އަހުލުވެރިންގެ އިތުރުން އެކުވެރިއަކުވެރިއަކު ނަމަވެސް ނަރަކައިން ސަލާމަތްކުރެވޭތޯ ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. އެއީވެސް ތިމާއަށް ގިނަގުނަ ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދި އެއީ ތިމާއަށް ސަލާމަތްވެވޭ ޢަމަލުކަމުގައިވުމަކީވެސް ވަރަށް ކައިރި ކަމެކެވެ. ވީމާ މަގުއޮޅިގެންދާ މީހުންނަށް މަގުދައްކައިދޭން އަޚުންނާއި އުޚުތުން ކުރާ މަސައްކަތަށް ހިތްވަރުދެމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
"އަޅުގަނޑުގެ އެންމެ އެކުވެރިއަކަށް ވަރަށް ބޮޑަށް މަގުއޮޅިއްޖެއެވެ. އޭނާއަކީ 2 ދަރިން ގޮވައިގެން ދިރިއުޅޭ އެކަނިވެރިމައެކެވެ. ދޮށީދަރފުޅަށް 7 އަހަރެވެ. ހަގުދަރިފުޅަށް 5 އަހަރެއެވެ. ދަތިޙާލުގައިވެސް ފާއިތުވި 3 އަހަރު އޭނާ ދިރިއުޅުނީ ވަރަށް ޙަލާލް ދިރިއުޅުމެކެވެ. ނަމަވެސް އޭނާގެ އެކުވެރިއަކު މިހާރު އޭނާއަށް ވަނީ މަގު އޮޅުވާލައިފައެވެ. މިޒަމާނުގެ ބަހުރުވައިން ބުނާނަމަ ފަސޭހައިން ފައިސާލިބޭނެ މަގު ދައްކައިދީފައެވެ.
އަޅުގަނޑު ބޭނުންވަނީ އޭނާއަށް ހެޔޮމަގު ވިސްނޭނެ ރަނގަޅު ނަޞޭޙަތެކެވެ."
މިމޭރުމުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ކިޔުންތެރިން ބޭނުންވާ މަޤްޞަދު ތިރީގައިވާ ލިޔުމުން ޙާޞިލްކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ބަލާށެވެ. ދުވާލަކު އެއް އިރު ކައިގެން ދިރއުޅޭ އެތައް މިލިއަން ބައެކެވެ. އެއްގޮތަކަށްވެސް ބަނޑުފުރާ ކާން ނުލިބޭ އެތައް މިލިއަން ބައެކެވެ. އެމީހުން ކެތްތެރިވަނީ ހަމަ އެންމެ މަޤްޞަދެއް އޮވެގެންނެވެ. އެއީ ސުވަރުގެ ވަނުމެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިގެން ނުވަތަ ޙަރާމް ތަކެތި ކައިގެން ޖަހާ މަސް ވަނުން ގާތީ ނަރަކައަށް ކަމަށް އޮތުމުންނެވެ.
މުހިންމީ މިދުނިޔެއެއް ނޫނެވެ. މަރުވުމަށްފަހު އޮތް ޙަޔާތެވެ. ދުނިޔޭގައި އުފުލަންޖެހޭ ތަކްލީފަކީ އެއްވެސް އެއްޗެއް ނޫނެވެ. ކަމަކަށްވާނީ މަރުވުމުން ދެން އުޅެންޖެހޭނެ ގޮތެވެ. ކުރިމަތިވާނެ ކަންކަމެވެ.
ދަތިޙާލަށް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. އެކަން އެތައް މިލިއަން މީހުން ވަނީ ތަޖުރިބާކޮށްފައެވެ.
ޙަރާމް ގޮޔުގައި ހޯދާ ތަކެތި ކާންދީގެން ދަރިން ބޮޑުކުރުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެވެ. އެއިރުން އެ މަސައްކަތްކުރެވެނީ ތިމާއާއިއެކު ދަރިންވެސް ނަރަކައަށް ވެއްދުމަށެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ނުބައި އަމަލެވެ.
