ހިތަށް ބޭނުންވާ ކާނާއަކީ ފައިދާހުރި ކާބޯތަކެއްޗެއް ނޫން! ހިތަށް ބޭނުންވާ ކާނާ ނުދޭނަމަ އުފާވެރިކަމެއް ނުލިބޭނެ!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހިތަށް ބޭނުންވާ ކާނާއަކީ ފައިދާހުރި ކާބޯތަކެއްޗެއް ނޫން! ހިތަށް ބޭނުންވާ ކާނާ ނުދޭނަމަ އުފާވެރިކަމެއް ނުލިބޭނެ!: ޑރ. ޔާސިރު ޤާދީ

އިންސާނުންނަށް ނޭވާލެވެނީ އޮކްސިޖަން ލިބުމުންނެވެ. ހަމައެފަދައިން ހިތަށް އުފާވެރިކަން ލިބެން އޮތީ ހިތަށް ބޭނުންވާ ކާނާ ދެވިގެންނެވެ. ވީމާ އެއީ ކޮންއެއްޗެއްކަން ދެނެގަންނަމާ ހިނގާށެވެ! 

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައަކަށް ދިރިއުޅެންޖެހިފައިވަނީ ހިތާމަ އާއި ހިތްދަތިކަމުގައެވެ. އެއިގެ ތެރެއިން ގިނަ ބައަކަށް އެކަން ނުވަތަ އެޙާލަތު ކުރިމަތިވަނީ އެމީހާއަށް ޢަމަލުކުރެވޭ ގޮތަކުންނެވެ. 

އިންސާނުން ދިރިތިބެން ފެން ބޭނުންވެއެވެ. ފެން ނުލިބިއްޖެނަމަ ކަރުހިއްކައިގަނެ އެކަމުގެ ސަބަބުން މީހާ މަރުވެސްވެއެވެ. ހިތަކީވެސް ހަމަ އެފަދައިންވާ އެއްޗެކެވެ. ހިތަށް ބޭނުންވާ ދިރުން ލިބެނީ ހިތަށް ފޯރުކޮށްދެވޭ ކާނާއިންނެވެ. އެއީ އަގުބޮޑު ތަރުކާރީ އާއި މޭވާ އާއި ކާބޯތަކެއްޗެއް ނޫނެވެ. 

އެއީ ﷲ ތަޢާލާއަށް ޛިކުރުކުރުމެވެ. ހިތަށް ދިރުން ލިބުންވަނީ ޛިކުރުކުރުމުންނެވެ. ހިތަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން ލިބުންވަނީ ހިތަށް ދިރުން ލިބުނުވަރަކުންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު އަޑުއަހާށެވެ. 

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ 

"އަދި ތިމަންރަސްކަލާނގެއަށް ޛިކުރުކުރުމަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރު އަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124) 

ދަތި އުނދަގޫ ދިރިއުޅުމެއްގެ މާނައިގައި ހިތްދަތިކަމުގައި ދިރިއުޅެންޖެހުން ހިމެނިގެންވެއެވެ. ވީމާ އަހަރެމެންގެ ހިތްތަކަށް އުފާވެރިކަން ލިބުން އޮތީ ޛިކުރުކުރުން ގިނަކުރިވަރަކުންނެވެ. އުފާވެރިކަމުގައި ދިރިއުޅެން ބޭނުންވާނަމަ ޛިކުރުކުރުން ގިނަކުރާށެވެ. އެމީޙަކަށް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން