ޤިޔާމަތުގެ ވާހަކަ: ޝަހީދުންގެ ލެޔާއި ޢިލްމްވެރިންގެ ދަވާދަށްވުރެ ބުރަދަންބޮޑުވާނީ ﷲ ތަޢާލާއަށް ބިރުވެތިވެ ކަރުނައަޅައި ރޮއި އުޅުނު މީހުންގެ ކަރުނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
ޤިޔާމަތުގެ ވާހަކަ: ޝަހީދުންގެ ލެޔާއި ޢިލްމްވެރިންގެ ދަވާދަށްވުރެ ބުރަދަންބޮޑުވާނީ ﷲ ތަޢާލާއަށް ބިރުވެތިވެ ކަރުނައަޅައި ރޮއި އުޅުނު މީހުންގެ ކަރުނަ!

ދެން نِدَاء އިއްވެވޭހުށީ މާތްރަސްކަލާނގެ ކިބައަށް ބިރުވެތިވެ ކަރުނައަޅައި ރޮއި އުޅުނު މީހުންނަށެވެ. ފަހެ އެމީހުން ގެންނަވައި އެމީހުންގެ ކަރުނައާއި شهيد ން ގެ ލެއާއި علم ވެރިންގެ ދަވާދާއި އަޅައިކިރުއްވާ ނެތެވެ. ހެއުކަމަށް ބުރަވާހުށީ މިއުރެންގެ ކަރުނައެވެ. 

ދެން އެމީހުންނަށް ދިދައެއް عَقْدُ ކުރައްވައި އެދިދަ ދެއްވާހުށީ سَيِّدنَا نُوح ގެފާނަށެވެ. މިދިދަ ހުންނަހުށީ އެތައް ކުލައަކުންނެވެ. މިހެނީ މިބައިމީހުން ރޮއި އުޅުނީ އެތައްއެތައް ގޮތެއްގައެވެ.  ބައެއްމީހުން ކަލާނގެ ކޯފާއަށް ބިރުން ބަޔެއްމީހުން ކަލާނގެ رَحْمَة އަށް އެދުންބޮޑުވެގެން، ބަޔެއްމީހުން ކުރެވިފައިވާ ކުށްތަކުގެ ސަބަބުން ހިތާމައިން، މިކަހަލަ އެތައް ގޮތަކުންނެވެ. 

މިބައިމީހުން ހިނގައިގަތުމުން މިބައިމީހުންނާއި އެކުގައި ދިއުމަށް علم ވެރީން قَصْدُ ކޮށްފާ ހުއްޓެވެ. އެކަން مَنَع ކުރެއްވިދާހުށި. ދެން علم ވެރިން ދަންނަވަނެޔޭ އެއުރެންނަށް އެރުއިން ރޯން ދަސްވީ އަޅަމެންގެ ސަބަބުންނެވެ. 

ދެން نوح ގެފާނަށް ހުއްޓި ހުންނެވުމަށް أَمْرُ ކުރައްވައިފާ ހުއްޓެވެ. ދެން شهيد ންގެ ލެޔާއި ދަންނަބޭކަލުންގެ ދަވާދާއި އަޅައި ކިރުއްވާހުށި.  ހެޔޮ ކަމަށް ބުރަވަހުށީ شَهِيد ންގެ ލެއެވެ. ދެން شَهِيد ން ގެންނަވައި، އެއުރެންނަށް تَعْرِيف وَحِى ކުރައްވައި ކަނާތްފަރާތަށް ފޮނުއްވައިފާހުށި. 

މިއުރެންނަށް ދިދައެއް عَقْدُ ކުރައްވައި މިދިދަ يَحْيَى ގެފާނަށް ދެއްވާ ހުއްޓެވެ. މިދިދައަކީ ރަތްކުލައިގެ ދިދައެކެވެ. ދެން އެކަލޭގެފާނުން އެއުރެނާއިގެން ކުރިޔަށް ހިންގަވާން ފައްޓަވައިފާހުށި. 

