأَنَا صَائِمٌ)[2] މާނައީ: އޭ މާތް اللهގެ ރަސޫލާއެވެ! شَـعْباَنމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް އަހަރުގެ އެހެން މަސްމަހު ކަލޭގެފާނު (ސުންނަތް) ރޯދަފުޅު ހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "އެއީ رَمَضَان މަހާއި، رَجَبُމަހާ ދެމެދުގައި މީސްތަކުން އެމަހަކާމެދު غَافِلُ ވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންކަމުން ރޯދަފުޅަށް ހުންނަވަނިކޮށް، الله ގެ ޙަޟްރަތަށް ތިމަން ނަބިއްޔާގެ ޢަމަލުތައް އުފުއްލެވުމަށް، އެދިވަޑައިގަންނަވަމެވެ."