ދަތިޙާލަށް ކެތްނުކުރެވިގެން ވައްކަންކުރުން ފަދަކަންކަމުން ފައިސާ ހޯދުމާއި އަދި ހަށިވިއްކުން ފަދަ ކަންކަމުން ފައިސާ ހޯދައިގެން ދުނިޔޭގައި އުފަލުގައި އުޅެވިދާނެއެވެ. ނަމަވެސް އެފަދަ ކަންކަންކުރާ ގިނަ މީހުންނަށް ދުނިޔޭގައިވެސް އެކަމުގެ ޢުޤޫބާތާއި ކުރިމަތިލާންޖެހެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދުނިޔޭގައި އިންސާނުން ކައިބޮއި އުޅޭ ތަކެއްޗާއިމެދު ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވަނީ ވަރަށް މަދު ބާވަތެކެވެ. ގިނަ ތަކެތި ވަނީ ހުއްދަކުރައްވަވައިފައެވެ.
މީގެ އިތުރުންވެސް ވިސްނައިލާށެވެ! އިންސާނުންގެ ޞީއްޙަތަށް ފައިދާ ކުރާނެ އެއްވެސް އެއްޗެއް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައި ވޭހެއްޔެވެ؟ ނުވާކަން ކަށަވަރެވެ. މިއީ މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުން އިއްތިފާޤްވާ ކަމެކެވެ.
މީސްތަކުންނޭވެ! ﷲ ތައާލާ ޙަރާމް ކުރެއްވެވި ތަކެތި ކައި ބޮއި ހެދުމަކީ ކުޑަ ފާފައެއް ކަމަށް ނުދެކޭށެވެ. އަދި އެކުރެވެނީ ކުޑަ ކަމެއް ކަމަށްވެސް ނުދެކޭށެވެ! ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ގޮންޖެހުމެވެ.
ހަމަ އެއާއިއެކު ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދައިގެން ޙަލާލްތަކެތި ގަނެގެން ކައިބޮއި ހެދުމުން ވެސް ކައިބޮއި އެ ހެދެނީ ހަމަ ޙަރާމް ތަކެއްޗެވެ. ބަނޑަށް އެލެވެނީ ހަމަ އަލިފާނެވެ. މިފަދަ ހުރިހާ ކަންކަމެއް އެ ކުރެވެނީ ހަމަ ޝައިޠާނާގެ މަގުގައި ހުރެވޭތީއެވެ. މިފަދަ ކަންކަން ކުރާ ކޮންމެ މީހަކަށް އެދެވެނީ ނަރަކަ އާއި ކައިރިވެވެމުންނެވެ.
މީސްތަކުންނޭވެ! ވިނިގާ ފަދަ ތަކެއްޗަކީ ކެއްކުމުގައި މުސްލިމުންވެސް ބޭނުންކުރާ ތަކެއްޗެވެ. ވިނިގާ އުފައްދަމުން ގޮސް މިހާރު ވައިން ހުންނަ ވިނިގާ އުފައްދައިފިއެވެ. އެފަދަ އެއްޗެއް ބޭނުން ކުރުމުން ރަހަ ކޮންމެވެސް ވަރަކަށް މީރުވެސް ވެދާނެއެވެ. ސުވާލަކީ ތިމާއަށް ޙަލާލް ނޫން އެއްޗެއް ބޭނުންކޮށް އަދި އެފަދަ ތަކެތި ދަރިންނަށް ކާން ތިއަ ދެނީ މިކުރެވެނީ ކިހައިވަރެއްގެ ފާފައެއްކަން ނުވެސް އެނގި ހެއްޔެވެ؟ އެފަދަ ރަހަތަކަށް ކުދިން ހޭނުވުމުން އެކުދިން އަމިއްލައަށް ކައްކާއިރު އެފަދަ ތަކެތި ބޭނުންކުރާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟ ތިއަ މަސައްކަތް ކުރަނީ ތިމާ އާއިއެކު އަނބިދަރިން ވެސް ގޮވައިގެން ނަރަކައަށް ވަންނަން ހެއްޔެވެ؟
މިފަދަ ނަޞޭޙަތް ދިނުމުން ދޮގުކުރާ، ނުވަތަ ޤަބޫލުކުރާ މީހުން ހަމައެކަނި މި 3 އާޔަތަށް ބަލައި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލު ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އަލްތަޙްރީމް: 6)
"އަދި ﷲ އަށް ތަޤްވާ ވެރިވާށޭ އެމީހާ އާ ދިމާއަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާއަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!" (ބަޤަރާ: 206)
"ކާފިރުވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (އާޚިރަގައި) ތިޔަބައިމީހުން ނަރަކައަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!" (އާލްޢިމްރާން: 12)
--ނޫމާން ޢަލީ ޚާންގެ ދަރުސަކުން