މިބައިމީހުންނާ އެކުގައިވެސް علم ވެރީން ހިގައިގަތުމަށް قصد ކޮށްފާހުއްޓެވެ. މިކަންވެސް منع ކުރެއްވި ދާހުށި. ދެން علم ވެރިން ދަންނަވައިފާ ހުއްޓެވެ. އެއުރެންނަށް ހަނގުރާމަކޮށް شهيد ވާން ދަސްވީ އަޅަމެންގެ علم ންނެވެ. އަޅަމެން އެއުރެންގެ ކުރީގައިވެސް ދިޔުމަށް حَقّ ވެގެންވެއެވެ.

ދެންފަހެ އަރަހުށި މާތްރަސްކަލާނގެ علم ވެރީންނަށް ރުއްސަވައި تَعْرِيف އާއި ثَنَا وَحِى ކުރައްވައި އަންގަވާނެޔޭ. ތިޔަބައިމީހުންވަނީ ތިމަންސުވާމީންގެ حضرة ގައި نبى ބެއިކަލުންގެ ދަރަޖައިގައެވެ. އެހެންވީމާ ތިޔަބައިމީހުން ދާހުށީ ތިޔަބައިމީހުން شَفَاعَة ތެރި ވާނޭ ބަޔަކާއި މެދުގައި شَفَاعَة ތެރިވެ އެބަޔަކު ގޮވައިގެންނެވެ.

ދެންފަހެ عِلم ވެރިޔާ، އެމީހާގެ أهْلُ بَيْت ންނާއި މެދުގައްޔާއި ރައްޓެހިންނާއި، އަވަށްޓެރީންނާއި މެދުގައި شَفَاعَة ތެރިވާހުއްޓެވެ. ކޮންމެ މީހަކު މާތްރަސްކަލާނގެ حضرة ގައި شَفَاعة ތެރިވުމަށް ތެދުވުމުން مَلاَئِكة އަކު ގޮވައިލައްވާނެޔޭ. އެވެނި عِلْمُ ވެރިޔާ شفاعة ގެ مقام ގައި قَائِم ވަނީއެވެ. އެމީހާޔަށް علم ވެރިކަމަށްޓަކައި ބޭނުމެއް ފުއްދައިދީ، ނުވަތަ ކޯވަރެއްދީ، ނުވަތަ އަނގަހިއްކައިގެން ހުރިތާކު ފެންފޮދެއްދީ، ހެދިމީހަކުވާނަމަ ތެދުވާށެވެ. ދެން އެފަދަ ކަމެއް ކޮށްފައިވާމީހަކު ނަމަވެސް ތެދުވާހުށި. މި އެންމެނާއި މެދުގައި علم ވެރިޔާ شَفَاعة ތެރިވެ އެމީހުންތައް سَلاَمَة ވެދާހުށި.

صَحِيْحُ حَدِيث ގައިވެޔޭ. އެންމެ ފުރަތަމަ އަށް މީސްތަކުންނާއި މެދުގައި شَفَاعَة ތެރި ވާހުށީ رَسُولُ ބޭކަލުންނެވެ. ދެން نبي ބޭކަލުންނެވެ. ދެން علم ވެރީންނެވެ. ދެން عِلْمُ ވެރީންނަށް ހުދުދިދައެއް عَقْدُ ކުރައްވައި އެދިދަ ދެއްވާހުށީ سَيِّدُنَا اِبْرَاهِيم ގެފާނުންނަށެވެ. إبراهيم ގެފާނީ رَسُولُ ބޭކަލުންގެ ތެރޭގައި عِلْم އަށް ބޮޑުވެގެންވާ ބެއިކަލެކެވެ.

ދެން نِدَا އިއްވޭހުށީ فَقِير ންނަށެވެ. އެއުރެން ގެންނަވައި އެއުރެންނަށް تعريف ކުރައްވައި وحى ކުރައްވާނެތޭ ދުނިޔެއީ ހުރަގެއެއްކަމުގައިވީ މީހުނަށް އަދުގައި އުފާހުއްޓެވެ. ދެން އެއުރެން ކަނާތްފަރާތަށް ފޮނުއްވައި ދޮންކުލައިގެ ދިދައެއް عَقْدُ ކުރައްވައި، އެދިދަ ދެއްވާހުށީ عِيسَى ގެފާނަށެވެ. އެކަލޭގެފާނުން އެއުރެނާއިގެން ކުރިޔަށް ނުކުމެ ވަޑައިގެންފާ ހުއްޓެވެ.

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން